25 Apr 2020, 09:37
މިއަހަރު ދިވާލީ ފެސްޓިވަލާ ދިމާކޮށް ދެއްކުމަށް ނިންމި ފިލްމު "ދާކަޅް" މި އަހަރު ނުފެންނާނެ ކަމަށް ޕްރޮޑިއުސަރު ސޮހައިލް މަޚްލާއީ ބުނެފި އެވެ.
ކަންގަނާ ރަނައުތު ލީޑު ރޯލުން ފެނިގެންދާ އެކްޝަން ފިލްމު މިއަހަރު ފެންނާނެކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އެ ފިލްމުގެ ޝޫޓިން މި އަހަރު ޖުލައި މަހު ފަށަން ތާވަލްކުރި ނަމަވެސް ކޮވިޑް19ގެ ސަބަބުން ވަނީ ފިލްމު ޝޫޓްކުރުމަށް ހުރަސްތަކެއް ދިމާވެފައެވެ. ކުރިން ރޭވިފައިވާ ގޮތުން ފިލްމު ޖުލައި މަހު ޝޫޓްކުރުމަށް ފަހު ދިވާލީ ދުވަސްވަރު ފިލްމު ސިނަމާތަކަށް އަންނާނެއެވެ. ނަމަވެސް ކޮވިޑް19 ގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތައް މިހާރު ހުއްޓިފައިވާއިރު އިންޑިއާވެސް ވަނީ ލޮކްޑައުންކޮށްފައެވެ.
ސޮހައިލް ބުނީ ފިލްމުގެ ޝޫޓިން ފެށޭނެއިރެއް ބުނަން ނޭނގޭ ކަމަށާއި ފިލްމުގެ މަސައްކަތްތައް ފަށާނީ ކޮވިޑް19 އިން ގައުމު ސަލާމްވުމުން ކަމަށެވެ. މި ފިލްމަކީ ރަޒްނީޒް (ރާޒީ) ގާއީ ޑައިރެކްޓްކޮށް އުފައްދާ ފިލްމެކެވެ.
ފިލްމުގައި ކަންގަނާގެ އިތުރުން ހަރަކާތްތެރިވާނެ ތަރިންނަކީ ތައްބޫ، މިމޯ ޗަކްރަބަތީ އަދި މަނޯޖް ތިވާރީއެވެ.