26 Jun 2010, 10:19
14:30
މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ ބުރު ރޭ ނިމިގެން ދިޔައިރު، ހައިރާން ކުރުވަނިވި އެތައް ނަތީޖާއެއް ނުކުމެފައިވާކަމީ، މި މުބާރާތް ޚާއްސަވެގެން ގޮސްފައިވާ އެއް ސަބަބެވެ.
މިގޮތުން މިފަހަރުގެ ވޯލްޑްކަޕްގެ ފުރަތަމަ ބުރުން އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ އާއި އެންމެ ފަހުގެ ރަނަރަޕް ފްރާންސްގެ އިތުރުން މުބާރާތް ބާއްވާ ގައުމު ކަމަށްވާ ދެކުނު އެފްރިކާ ކަޓާފައިވާކަން ފާހަގަކޮށްލެވެ އެވެ. ޓީމް ތެރޭގެ މައްސަލަތައް ފުނިޖެހިފައި އޮތް ފްރާންސް މުބާރާތުން ވަކިވެގެން ރަށަށްދިޔައިރު އެ ޓީމަށް ލިބުނީ އެންމެ ޕޮއިންޓެކެވެ. އަދި ކާމިޔާބުކުރެވިފައި ވަނީ އެންމެ ގޯލެކެވެ. ފްރާންސް ޓީމުން ދެއްކި ދަށް ކުޅުމުގެ އިތުރުން އެޓީމުގެ ކޯޗު ރޭމޮންޑް ޑޮމެނެކް އާއި ފޯވަޑް ނިކޮލަސް އަނެލްކާއާ ދެމެދު ޖެހުނު މައްސަލައެއްގައި އަނެލްކާ ޓީމުން ބޭރުކުރުމާ ގުޅިގެން ފްރާންސްގެ ކުޅުންތެރިން ޕްރެކްޓިސް ސެޝަންތަކަކަށް ހާޒިރުވާން ދެކޮޅު ހެދި ހެދުމަކީ ވެސް ނޫސްތަކުގެ ފަލަ ސުރުޚީތަކުގައި ހިމެނިގެންދިޔަ ޚަބަރެކެވެ. މިހުރިހާ މައްސަލައަކާ ހުރެ، 2006 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ވާދަކުރި ފަދަ ފްރާންސް ޓީމެއް އަވަސް މުސްތަގުބަލެއްގައި ފެނިދާނެ ކަމާ މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.
މި ފަހަރުގެ ވޯލްޑްކަޕްގައި ފަލަ ސުރުޚީތަކުން ފެނިގެންފިޔަ އަނެއް ޚަބަރަކީ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ، މުބާރާތުގެ ފުރަތަމަ ބުރުން ކެޓި ޚަބަރެވެ. ފަސޭހަކަމާ އެކު އިޓަލީ އަށް ކާމިޔާބުކުރެވޭނެ ކަމަށް ލަފާކުރެވުނު ގްރޫޕް އެފް އިން އިޓަލީ ދިޔައީ ދެ ޕޮއިންޓާ އެކު އެންމެ ފުލަށެވެ. އަދި މުބާރާތުގައި އަލަށް ވާދަކުރާ ސްލޮވާކިޔާ އަތުން ތިނެއް ދޭކުން ބަލިވި ބަލިވުމާއި، މުބާރާތުގައި ކުޅޭ ހުރިހާ މެޗަކުން ބަލިވާނެ ކަމަށް ގިނަ ބަޔަކު ލަފާކުރި ނިއުޒީލެންޑާ އެކު އެކެއް އެކަކުން އެއްވަރުވި އެއްވަރުވުމަކީ އިޓަލީގެ ފުޓުބޯޅައިގެ ތާރީޚްގެ ކަޅު ސަފްހާތަކުގައި ހިމެނިގެން ދާނެ ނަތީޖާތަކެކެވެ.
މިފަހަރުގެ ވޯލްޑްކަޕް ތާރީޚުގެ ތެރެއަށް ވަދެގެންދިޔަ އަނެއް ސަބަބަކީ މުބާރާތް ބާއްވާ ދެކުނު އެފްރިކާ، ފުރަތަމަ ބުރުން ވަކިވާން ޖެހުމެވެ. މިއީ ވޯލްޑްކަޕްގެ ތާރީޚުގައި ވެސް މުބާރާތް ބާއްވާ ގައުމު، ފުރަތަމަ ބުރުން ކަޓައިގެން ދިޔަ ފުރަތަމަ ފަހަރެވެ. ނަމަވެސް އިޓަލީ އާއި ފްރާންސާ ޚިލާފަށް ދެކުނު އެފްރިކާގެ ޓީމަށް ތައުރީފް ހައްގުވާ ފަދަ ބައެއް ކަންތައް އެބަހުއްޓެވެ. ނަން މަޝްހޫރު މާ ގިނަ ކުޅުންތެރިންތަކަކާ ނުލާ އެޓީމުން އެކުރި ހިތްވަރަށް ސާބަސް ހައްގުވެގެންވެ އެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވެނީ ގްރޫޕް އޭގެ ފަހުމެޗުގައި ފްރާންސް އަތުން ދެކުނު އެފްރިކާ ދޭއް އެކަކުން މޮޅުވި މެޗެވެ. އަދި މުބާރާތުގެ ފުރަތަމަ މެޗުގައި މެކްސިކޯ އާ ކުޅެ އެކެއް އެކަކުން އެއްވަރުވި މެޗުގެ ބޮޑުބައިގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ ވެސް ދެކުނު އެފްރިކާއިންނެވެ. އެހެންކަމުން ދެކުނު އެފްރިކާ އަކީ މުބާރާތުގެ ފްލޮޕެއްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގަންނާނެ ކަމަކަށް ނުބެލެވެ އެވެ.
