އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އަށް ރުހުން ދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވޯޓު ދެއްވުނީތީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ހަސަން ލަތީފު މައާފަށް އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޑރ. މަޖީދަށް ވޯޓު ދެއްވުނީ އޮޅިވަޑައިގެން ކަމަށެވެ. އަދި އެކަމަށްޓަކައި ޑީއާރްޕީގެ މެންބަރުންނާއި، ޑރ. މަޖީދަށް ރުހުން ނުދޭން އެދި ތބި ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ަމަށެވެ.

"އަޅުގަޑަށް ވޯޓު ދެވުނީ އޮޅުމަކުން. އެކަމަށްޓަކައި ޑީއާރްޕީގެ އެންމެހާ އަހުންނާއި އުހުންތުންގެ ކިބައިންނާއި އެކަމަށް އެދިތިބި ރައްޔިތުންގެ ކިބައިން މައާފަށް އެދެން،" ހަސަން ލަތީފް ވިދާޅުވި އެވެ.

ޑރ. މަޖީދަށް ރުހުން ނުދެއްވާނެކަމަށް ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ނާއިބު ރައީސް ކެލާ ދާއިރާގެ މެންބަރު ޑރ. އަބުދުﷲ މައުސޫމު އިއްޔެގެ ޖަލްސާގައި ވިދާޅުވި ނަމަވެސް ހަސަން ލަތީފް ވިދާޅުވީ، ޑީލެއްގެ ދަށުން ޑރ. މަޖީދަށް ވޯޓުދޭންވީ ގޮތާމެދު ޑީއާރްޕީގެ އެއްވެސް ލީޑާޝިޕަކުން އެއްވެސް އެއްޗެއް އިއްޔެ އަންގާފައިނުވާ ކަމަށެވެ.

ޑީއާރްޕީން ޑރ. މަޖީދަށް ރހުން ނުދިނުމަށް ނިންމާފައިވަނިކޮށް ޕާޓީގެ ރޫހާ ހިލާފަށް، ހަސަން ލަތީފާއި ޑީއާރްޕީގެ ނާއިބު ލީޑަރު ވިލިނގިލީ ދާއިރާގެ މެންބަރު މުހައްމަދު ރާމިޒް ޑރ. މަޖީދަށް ރުހުން ދެއްވުމަށް ވޯޓު ދެއްވާފައިވުމަކީ އިހްލާސްތެރިކަން ނެތުން ކަމަށް ވިދާޅުވެ ޕީޕީއެމްގެ މެންބަރުން މިއަދު ޖަލްސާގައި ވާހަކަފުޅު ދައްކަވާފައިވާތީ، ހަސަން ލަތީފް ވިދާޅުވީ މަޖިލީހުގައި ވޯޓެއް ދޭ ގޮތަކާމެދު އެއްވެސް މެންބަރަކަށް އަނެއް މެންބަރަކާ ދޭތެރޭގައި ވާހަކަ ދެއްކުމުގެ ހައްގެއް ގާނޫނުއަސާސީން ލިބިގެން ނުވާ ކަމަށެވެ. އެހެންކަމުން އެ ގޮތަށް ވާހަކަ ދެއްކެވި މެންބަރުންނަށް އެ ހައްގު ލިބިގެން ނުވާކަމަށް އިހްތިޖާޖުކުރައްވާ ކަމަށާއި އެކަން ކުށްވެރި ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑރ. މަޖީދަށް ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިފައިވަނީ އިދިކޮޅު ހިޔާޅުތަކާ ހިލާފަށް ޑީއާރުޕީން ވޯޓު ދެއްވުމުންކަމަށް ވިދާޅުވެ ޕީޕީއެމްގެ މެންބަރުން މިއަދުވަނީ ޑީއާރްޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ޕީޕީއެމްގެ ތަރުޖަމާނު އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފު ވިދާޅުވީ، މަޖިލީހަށް ހުށަހަޅާ މައްސަލަތަކުގައި ޑީއާރްޕީގެ މެމްބަރުން ސަރުކާރާ ދެކޮޅަށް ކިޔުނުހާ އެއްޗެއް ކިއުއްވި ނަމަވެސް، ބައެއް ވޯޓު ދެއްވަނީ ސަރުކާރުން ބޭނުންވާ ގޮތަށް ކަމަށެވެ. އަދި އެކަން ކަމަކީ ސަރުކާރާއެކު ޑީލް ހަދާފައިވާކަން އަންގައިދޭކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މައުސޫމުމެން ފަދަ ބޭފުޅުން ތެދުވެ ވަޑައިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ގަޅި އެއްޗެހި އުއްކަވަމުން ގެންދަވާއިރު ޕާޓީގައި ތިއްބެވި މެންބަރުން ވޯޓު ދެއްވާގޮތާމެދުގައި ވިސްނަން އެބަޖެހޭ. މިހެން އަންނަ ކޮންމެ މައްސަލައަކަށް ސަރުކާރާ ދިމާލަށް ހެއްދެވި ނެހެއްދެވިއަށް ގޮވާ، އެކަމަކު ވޯޓްލާއިރުގައި ޑިޕިއުޓީ ލީޑަރު ރާމިޒު އާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރަށް އޮޅިވަޑައިގެން ނޫނީ ވޯޓެއް ނުލެވޭ. އެހެން ބައެއް ދުވަސް ދުވަހު ބައެއް މެންބަރުން ފާހާނައަށް ވަޑައިގަންނަން އެބަޖެހޭ. މިތަނުގައި މަސައްކަތް ކުރާ ކަމަށް ވަންޏާ އެމީހަކު ހުރިގޮތެއް ސާފުކޮށް ރައްޔިތުންނަށް އެބަ އެނގެންޖެހޭ،" މަހްލޫފު ވިދާޅުވި އެވެ.

މަހްލޫފުފެ އިތުރުން ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފާއި ޕީޕީއެމްގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުގެ ނާއިބު ރައީސް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވެސް ޑީއާރްޕީގެ މެންބަރުން ވޯޓު ދެއްވި ގޮތާމެދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޑރ.މަޖީދަށް ރުހުން ދިނުމަށް ފާސްވީ އެންމެ ދެ ވޯޓުގެ ތަފާތުންނެވެ. މަޖީދަށް ރުހުން އޮތްކަމަށް ފާސްކުރަން 37 ވޯޓު ބޭނުންވާއިރު ޖަލްސާގައި ތިއްބެވި 75 މެންބަރުންގެ ތެރެއިން މަޖީދަށް ރުހުން ދިނުމަށް ވޯޓު ދެއްވީ 38 މެންބަރުންނެވެ. މަޖީދަށް ރުހުން ދޭން ނުފެންނަ ކަމަށް 35 މެންބަރުން ވޯޓު ދެއްވި އެވެ.