25 Apr 2020, 13:41
ރޯދަވީއްލަން އާންމުކޮށް އަހަރެމެން ތައްޔާރުކޮށްއުޅޭ އެކިބާވަތްތަކުގެ ދިވެހި ހެދިކާތަކުގެ ތެރެއިން ބިސްކީމިއާއަކީ ތަފާތު މީރު އެއްޗެކެވެ. މައިގަނޑު އެއްޗެއްގެ ގޮތުގައި ކެބެޖާއި ބިހާއި ބޭނުންކޮށްގެން ތައްޔާރުކުރާ މި ހެދިކާ ހެދުމުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ތަފާތުތަކެއް ހުރެއެވެ.
ސަން ބަދިގޭގައި މިއަދު މި ތައްޔާރުކުރަނީ ބިސްކީމިއާ އެވެ. ކެބެޖާއި ބިހުގެ އިތުރުން ވަޅޯމަސްވެސް މި ބިސްކީމިއާގައި ބޭނުންކުރެ އެވެ. އަޖުމަ ބަލާލުން ރަނގަޅުވާނެ އެވެ. މިއަދުގެ ރެސިޕީވެސް ތައްޔާރުކޮށްދިނީ ކުޅުދުއްފުށިން އާމިނަތު ލިއުޝާ އެވެ.
ބޭނުންވާ ތަކެތި
1 ވަޅޯމަސް ކިބަ (އަތުންވިޔަސް މުގުރާލާފައި ހުންނަވަރަށް)
- 1 ފިޔާ
- ހިކަނދިފަތް
- 1 މޭޒުމަތީ ސަމްސާ ރީދޫ
- 1 މޭޒުމަތީ ސަމްސާ ލޮނު، އަސޭމިރުސް އަދި އަޖިނަމޮޓޯ
- ކެބެޖު ފަޅިއެއް
- 4 ބިސް (ކައްކާފައި)
- 1/2 ޖޯޑު ފުށް
- ތެޔޮ
- ކުޑަ ފެންފޮދެއް
ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ ފިޔާ، ހިކަނދިފަތް ރަނގަޅަށް ރަތްކޮށްލާށެވެ. އެއަށްފަހު ވަޅޯމަސްކޮޅު އަޅާލާށެވެ. ގްރައިންޑާއަކުންވިޔަސް ނުވަތަ އަތުންވެސް މަސްކޮޅު ކުދި ކޮށްލެވިދާނެ އެވެ. އެއަށްފަހު ކެބެޖުތައް ކޮށާލުމަށްފަހު ރަނގަޅަށް ސާފުކޮށްލުމުގެ ގޮތުން ފެން ފޮދަކުން ދޮވެލުމަށްފަހު ފިޔާތަކުގެ ތެރެއަށް އަޅާލާށެވެ. ގާތްގަނޑަކަށް 5 މިނިޓުވަންދެން މަތިޖެހުމަށްފަހު ކެބެޖުތައް މަޑުވަންދެން ބަހައްޓާށެވެ. އެއަށްފަހު ފެނުކައްކާފައި ހުރި ބިސްތައް ކޮށާލުމަށްފަހު ކެބެޖުތަކުގެ ތެރެއަށް އަޅާ މިކްސް ކޮށްލާށެވެ. އަދި އުދުން ނިއްވާލާށެވެ. މި ރެސިޕީގައި ބިސް އެންމެ ފަހުން އަޅާފައިމިވަނީ މާ ބޮޑަށް ޗަސްނުކުރުމުގެ ގޮތުންނެވެ.
އެއަށްފަހު ފުށްގަނޑު މޮޑޭނީ އެވެ. މިއީ ހަމަ އާންމުކޮށް ރޮށިފިހަން މޮޑޭ ފުށްގަނޑެކެވެ. މި ރެސިޕީއަށް ބޭނުންކޮށްފައިވަނީ 1/2 ޖޯޑު ފުށެވެ. ރަހަލާވަރަށް ލޮނު ކޮޅަކާއި، ކުޑަ ތެޔޮކޮޅަކާއި އަދި ފެން އެޅުމަށްފަހު ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު އެހާ ބޮޑު ނޫން ވަރަކަށް ފުށްގަނޑު ދަމާލާށެވެ. އެއަށްފަހު ވީޑިއޯގައި ފެންނަ ފަދައިން ކެބެޖްމިކްސް އަޅާފައި ހަތަރުކަން ރަނގަޅަށް ބައްދާލާށެވެ. މިކަމަށް ރެސިޕީގައި ބޭނުންކޮށްފައިވަނީ ފެން އެކަންޏެވެ.
ދެން ތެޔޮ ހޫނުކޮށްލާ ބިސްކީމިޔާގެ ކުލަ މުށިކުލައަކަށް ބަދަލުވަންދެން ތެލުލާލާށެވެ.