ޕަބްލިކް އެކައުންޓް އޯވަޑްރޯ (އޯޑީ) ކުރުމަކީ، ފައިސާ ޗާޕް ޖެހުމެއް ނޫން ކަމަށާއި އެކަމަށް އެދުމަކީ ބްލޭންކް ޗެކެއް ހޯދުމަށް އެދުން ކަމަށް ނުބެލެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު، އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަހާ ގުޅިގެން އިގްތިސާދަށް އައިސްފައިވާ ލޮޅުމާއެކު، ސަރުކާރުގެ ހިންގުން ހުއްޓުމެނެތި ކުރިއަށް ގެންދިއުމަށް ކޮންމެހެން ބޭނުންވާ 4.2 ބިލިއަން ރުފިޔާ ދޫކުރުމުގެ ހުއްދަ ހޯދުމުގެ ގޮތުން ފިނޭންސް މިނިސްޓަރު އަމީރު ވަނީ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް އެއްހަރު ދުވަހަށް ސަސްޕެންޑް ކުރުމަށް އެދިފަ އެވެ. އެއާއެކު ބައެއް މެމްބަރުން ވަނީ، އެއީ ބްލޭކް ޗެކެއް ދިނުން ކަމަށް ސިފަ ކުރައްވާފަ އެވެ.

އޯވަޑްރޯ ކުރުމަކީ، ޕަބްލިކް އެކައުންޓުގައި ހުންނަ ފައިސާގެ އިތުރަށް ފައިސާ ނެގުމެމެވެ.

މިއަދު ދަރުބާރުގޭ، އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ބޭރުގެ އެހީތައް ލިބެން ހުރި ނަމަވެސް މިވަގުތަށް ޕަބްލިކް އެކައުންޓުގެ އޯޑީ ފެސިލިޓީ އިތުރުކޮށްގެން ނޫނީ މިހާރު ކުރެވެން ހުރި ހަރަދުތައް ހަމަ ނުޖެއްސޭނެ ކަމަށެވެ. އެގޮތަށް ޕަބްލިކް އެކައުންޓް އޯވަ ޑްރޯ ކުރުމަކީ ދުނިޔޭގެ އެހެން ގައުމުތަކުން އަބަދުވެސް ކުރާ ކަމެއް ކަމަށާއި މިހާރު ވެސް އެކަން ކުރަމުން އަންނަ ކަމަށް އަމީރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އަމީރު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި -- ފޮޓޯ/ ރައީސް އޮފީސް

"އިތުރަށް އަޅުގަނޑުމެން ބޭރުން ފައިސާ ގެނެސް ޕަބްލިކް އެކައުންޓަށް ޖަމާ ކުރާ ހިސާބުން އެ ޕޮޒިޓިވްވެގެން ދާނެ. އެއީ ޗާޕް ކުުރުމެއް ނޫން،" އަމީރު ވިދާޅުވި އެވެ. "މިއީ އެއްގޮތަކަށް ވެސް ބްލޭންކް ޗެކެއް ހޯދުމެއް ނޫން. އެކަން އޮޅުވާނުލެއްވުން ވަރަށް ބޮޑަށް އެދެން،"

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ބުނާ ގޮތުން އެގޮތަށް ފައިސާ ނެގޭނި، ވޭތުވެދިޔަ ތިން އަހަރުގެ އެވްރެޖް އާމްދަނީގެ އެއް ޕަސެންޓާ ހަމައަށް އޯވަޑްރޯ ކުރަން ކަމަށާއި މިއީ ގާތްގަނޑަކަަަށް 220 މިލިއަން ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް މިހާރު އަންދާޒާ ކުރާ ކޭޝްފްލޯ މެނޭޖް ކުުރުމަށް 220 މިލިއަން ރުފިޔާއަކީ، އެކަށީގެންވާ މިންވަރުގެ އަދަދެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އިގްތިސާދަށް އަޅުގަނޑުމެން ފައިސާ ދޫ މިކުރަނީ، [އޯޑީ ފެސިލިޓީ އިތުރުކުރުމަށް ބޭނުންވަނީ] ސިއްހަތައް ކުރަން ޖެހޭ ކަންކަމަށާއި މިހާރު ކުރިއަށްދާ މަޝްރޫއުތަކަށް ދޭން ޖެހޭ ފައިސާއާއި މުސާރަށް ދިނުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އެއް އަހަރަށް ގާނުނުގެ ބައެއް ސަސްޕެންޑް ކުރުމަށް އެދުނީ، ގާނޫނުގައިވެސް ބުނާ ހާއްސަ ހާލަތެއް މެދުވެރިވެގެން ކަމަށެވެ. އެގޮތުން ގާނޫނުގެ 36 ވަނަ މާއްދާގެ (ރ)ގައި ބުނާ ދެ ހާލަތްވެސް މިހާރު ދިމާވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ ފުރަތަމަ ހާލަތަކީ، ގުދުރަތީ ކާރިސާ އެއް މެދުވެރިވުން ކަމަށާއި ދެވަނަ ހާލަތަކީ، އިގްތިސާދަށް ބޮޑު ހިނާރު ކަމެއް އަންނަ ހާލަތު ކަމަށެވެ. އެހެން ކަމުން ކޮވިޑް-19ގެ ބަލިމަޑުކަމާއެކު މިހާރު އެ ދެހާލަތްވެސް އައިސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީރު: އިގްތިސާދުގައި މިވަގުތު ފައިސާ ދައުރުވުން މުހިންމު ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

