24 Apr 2020, 15:45
މިއަދަކީ ދުނިޔޭގެ ގިނަ އިސްލާމީ ގައުމުތަކަށް މުލަ ރޯދަ ދުވަހެވެ. އިއްޔެއަކީ ހިޖްރީގޮތުންޝައުބާން މަހުގެ 30 ވަނަ ދުވަސްކަމާއި މިއަދަކީ 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ އެއްވަނަ ދުވަސްކަމަށް އިސްލާމީ ގިނަ ގައުމުތަކުންވަނީ އިއުލާނުކޮށްފައެވެ. މީގެތެރޭގައި ގިނައީ އަރަބި ގައުމުތަކާއި އޭޝިއާގެ އިސްލާމީ ގައުމުތަކާ އަދި އެފްރިކާގެ އިސްލާމީ ގައުމުތަކެވެ.
މިއަދަކީ ރަމަޟާން މަހުގެ އެއްވަނަ ދުވަސްކަމަށް އިއުލާނު ކުރި ގައުމުތަކުގެ ތެރޭގައި މިސްރު، އުރުދުން، ފަލަސްތީން، ޔަމަން، ލީބިޔާ، އަލްޖަޒާއިރު، މޮރިޓޭނިޔާ، ތޫނިސް، ސޫރިޔާ، ސައޫދީ، އަދި ގަލްފުގެ ގައުމުތަކުގެ ތެރެއިން އުމާން ފިޔަވައި އެހެން ގައުމުތައް ހިމެނެއެވެ. މީގެއިތުރުން އިންޑޮނީޝިއާ، މެލޭޝިއާ، ޕާކިސްތާން، ބަންގްލަދޭޝް، ބުރުނާއި އަދި އަފްޣާނިސްތާނާއި މެދުތެރޭ އޭޝިޔާގެ އިސްލާމީ ގައުމުތަކާއި ތުރުކީންވެސްވަނީ މިއަދަކީ ބަރަކާތްތެރި ރަމަޟާން މަހުގެ އެއްވަނަ ދުވަސްކަމަށް އިޢުލާނުކޮށްފައެވެ.
ބައެއް ގައުމުތަކަށް މިއަދަކީ ޝަޢުބާން މަހުގެ 30 ވަނަ ދުވަސް
ނަމަވެސް މިއަދަކީ ޝައުބާން މަހުގެ 30 ވަނަ ދުވަސްކަމާއި މާދަމައަކީ ރަމަޟާން މަހުގެ އެއްވަނަ ދުވަސްކަމަށްވެސް ބައެއް އިސްލާމީ ގައުމުތަކުން އިޢުލާންކޮށްފައިވެއެވެ. އޭގެތެރޭގައި މޮރޮކޯ، ޢުމާން، އީރާން، ސޫދާން، ސެނެގާލް، ޗާޑް، މާލީ، ނައިޖީރިއާ، ނައިޖަރު، ގެންބިއާ، ސޮމާލިއާ އަދި ޖިބޫތީ ހިނެއެވެ.
މީގެއިތުރުން މުސްލިމް ނޫން ގައުމުތަކުގައި ދިރިއުޅޭ އިސްލާމީ މުޖްތަމައުތަކުގެ ތެރެއިންވެސް ގިނަ މުޖްތަމައުތަކުން ވަނީ މިއަދަކީ ރަމަޟާން މަހުގެ އެއްވަނަ ދުވަސްކަމަށް އިޢުލާނުކޮށްފައެވެ. މިއަހަރު ބަރަކާތްތެރި ރަމަޟާން މަސް ދުނިޔޭގެ މުސްލިމުންނާ ކުރިމަތިލާފައިމިވަނީ ފަހުގެ ތާރީޚެއްގައި ދުނިޔެ ނުދެކޭފަދަ ހައްސާސް އަދި ޚުތޫރަތްތެރި ދަނޑިވަޅެއްގައެވެ. ކޮރޯނާ ވައިރަސް "ކޮވިޑް-19" ގެ ސަބަބުން މުޅި ދުނިޔެ ބޮޑު ކާރިސާއެއްގެ ތެރޭގައިވާ ވަރަށް ބިރުވެރި އަދި ނުތަނަވަސް ދަނޑިވަޅެއްގައެވެ.
