20 Dec 2011, 12:02
ލ. އަތޮޅު ކަޅައިދޫ އާއި ބޮކަފުއްޓާއި ދޭތެރޭ ކަނޑުތޮށި މައްޗަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ލެއްގި 70 ފޫޓްގެ ބޮޑު މަސް ނައްތާލުމަށްޓަކައި ކަފުޖަހައިގެން މާކަނޑަށް ނެރެ އޮޔާ ބައްސާލުމުގެ މަސައްކަތް ފަށައިފި އެވެ.
އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލް އަބްދުލްރަހީމް މިއަދު ވިދާޅުވީ ވަރަށް ބޮޑަށް ކުނިވެފައި އޮއްވާ ފެނުނު އެ މަސް ނައްތާލުމުގެ މަސައްކަތް އެ ދުވަހުން ފެށިގެން އެމްއެންޑީއެފުން ފަށާފައިވާ ކަމަށާއި ލ. އަތޮޅު މާންދޫގެ ބޯޓެއްގެ އެހީގައި ކަފުޖަހައިގެން އެމަސް މާ ކަނޑުތެރެއަށް ނެރެ، އޮޔާ ބައްސާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި ވިދާޅުވީ މިގޮތަށް އެ މަސް ނައްތާލަން ނިންމީ މިހާރު ރާއްޖޭގައި އޮޔާއި ވައި ހުރި ގޮތަކަށް ބަލާފައި އިތުރަށް ރާއްޖޭގެ އެއް ވެސް ހިސާބަށް އެ މަސް ނުލައްގާނެ ކަމަށް ބަލައި އެއީ އެންމެ ރައްކާތެރި ގޮތް ކަމުގައި ބަލައިގެން ކަމަށެވެ.
"މިއީ ވަރަށް ބޮޑު މަހަކަށް ވެފައި، މިމަސް ނައްތާލަން އެންމެ ސަލާމަތް ގޮތަކީ ރާއްޖޭގެ ބޭރު ކަނޑުގެ ސަރަހައްދަށް ނެރެ ދޫކޮށްލުން ކަމަށް ކަމާ ބެހޭ އެހެން ފަރާތްތަކުގެ ލަފާ ދެއްވާފައިވާތީ އެގޮތަށް ނިންމީ، މިއަދުގެ ވަގުތެއްގައި ބޭރު ކަނޑުގެ ސަރަހައްދަށް ދޫކޮށްލާނެ، އެމަސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމުން ދޫކޮށްލުމަކުން އިތުރު ނުރައްކަލެއް ކުރިމަތިވާނެ ކަމަކަށް ނުބެލޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ވޭލްވޭލް އާއިލާގެ ވައްތަރެއްގެ މަހެއް ކަމަށް ބެލެވޭ މިމަސް ދޫކޮށްލަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ކަމުގައި ވީނަމަވެސް އެމަސް މިހާރުވެސް އޮންނަނީ ދެފެން ދޭތެރެއަށް ވުރެ އަޑީގައި ކަމަށާއި އެހެން ކަމުން ފެނުން މައްޗަށް އެރުމުގެ ފުރުސަތު ވެސް ކުޑަ ކަމަށް އޮފިސަރު ވިދާޅުވި އެވެ.
ލިޔުމާ ގުޅޭ އޯޑިއޯ: