24 Apr 2020, 10:33
ޒަރޫރީ ބޭނުންތަކަށް މުދާ ވިއްކާ ފިހާރަތަކަށް މީހުން ގޮސް، ހިދުމަތް ހޯދުމަށް ޓަކައި ފުލުހުންގެ ފަރާތުން ނަގަން ޖެހޭ ހުއްދައިގެ ވަގުތުތަކަށް، މިއަދުން ފެށިގެން ބަދަލެއް އަންނާނެ ކަމަށް ފުލުހުން ބުނެފި އެވެ.
މިއަދު މިއީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ވުމާ ގުޅިގެން މިއަދުން ފެށިގެން ވިޔަފާރި ކުރުމަށް ކުރީން ކަނޑައަޅާފައިވާ ގަޑިތަކުން ހަވީރު 5:00 އާއި ރޭގަނޑު 7:00 އާ ދެމެދު މިހާރު އުނިކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ އެ ވަގުތު އުނިކުރުމަށް ނިންމާފައިވުމުން އާ ހުއްދައެއް ފޯނަށް ލިބޭނެ ކަމަށެވެ.
އާންމުންނަށް ހިދުމަތް ދޫކުރުމަށް ހެނދުނު 9:00 އިން ފެށިގެން ރޭގަނޑު 12:00 އާ ހަމައަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ވަނީ މީގެކުރީން ހާމަކޮށްފަ އެވެ.
ސިއްހީ ކުއްލި ނުރައްކަލުުގެ ހާލަތުގައި ގޭން ބޭރަށް ނިކުތުން މަނާކޮށްފައިވީ ނަމަވެސް، ޒަރޫރީ ބޭނުންތަކަށް ވަކި ވަގުތެއްގައި ގެއިން ބޭރަށް ނިކުތުމުގެ ހުއްދަ ފުލުހުން ދޭން ފަށާފައިވަނީ މި ހަފްތާގަ އެވެ.