މިފަހަރުގެ މުބާރާތުގައި އެންމެ ފާހަގަކޮށްލެވޭ އަނެއްކަމަކީ ޔޫރަޕްގެ ޓީމްތަކަށް ވުރެ ދެކުނު އެމެރިކާގެ ގައުމުތަކުގެ ވިދުން ގަދަކަމެވެ. ދެކުނު އެމެރިކާ ސަރަހައްދުން މުބާރާތަށް ކޮލިފައިވި ފަސް ޓީމު ވެސް ދެވަނަ ބުރަށް ހޮވިފައިވާއިރު، މީގެ ތެރޭން ހަތަރު ޓީމު ވަނީ އެޓީމެއް ހިމެނުނު ގްރޫޕް ވެސް ކާމިޔާބުކޮށްފައެވެ. އަދި ރޭ ސްޕެއިން އަތުން ޗިލީ ބަލިވި މެޗު ފިޔަވައި މިހާތަނަށް މިމުބާރާތުގައި ދެކުނު އެމެރިކާގެ ޓީމެއް އަދި ބަލިވެފައިނުވާ ކަން ވެސް ފާހަގަކޮށްލެވެ އެވެ. އެހެންކަމުން މިއީ ދެކުނު އެމެރިކާގެ ފަހަރަކަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
މުބާރާތުގެ ގަދަ ސޯޅައަށް ދަތުރުކޮށްފައިވާ ޔޫރަޕްގެ ހަ ޓީމަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވޭ ފަދަ ނަތީޖާތަކެއް ނެރެފައިވާ ޓީމަކީ ބާޓް ވެން މާވިކްގެ އިރުޝާދުގެ ދަށުން ކުޅޭ ނެދަލެންޑްސްގެ ޓީމެވެ. މިހާތަނަށް އެޓީމު ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެފައިވާއިރު، އެޓީމު ކޮޅަށް ވަދެފައިވަނީ އެންމެ ލަނޑެކެވެ. މީގެ އިތުރުން ފުރަތަމަ މެޗުގައި ސުވިޒަލެންޑް އަތުން ވީ ބައްޔަށް ފަހު ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން ވެސް ދަނީ ރަނގަޅަށް ކުޅެ، ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އަދި ހަމަ އެއާއެކު ޖަރުމަނާއި އިންގްލެންޑް އަދި ޕޯޗުގަލް އަކީ ވެސް މުބާރާތް ކާމިޔާބުކުރެވޭ ފެންވަރުގެ ޓީމް ތަކެކެވެ. އެހެންކަމުން މިއީ ޔޫރަޕްގެ ފަހަރަކަށް ވުމަކީ ދުރުގައި އޮތް ކަމެކޭ ނުދެންނެވޭނެ އެވެ.
މީގެ އިތުރުން މިފަހަރުގެ ވޯލްޑްކަޕްގައި އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ވޯލްޑްކަޕް ބަލާ މީހުންގެ ލޮލުގައި އަޅައިގެންފައިވަނީ ހަމައެކަނި ޓީމުން ދައްކާ ކުޅުން ނޫންކަމެވެ. މިގޮތުން ފުރަތަމަ ބުރު ނިމިގެން ދިޔައިރު ބައެއް މެޗުތަކުގައި ރެފްރީން ނިންމާފައިވާ ނިންމުންތަކަކީ ގިނަ ބައެއްގެ މެދުގައި އަދިވެސް ވާހަކަ ދެކެވެމުންދާ މައުޟޫ ތަކެކެވެ. މިގޮތުން ބްރެޒިލް އާއި އައިވަރީ ކޯސްޓް ކުޅުނު މެޗުގައި ބްރެޒިލްގެ ކާކާ އަށް ދެއްކި ރަތްކާޑާއި ޗިލީ އާއި ސްޕެއިން ކުޅުނު މެޗުގައި ޗިލީގެ މާކޯ އެސްޓްރާޑާ އަށް ދެއްކި ރަތްކާޑުގެ އިތުރުން އޮސްޓްރޭލިއާ އާއި ގާނާ ކުޅުނު މެޗުގައި އޮސްޓްރޭލިއާގެ ހެރީ ކިވެލް އަށް ދެއްކި ރަތްކާޑަކީ އަދިވެސް އެއާ މެދު ބަހުޘްކުރެވެމުންދާ ކާޑުތަކެކެވެ. ހަމަ ޔަގީނުން ވެސް އެނގޭ އެއްކަމަކީ ނޮކައުޓް ބުރުގެ މެޗުތަކާ ކުރިމަތިލާއިރު ރެފްރީންގެ ގޯސް ނިންމުންތަކަށް ޓީމްތަކުންނާއި ސަޕޯޓަރުން ކެތްނުކުރާނެކަމެކެވެ.