ރާއްޖޭގައި ކޮވިޑަށް ފަރުވާދެމުންދިޔަ ދެ މީހެއް ބަލިން ރަނގަޅުވެ ދޫކޮށްލާފައިވާކަމަށް އެންއީއޯސީ އިން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ރާއްޖެއިން ފެނުނު ކޭސްތަކުގެ ތެރެއިން ކޭސް 17 އާއި ކޭސް 19 ބަލިން ރަނގަޅުވެ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

މި ދެ މީހުންނަކީ އިނގިރޭސިވިލާތުން ރާއްޖެ އައި ދެމީހުންނެވެ. އެމީހުން ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ރާއްޖެއިން ބޭރުން އަންނަ ދިވެހިން ކަރަންޓީނު ކުރާ އުސޫލުން ކަރަންޓީނުގައި ތިއްބައި ބަލީގެ އަލާމާތްތައް ފެނުމުން ޓެސްޓު ހެދުމުންނެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ ކޭސް ނަންބަރު 17 ވެސް ބަލިން ރަނގަޅުވެފައިވާ ކަމަށާއި އޭނާގެ ދެ ޓެސްޓު ޑަބަލް ނެގެޓިވްވީ ނަމަވެސް އަދި އިތުރު ޓެސްޓެއް ހެދުމަށްފަހު ނޫނީ ޑިސްޗާޖު ނުކުރާނެ ކަމަށެވެ.

"ކޭސް ނަންބަރު 18 ވެސް މިހާރު ރިކަވާޑް. އޭގެ މާނައަކީ ޓެސްޓުތައް ޑަބަލް ނެގެޓިވް. ދެން އިން ޓެސްޓު ކުޑަދުވަސްކޮޅެއްގެ ތެރޭގައި ހަދާނެ. ބައެއް ކޭސްތަކުގައި، ބަލިކޮށް އުޅުނުއިރު ވައިރަލް ލޯޑު ހެވީކަމަށް ވަންޏާ، ޑޮކްޓަރުންގެ ޓީމުން ނިންމާފައިވަނީ އެމީހުންގެ ރިކަވަރީ ޑަބަލް ނެގެޓިވް ވިޔަސް އޮބްޒަވޭޝަންގައި ބައިތިއްބާފައި ޓެސްޓު ހަދާފައި ދޫކޮށްލަނީ،" މަބްރޫކު ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 128 މީހުން ކޮވިޑަށް ޕޮޒިިޓިވްް ވެފައިވާއިރު ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 17 އަށް އަރައިފައެވެ.