އޯޑީ ކުރުމުން އިގްތިސާދަށް އަސަރެއް ނުކުރާނެ: އަމީރު

މިނިސްޓަރު އިތުރަށް ވިދާޅުވީ، ދައުލަތުގެ ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރަނީ މިހާރު ހިނގާ ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ދިނުމަށާއި މުވައްޒަފުންގެ މުސާރަތަކަށް ހޭދަކުރުމަށް ކަމަށެވެ. އެހެން ކަމުން މިހާލަތުގައި އޯޑީ ކޮށްގެން އިގްތިސާދަށް އަސަރުތަކެއް ކުރާނަކަމަށް ނުދެކޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ފިސްކަލް ރެސްޕޮންސިބިިލިޓީ އެކްޓްގައި ހުރި އެހެނިގެން ކަންތައްތައް ދޫކޮށްލަނީ އެއް ނޫން. ހަގީގަތުގައި ފިސްކަލް ޑިސިޕްލިންގައި ހުރި ހުރިހާ ތަޅުތަކެއް އެބަހުރި. ހަމައެކަނި އޯޑީ ކުރެވޭ މިންވަރު އަޅުގަނޑުމެން އިތުރު މިކުރަނީ އެއް އަހަރަށް. އެހެންވީމަ އަޅުގަނޑު ނުދެކެން އޭގެ ސަބަބަބުން އިގްތިސާދަށް އިތުރު ލޮޅުންތަކެއް އަންނާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މި ގޮތަށް ފައިސާ ދޫކުރި ނަމަވެސް ތަކެތީގެ އަގު އަދި ރުފިޔާގެ އަގުވެސް ނުވެއްޓޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން އިންފްލޭޝަން އިތުރަށް ގޯސްވެެގެން ދާނެ ކަމަކަށް. އަދި އެކްސްޗޭޖް ރޭޓްވެސް. މިއީ އަޅުގަނޑުމެން ކޮންމެހެން ކުރަން ޖެހޭ ހަރަދުތަކެއް، އެހެންވީމަ އެކްސްޗޭޖް ރޭޓަށް އަންނަ ލޮޅުންތައް މިޓިގޭޓް [ކުޑަވެގެން] ދާނެ ބޭރުގެ ފައިސާ ގެންނަ މިންވަރަކުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ކޭޝްފްލޯ ހަމަޖެއްސުމަށްޓަކައި ވަރަށް ގިނަ ދާއިރާތަކުން މިހާރު ހަރަދު ކުޑަކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިއަހަރަށް ލަފާކޮށް ފާސް ކުރި 37 ބިލިއަން ރުފިޔާގެ ބަޖެޓު 30 ބިލިއަނަށް ކުޑަ ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހަރަދުކުޑަ ކުރުމަށް އަޅާފިޔަވަޅުތައް:

  • އިސްގަމާމުތަކުގެ މީހުންގެ މުސާރަ ކުޑަކުރުން/ އިތުރަށް މުވައްޒަފުން ނުނެގުން.

  • ސަރުކާރުންގެ ދަތުރުފަތުރު މަޑުޖައްސާލުން.
  • ހަރުމުދާ ހޯދުން މަޑުޖައްސާލުން.
  • އާ މަޝްރޫއުތައް އެވޯޑް ކުރުން ހުއްޓާލުން.
  • ޑެޓް ރިލީފް އަދި މޮރެޓޯރިއަމް ހޯދުމުގެ މަސައްކަތްކުރުން.
    35،000 ރުފިޔާ އަށްވުރެ ބޮޑު ކޮންމެ ހަރަދެއް ކުރުމަށް ހުއްދަ ހޯދުން.

މިނިސްޓަރު ވިދާޅުވިގޮތުގައި، ކޭޝްފްލޯ ހަމަޖެއްސުމަށް މިގޮތަށް ހަރަދުކުޑަ ކުރަން ނިންމި ނަމަވެސް މިހާރު ތިބި މުވައްޒަފުން މަދުކޮށް، ނުވަތަ މުވައްޒަފުންގެ މުސާރަ ކުޑަކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"ސަރުކާރުން މިއޮތީ ސަރުކާރުން ކުރަން ޖެހޭ ހަރަދުތައް ވަރަށް ބޮޑުތަކުން ކުޑަ ކޮށްފައި. މުސާރަތައް ކުޑަ ކޮށްފައި، ސިވިލްސާވިސްގެ މުވައްޒަފުންގެ މުސާރަ މަދުކޮށްފައި، މިހާރު ހިނގަމުންދާ މަޝްރޫތަކަށް ފައިސާ ދިނުން މަޑުޖައްސާލައި، އެގޮތަށް ޕޮލިސީއެއް ރާވާނަމަ، އިގްތިސާދީ ކާރިސާ ގޯސްވެގެން ދާނީ،" ސަރުކާރުން އެފަދަ ވިސްނުމެއް ނެތްކަމަށް ބަޔާން ކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ. "މިކަހަލަ ކާރިސާއެއްގައި އިގްތިސާދީ ކޮންމެވެސް ހަރަކާތްތަކެއް ހިންގެން ޖެހޭ. މަނީ ސާކިއުލޭޓް ވާން އެބަ ޖެހޭ. އެކަން ކުރުމަށް މިހާރު އޮތް ހަމަ އެކަނި އިގްތިސާދީ އެޖެންޓަކީ ސަރުކާރު."