ދުނިޔޭގެ ދަތުރުފަތުރާއި އިގްތިސާދީ ހަރަކާތްތަކާއި ސަޕްލައި ޗެއިން ހުއްޓިފައި
ކޮވިޑް-19 މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދިޔުމުގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރާއި އިގްތިސާދީ ގިނަ ހަރަކާތްތަކާއި ސަޕްލައި ޗެއިންތައް ހުއްޓާލާފައިވާއިރު ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށްވުރެވެސް ގިނަ ބަޔަކު ވަނީ ބޭރަށް ނުނުކުމެ ގޭބަންދުގައި ތިބެންޖެހިފައެވެ.

ޖަމާއަތުގައި ނަމާދުކުރުމާއި ޖަމާއަތުގައި ތަހާވީޙު ކުރުންވެސް މެދުކަނޑާލާފައި
މީގެއިތުރުން ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އިސްލާމީ ގައުމުތަކާއި ޣައިރު މުސްލިމު ގައުމުތަކުގެ އިސްލާމީ މުޖްތަމައުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމާއި ޖަމާއަތުގައި ތަހާވީޙު ކުރުންވެސްވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ.
އަދި މުސްލިމުންގެ ތިން ހަރަމްފުޅު ކަމަށްވާ މަސްޖިދުލްހަރާމް އާއި މަސްޖިދުއްނަބަވީ އަދި މަސްޖިދުލްއަގްސާ ގައި ޖަމާއަތުގައި ނަމާދުކުރުމާއި ޖަމާއަތުގައި ތަހާވީޙު ކުރުންވެސްވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ. ނަމަވެސް ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ދެ ގައުމުކަމަށްވާ އިންޑޮނޭޝިއާއާއި ޕާކިސްތާނުންވަނީ ގައިދުރުކަން ބެހެއްޓުން ޝަރުތުކޮށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމާއި ތަރާވީހު ކުރުމުގެ ފުރުސަތު އެގޮތަށްކުރަން ބޭނުންވާ ބަޔަކަށް ދީފައެވެ.
ރަމަޟާން މަހުގެ އިޖްތިމާޢީ ހަރަކާތްތަކާއި ބާޒާރުތައް ހުއްޓިފައި
ރަމަޟާން މަހަކީ ދީނީގޮތުންނާއި އިޖްތިމާއީ ގޮތުން މުސްލިމުންނަށް ވަރަށް އަދަޔާ ޚިލާފު މައްސަރެކެވެ. އެއްތަނަކަށް ޖަމާވެ، ޖަމާއަތުގައި ރޯދަވީއްލުމާއި އެނޫންވެސް އާދަކާދަތަކުގައި ވަރަށްބޮޑަށް މަޝްޣޫލުވެގެން އުޅޭ މައްސަރެކެވެ.
ނަމަވެސް، މި ފަހަރުގެ ރަމަޟާން މަސްމިވަނީ ކޮވިޑް-19 އާ ގުޅިގެން ދަތުރުފަތުރު ހުއްޓި، އެއްތަނަކަށް ޖަމާވުން މަނާވެ އިޖުތިމާއީ ގައިދުރުކަން (ދުރުދުރުގައި ތިބުން) އިސްކުރަންޖެހިފައެވެ. އަދި ރަމަޟާން މަހަށް ހާއްސަކޮށްގެން މުސްލިމުން ހިންގާ ބޮޑެތި ބާޒާރުތައްވެސް މިއަހަރު ގެ ރަމަޟާންމަހުވަނީ ކުރިއަކަށް ނުގެންދިޔުމަށް އިސްލާމީ ގައުމުތަކުންނާއި އިސްލާމީ މުޖްތަމައުތަކުންވަނީ ނިންމާފައެވެ. (ނޫސްއެޖެންސީތައް)