ކޮވިޑް 19އާ ދެކޮޅަށް ކުރެވޭ މަސައްކަތަކަށް ރާއްޖެއިން 1.6 ބިލިއަނެއްހާ ރުފިޔާ ހަރަދު ކުރަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަހުގެ ބަލިމަޑުކަމުން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގައި ވަނީ އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. އެ ގާނޫނުގެ ދަށުން ވަކި ހައްސަ ބަޖެޓެއް ހަރަދުކުރުމަށް ހާއްސަ ކުރަން ޖެހެ އެވެ.

މިއަދު ދަރުބާރުގޭ، އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވި، ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތަށް މިހާރުވެސް 223 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. ނަަވެސް މިހާރު އާންމުންގެ ތެރޭ ވައިރަސް ފެތުރުމާއެކު ހަރަދު ކުުރަން ޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.

"ކޮމިއުނިޓީ ސްޕްރެޑެއް ފެނުމާއެކު މިހާރު ކޮވިޑް19އާ ގުޅިގެން އަޅުގަނޑުމެން މިހާރު އަންދާޒާ ކުރެވޭ 1.6 ބިލިއަން ރުފިޔާގެ ހަރަދު ހިނގާފާނެ ކަމަށް. އަދި ހާލަތު ދިގުދެމިގެންދާނެ ވަރަކަށް މި އަދަދު އިތުރުވެގެންދާނެ ކަމަށްވެސް އަންދާޒާ ކުރެވޭ،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

އަމީރު ވަނީ ކޮވިޑް19އާ ގުޅިގެން މިހާތަނަށް ހަރަދު ހިނގާނެ ކަމަށް ލަފާ ކުރެވޭ ގޮތުގައި ތަފްސީލުވެސް ހާމަކުރައްވާފަ އެވެ. އެގޮތުން އެންމެ ބޮޑޫ ހަރަދެއް ކުރަން ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ، ރައްކާތެރިވުމަށް ބޭނުންވާ ސާމާނު ހޯދުމަށް އަދި މީހުން އައިސޮލޭޓް ކުރުމާއި ކަރަންޓީން ކުރުމާށާއި އެ ފެސިލިޓިސްތަކަށެވެ. ސާމާނު ހޯދުމަށް ކޮށްފައިވާ ހަރަދުގެ އަދަދަކީ، 660.03 ރުފިޔާ އެވެ. އައިސޮލޭޝަން އާއި ކަރަންޓީންނަށް 594.73 ރުފިޔާ ވަނީ ހަރަދު ކުރުމަށް ހިމަނާފަ އެވެ.


މިނިސްޓަރު މިއަދު ހާމަ ކުރެއްވި މައުލޫމާތު ---

މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި މިނިސްޓްރީން ލަފާ ކުރާ ގޮތުގައި މިހާރު އޮތް ހާލަތުން ގާތްކަޑަކަށް 1.4 ބިލިިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާ ކުރެވެ އެވެ.

ވެރިރަށް މާލެއަށް ކޮރޮނާވައިރަސް ފެތުރިގެންފައިވާ އިރު، މާލެއިން މިހާތަނަށްފެނުނު ކޭސްތަކުގެ އަދަދު ވަނީ، 96 އަކަށް އަރާފަ އެވެ. އަދި މިހާތަނަށް ރާއްޖެއިން ފެނުނު ކޭސްތަކުގެ އަދަދަކީ، 116 އަށް އަރައިފަ އެވެ.

ކޮރޯނާވައިރަހުގެ ސަބަބުން އިގްތިސާދަށް އަންނަ ލޮލުޅުން ކުޑަކުރުމަށް ސަރުކާރުން މިހާރު ވަނީ ގިނަ ދާއިރާތަކުން ހަރަދު ކުޑަ ކުރުމަށް ވެސް ނިންމާފަ އެވެ. އަދި ވިޔަފާރިތަކަށް އެހީވުމަށް ސްޓިމްލަސް ޕެކޭޖެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ.