25 Apr 2020, 00:18
މިހާރު މިއޮތް ލޮކްޑައުންގެ ހާލަތު ނިމުމަކަށް ގެނައި ނަމަވެސް ކުރީގެ އާންމު ދިރިއުޅުމަށް ދިޔުމަށް އަދި ދުވަސްނަގާނެ ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.
މިރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ،. އަފްޒަލް ވިދާޅުވީ މިހާރު އޮތް ލޮކްޑައުންގެ ހާލަތު ނިމިގެންދާއިރުވެސް އަނބުރާ އެންމެ އިހުގެ ދިރިއުޅުމަށް ދިޔުމަށް ވަރަށް ގިނަ ދުވަސް ނަގާނެ ކަމަށެވެ.
"މިހާރު ލޮކްޑައުންގެ ހާލަތުން އަޅުގަނޑުމެން ސަލާމަތްވެ، ނުވަތަ އެކަން ނިމިގެންދާއިރުވެސް އަދި ވަރަށް ދުވަސް ނަގާނެ އެންމެ އިހުގެ ދިރިއުޅުމަށް އަނބުރާ ދާން. ދުވަސްތަކަކަށް އަޅުގަނޑުމެން ޖެހޭނެ ކޮވިޑް އާއި އެކީ ދިރިއުޅެން ދަސްކުރަން. މާނައަކީ ކޮވިޑްގެ ހާލަތުގައި ދިރިއުޅުމަށް ގެންނަން ޖެހޭ ގިނަ ބަދަލުތައް ގެންނަން ޖެހޭނެ،" ޑރ. ވިދާޅުވި އެވެ.
ޑރ، އަފްޒަލް ވިދާޅުވީ އަބަދު ލޮކްޑައުންގައި ނުތިބެވޭނެ ކަމަށާއި، ލޮކްޑައުން ނެގުމުން ދެން ދިރިއުޅުން އޮންނަން ޖެހޭނީ އިހު ހުރި ގޮތަކަށް ނޫން ކަމަށެވެ. ލޮކްޑައުން އުވާލަން ނިންމާ ހާލަތުގައި އެކަމާ ގުޅޭގޮތުން ތަފްސީލ މައުލޫމާތު ދެއްވާނެ ކަމަށް ޑރ. ވިދާޅުވިއެވެ.
މާލެ ސަރަހައްދުން ކޮވިޑް19 ގެ ކޭހެއް މިމަހުގެ 15 ވަނަ ދުވަހު ފެނުމުން މާލެ ސަރަހައްދުގައި ވަނީ 14 ދުވަހުގެ ލޮކްޑައުން އެއް އިއުލާނުކޮށްފައެވެ. މިމަހގެ ނިޔަލަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނު ކޮށްފައިވާއިރު މާލެއިން ފެނުނު ކޭސްތަކުގެ އަދަދު ވަނީ 107 އަށް އަރައިފައެވެ.
ޑރ. އަފްޒަލް ވިދާޅުވީ ލޮކްޑައުންގެ އެއްބޭނުމަކީ ބަލި އިތުރަށް ފެތުރުން ހުއްޓުވައި، ކުރިން ބައްޔަށް ހުށަހެޅިފައިވާ މީހުން ދެނެގަތުން ކަމަށެވެ.
"ލޮކްޑައުންގައި ހަގީގަތުގައި އެއް ބޭނުމަކީ އިތުރަށް ބަލި ފެތުރުން ހުއްޓުވައިގެން އެކްސްޕޯސް ވެފައިވާމީހުންގެ ތެރެއިން އަލާމާތްތައް ފެންނަ މީހުން ހޯދައި، އެމީހުން އައިސޮލޭޓުކޮށް، އެމީހުންނާ ގުޅިފައިވާ ކޮންޓެކްސްޓްސް ތައް ކަރަންޓީނުކޮށް އެހެންގޮތަކަށް ދަންނަވާނަމަ ވޮޝްޑައުންކުރުން،" ޑރ. ވިދާޅުވިއެވެ.
މިފަދަ ދަނޑިވަޅެއްގައި ބަލީގެ އިތުރު ކޭސްތައް ފެންނާނެ ކަމަށް ޑރ. ވިދާޅުވި އެވެ.