އިސްލާމިކު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓާ ޝެއިޚު މުހައްމަދު ޝަހީމް އަލީ ސައީދު ދި ޓީވީގެ "ހުކުރުދުވަސް މަސްއޫދާ އެކު" ޕޮރުގްރާމްގައި ހުކުރު ހުތުބާއާއި ބެހޭގޮތުން ދެއްކެވި ވާހަކަތައް އިސްލާމިކް މިނިސްޓްރީން ދޮގުކޮށްފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ޝަހީމް ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވި އިރު ލިޔުއްވާފައިވާ ޚުތުބާތަށް އެޑިޓްކޮށް ބަދަލު ގެނެސް ކިޔާކަމުން ގެންދާކަމަށް ވިދާޅުވި ވިދާޅުވުމަކީ ހަގީގަތާއި ޚިލާފު ދޮގު ވާހަކައެއް ކަމަށެވެ.

ވަޒީފާގެ މަސްއޫލިއްޔަތުގެ ދަށުން ނުވަތަ އުޖޫރައެއް ދީގެން ލިޔުއްވާ އެއްޗިއްސަކީ ވަޒީފާ އަދާކުރާ ތަނުގެ ނުވަތަ އުޖޫރަދޭ އިދާރާއެއްގެ މިލްކަކަށްވާތީ އެ މިނިސްޓްރީން ގަބޫލުކުރާ ގޮތުގައި ޝަހީމް ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވި އިރު ލިޔެފައިވާ ޚުތުބާ ތަކަކީ އެ މިނިސްޓްރީގެ މިލްކެއް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

މިނިސްޓްރީން ތައްޔާރު ކުރުވާ ޚުތުބާތަކުގައި ހުންނަ ދިވެހި ބަހުގެ ކުށްތަކާއި، އިމްލާ ކުށްތައް ރަނގަޅު ކުރުމުގެ އިތުރުން އެއްވެސް ބޭފުޅަކު ލިޔުއްވާފައިވާ އިލްމީ މައުލޫމާތަކަށް އެ މިނިސްޓްރީން ބަދަލު ެނެސް ހަދަމުން ނުދާކަމަށް ވެސް އެ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ދި ޓީވީގެ "ހުކުރުދުވަސް މަސްއޫދާ އެކު" ޕޮރުގްރާމްގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ އޭނާ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އިރު ވަރަށް ގިނަ ޚުތުބާތައް ލިޔުއްވާފައިވާނެ ކަމަށާއި މިހާރަކަށް އައިސް އެ ޚުތުބާތައް އެޑިޓްކޮށް ބަދަލު ގެނައުމަށް ފަހު އޭގެ އަސަރު ކަނޑުވާލައިގެން ކިޔަމުންދާ ކަމަށެވެ.