24 Apr 2020, 23:14
އެމެރިކާގައި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 50،000 އިން މައްޗަށް އަރައިފި އެވެ.
އެމެރިކާގައި ބަލި ޖެހުނު މީހުންގެ އަދަދު 870،000 އަށް ވުރެ މައްޗަށް އަރައިފައިވާއިރު ފާއިތުވި 24 ގަޑިއިރުތެރޭވެސް 3000 މީހުން ވަނީ މަރުވެފައެވެ. މިހާރު މުޅި ދުނިޔެއިންވެސް އެންމެ ގިނަމީހުން ކޮވިޑަށް ޕޮޒިޓިވްވި ގައުމަކަށް އެމެރިކާވަނީ ވެފައެވެ.
އެހެން ނަމަވެސް ވައިޓް ހައުސްގެ ކޮވިޑް ޓާސްކު ފޯސްއިން ބުނީ ޔޫރަޕްގެ ގައުމުތަކާ އަޅާ ބަލާއިރު އެގައުމުގައި މަރުވާ މީހުންގެ ނިސްބަތް ދަށް ކަމަށެވެ. އެމެރިކާގެ އާބާދީގައި 330 މިލިއަން މީހުން ހިމެނެއެވެ.
އެމެރިކާގެ ކޯން ހޮޕްކިން ޔުނިވާސިޓީއިން ބުނީ އެމެރިކާގައި ކޮވިޑް ޖެހި މާބޮޑުވަރު ނުވާ ކިތަންމެ ކޭސްއެއް ރިޕޯޓްވެސް ނުކުރާ ކަމަށެވެ. އެހެންކަމުން މީހުން މަރުވާ ޕަސެންޓޭޖްގެ އަސްލު އަދަދު ކަނޑައަޅަން ނޭނގޭ ކަމަށް ބުނެފައިވެ އެވެ.
ބަލި ޖެހޭ މިންވަރު އިތުރުވަމުން ދިޔަ ނަމަވެސް އެމެރިކާގެ ބައެއް ހިސާބުތައް މިހާރު ވަނީ ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް ހުޅުވާލަން ފަށައިފައެވެ.
ބަލި ޖެހޭ މީހުން ދެނެގަތުމަށް އެމެރިކާއިން މިހާރު ދަނީ ޓެސްޓްކުރުން އިތުރުކުރަމުންނެވެ. އެމެރިކާގެ މެރީލޭންޑް ސްޓޭޓްއިން އެކަނިވެސް މިހާރު ވަނީ 500،000 ޓެސްޓް ކިޓް ހިދުމަތަށް ނެރެ ޓެސްޓްކުރުމަށް ތައްޔާރުވަމުންނެވެ.
އެމެރިކާގެ ނާއިބު ރައީސް މައިކް ޕެންސް ވިދާޅުވީ އެގައުމުގައި މިހާތަނަށް 4.9 މިލިއަން ޓެސްޓްތައް ހަދައިފައިވާ ކަމަށެވެ.
ކޮރޯނާއާ ގުޅިގެން އިއްޔެ އެމެރިކާގެ ކޮންގްރެސްއިން ވަނީ 484 ބިލިއަން ޑޮލަރުގެ އިކޮނޮމިކް ސްޓިމިއުލަސް ބިލެއްވެސް ފާސްކޮށްފައެވެެ.
މިހާތަނަށް މުޅި ދުނިޔެއިން 2،766،562 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު ބަލީގައި 194،454 މީހުން ވަނީ މަރުވެފައެވެ.
(ބީބީސީ)