24 Apr 2020, 15:57
ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އައިސް މިހާރު ވަނީ ވެންޓިލޭޓަރުގެ އެހީ ބޭނުންވެފައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު އެންމެ ބޮޑަށް ބިނާވެފައިވާ ފަތުރުވެރިކަން ވަނީ އެއްކޮށްހެން މަޑުޖެހިފައެވެ. އޭގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ގެއްލުންތަކެއް ދަނީ ކުރަމުންނެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއެކު ރާއްޖޭގެ އިގްތިސޯދަށް ކުރަމުން އަސަރާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ މިއީ އާންމު ހާލަތެއް ނޫން ކަމަށާއި މި ހާލަތުގައި އިގްތިސޯދަށް ބޭނުންވާ ބޭސް ދޭން ޖެހޭނެ ކަމަށެވެ.
"ކޮންމެ ބޭހެއްގައިވެސް ސައިޑް އިފެކްޓްސް ތަކެއް ހުންނާނެ، އަދި ސައިޑް އިފެކްޓާ ހުރެ ބޭސް ބޭނުން ނުކުރާ ނަމަ ލިބޭ ގެއްލުން މާ ބޮޑުވާނެ،" އަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އިގްތިސާދު ދިރުވުމަށް ދޭ ބޭހުގެ ސައިޑް އިފެކްޓްއަށް ފަރުވާ ދިނުމަކީ އަޅަން ޖެހޭ ފިޔަވަޅު އެޅުމަށްފަހު އެންމެ ފުރަތަމަ ކުރާނެ ކަންތައް ކަމަށެވެ.
"އިގްތިސާދުގެ ބަހާތައް، އެއީ މީހުން، ރައުސުލްމާލް އަދި އެސެޓްސް ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން ފިޔަވަޅުތަކެއް އަޅަން އެބަ ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރި ވިދާޅުވީ މީހުންނާއި ރައުސުލްމާލް އަދި އެސެޓްތައް ދެމެހެއްޓުމަށް ފިޔަވަޅު އެޅުމަށް ފަސްޖެހުމަކީ އިގްތިސާދު ހަމަޖެހުމަށް ދެވޭނެ ގެއްލުމެއް ކަމަށެވެ.
ރާއްޖޭގައި ބަލީގެ ހާލަތު ބަދަލުވެދާނެ ގޮތްތަކެއް ލަފާކޮށް ވަނީ ސިނާރިއޯތަކެއް ނުވަތަ ހާލަތްތަކެއް އެކުލަވާލައިފަ އެވެ. އެގޮތުން މިހާރު ރާއްޖެ ސިނާރިއޯ ތިނެއްގައި އޮތް އިރު، ރާއްޖޭގެ ބޯޑަރު ހުޅިވާލެވޭނެ ކަމަށް މިހާރު ބެލެވެނީ، ޖުލައި މަހު އެވެ. މި ސިނާރިއޯގައި މިއަހަރުގެ ތެރޭގައި ރާއްޖެ އަންނާނީ 462،868 ޓޫރިސްޓުންނެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 50 ޕަސެންޓް ދަށް އަދަދެކެވެ. އެކަމާ ގުޅިގެން ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރާ މިންވަރު 11.5 ޕަސެންޓަށް ދަށްވެގެންދާނެ އެވެ.
ދައުލަތުން މިއަހަރަށް ހުށަހެޅި ބަޖެޓަށް މިހާރު ލިބޭނެ ކަމަށް ލަފާކުރެވެނީ، 15.26 ބިލިއަން ރުފިޔާ އެވެ. މިއަހަރަށް 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅި ނަމަވެސް، 30 ބިލިއަން ރުފިޔާއަށް އެ ބަޖެޓް ފިނޭންސުން މިހާރު ވަނީ ކުޑަކޮށްފަ އެވެ. އޭރުންވެސް އިތުރަށް 13.23 ބިލިއަން ރުފިޔާ ދައުލަތަށް އިތުރަށް ހޯދަން ޖެހެ އެވެ. އެހެން ކަމުން ބަޖެޓް ޑެފިސިޓް، ޖީޑޯޕީގެ 13.70 ޕަސެންޓަށް އަރާނެ އެވެ.