މިއަދުވެސް މާލެއިން ކޮރޯނާވައިރަހުގެ، ކޮވިޑް-19 ގެ ހަ ކޭހެއް މިއަދު ފެނިފައިވާކަން، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފި އެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި މިއަދު އަލަށް ފެނުނު ހަ ކޭސްއަކީ، ހިމެނެނީ ދެ ދިވެހިންނާއި ދެ ބަންގްލަދޭޝް މީހުން އަދި ސްރީލަންކާ މީހަކާއި އިންޑިއާ މީހެކެވެ.

މިއާއެކު މާލެއިން ފެނުނު ކޭސްތަކުގެ އަދަދު ވަނީ، 96 އަކަށް އަރާފައެވެ. އަދި މިހާތަނަށް ރާއްޖެއިން ފެނުނު ކޭސްތަކުގެ އަދަދަކީ، 116 އެވެ.

މިއީ ރާއްޖެއިން ލަންކާ މީހަކު މިވައިރަހަށް ޕޮޒިޓިވްވެގެން އެޗްޕީއޭ އިން ހާމަ ކުރި ފުރަތަމަ ފަހަރެވެ. އިންޑިއާގެ ދެ މީހަކު މީގެ ކުރިން ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖޭގައި ވައިރަސް ޖެހިފައި ތިބި އިންޑިއާގެ މީހުންގެ އަދަދަކީ، ތިނެކެވެ. އަދި ބަންގްލަދޭޝް މީހުންގެ އަދަދު މިހާރު ވަނީ، 45 އަށް އަރާފައެވެ.

މި މީހުންނަށް ވައިރަސް ވާސިލްވީ ކޮން ކްލަސްޓާއަކުން ކަމެއް އެޗްޕީއޭ އިން އަދި ހާމައެެއް ނުކުރެއެވެ.

ރޭ ފަތިހު އެޗްޕީއޭ އިން ވަނީ ދެ ދިވެހިން ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަން ހާމަކޮށްފަށްއެވެ. އެހެން ކަމުން މިއަދު މިހާނަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ، އަށް މީހުންނެވެ.