20 Dec 2011, 11:13
ތުޅާދޫ ކައުންސިލްގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނަކީ ބާތިލް އިއުލާނެއްކަމަށް ހައިކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ހައިކޯޓުން މިގޮތަށް ހުކުމް ކުރީ އުމެއިރާ އަބޫބަކުރު ކައުންސިލަރު ކަމުން ވަކިވެއްޖެ ކަމަށް ތުޅާދޫ ކައުންސިލުނުން ނިންމި ނިންމުމަށް ބަލައި ތުޅާދޫ ކައުންސިލްގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރި ކުރުމަކީ ބާތިލް ނިންމުމެއްކަމަށް ކަނޑައަޅައި ދިނުމަށް އުމެއިރާ ހުށަހެޅި އިންތިޚާބީ ޝަކުވާގެ މައްސަލަ ބެލުމަށްފަހު މިއަދު އެވެ.
މި މައްސަލަ ބެއްލެވީ ހައިކޯޓުގެ ފަނޑިޔާރު ޑރ. އަޒުމިރާލްދާ ޒާހިރާއި އައްބާސް ޝަރީފް އަދި އަބްދުލް ޣަނީ މުހައްމަދު އެވެ.
މި މައްސަލައިގެ ނިޔާ ކަނޑައެޅުމަށް މިއަދު ހައިކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖީލީހުގައި ހުކުމް އިއްވަވަމުން ހައިކޯޓުގެ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު ވިދާޅުވީ ތުޅާދޫ ކައުންސިލްގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރީ ހައިކޯޓުގެ ކުރީގެ ގަޒިއްޔާ އަކުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ކުރުމަށް ލާޒިމް ކޮށްފައިވާ ކަންކަން ފުރިހަމަ ނުކޮށް ކަމަށެވެ.
ޣަނީ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އެ އިއުލާން ކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށާއި ކައުންސިލަރަކު މެންބަރުކަމުން ވަކިވެއްޖެކަމަށް ކައުންސިލަކުން ނިންމިޔަސް އެ ނިންމުމެއް ނިންމާފައިވަނީ އެކަމާއި ގުޅިގެން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކޮށްފައިތޯ ކޮމިޝަނުން ބަލަން ޖެހޭނެ ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަންގެ އޮކްޓޯބަރު 5 ،2011 ގެ އިއުލާނުން ނޮވެމްބަރު 19 ،2011 ގައި ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިއުލާން ކޮށްފައިވަނީ ބ. ތުޅާދޫ ކައުންސިލްގެ ބައި އިލެކްޝަންސް ބޭއްވުމުގެ ކުރިން އެ ކޮމިޝަނުގެ ފަރާތުން ބަލާ ކަށަވަރު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު ގަޒިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން، އެގަޒިއްޔާގައި ކަނޑައަޅާފައިވާ ގޮތަށް ފުރިހަމަ ކުރުމަކާއި ނުލައި ކަމަށް މި މައްސަލަ ބެއްލެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާގު ވެވިފައިވާތީ، އެ އިއުލާނުގެ ދަށުން ނޮވެމްބަރު 19 ،2011 ގައި ބ. ތުޅާދޫ ކައުންސިލްގެ ބައި އިލެކްޝަން ބޭއްވުމަށް އިއުލާން ކުރުމަކީ ބާތިލް އިއުލާން ކުރުމެއްކަމަށް ކަނޑައަޅައި އެގޮތުގެމަތިން ހުކުމް ކޮށްފީމެވެ،" ހުކުމް އިއްވަވަމުން ހައިކޯޓުގެ ފަނޑިޔާރު އަބްދުލް ޢަނީ ވިދާޅުވި އެވެ.
ހައިކޯޓުން މިއަދު ހުކުމް ކުރި އިރު އުމެއިރާ ތުޅާދޫ ކައުންސިލްގެ މެންބަރުކަމުން ވަކިކުރި ކުރުމަކީ ބާތިލް ނިންމުމެއްކަމަށް ކަނޑައަޅައި ދިނުމަށް ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް އުމެއިރާ ހުށަހެޅި މައްސަލައިގެ ޝަރީއަތްތައް ގިނަ ދުވަސްތަކަކަށްފަހު މިހާރު ވަނީ ފަށައިފަ އެވެ.