"ރޯދަ ސުންބުލި" މިއީ މި ރޯދަމަހު ސަންއޮންލައިން އިން މުޅިން އަލަށް ގެނެސްދޭ ވީޑިއޯ ސީރީޒެކެވެ. މި ސީރީޒް ހާއްސަކުރެވިފައިވަނީ މި މާތް މައްސަރުގައި ދީނީ ގޮތުން އަހަރެމެންގެ ހިތްތަކުގައި އުފެދޭ އެކިކަހަލަ ސުވާލުތަކަށެވެ. ޖުމްލަ 15 އެޕިސޯޑު ހިމެނޭ މި ސިލްސިލާގައި "ސަން"އިން ކުރި ސުވާލުތަކަށް ޖަވާބުދެއްވާފައިވަނީ އަލްއުސްތާޒާ ސާމިޔާ ޒަކަރިއްޔާ އެވެ.

ރޯދަވީއްލުން އެންމެ ރަނގަޅު ގޮަތަކީ ކޮބާ؟

ފަޖުރުއްސާދިގުގެ އަލިކަން ފާޅުވީއްސުރެ އިރުއޮއްސުމާ ހަމައަށް ކެއުމާއި ބުއިމުން އަދި އެނޫންވެސް ބައެއް އަމަލުތަކުން ދުރުވެތިބުމަށްފަހު ބަންގީގެ އަޑު އިވުމުން ރޯދަ ވީއްލުމުގައި އަހަރެމެން އަމަލުކުރަންވީ ރިވެތި އުސޫލު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްވަނީ ދައްކުވައިދީފައެވެ،

މިގޮތުން ރޯދަ ވީއްލުމުގައި އެންމެ ރަނގަޅުގޮތަކީ ފުރަތަމަކަމަށް، ބަންގި ގޮވުމަށްފަހު ރޯޑަ ވީޢްލުން ވީހާވެސް އަވަސްކުރުމެވެ. ނުވަތަ އިރުއޮއްސިއްޖެކަން ކަށަވަރުވެއްޖެނަމަ ލަސްނުކޮށް ރޯދަ ވީއްލަންޖެހޭނެއެވެ. މިއީ ރަސޫލާ ސައްލައްﷲއަހައިހި ވަަސައްލަމް ވަރަށް ބޮޑަށް ބާރުއަޅުއްވާކަމެއްވެސް މެއެވެ.

އެއާއިއެކު ރޯދަ ވީޢްލުމުގެ ކުރިން ދުއާ ކުރުމަކީވެސް ސުންނަތުން ފެންނަން އޮންނަ ކަމެކެވެ. އެހެނީ އެވަގުތަކީ ދުޢާއަށް ވަރަށް މާތް އަދި ދުއާ އިޖާބަކުރައްވާ ވަގުތެއްވެސް މެއެވެ.

އެއާއެކު، ރޯދަވީއްލުން އެންމެ ރަނގަޅީ ކަދުރަކުންނެވެ. އެއީ ތެތް ކަދުތެއް ނުވަތަ ހިކި ކަދުރެއް ނަމަވެސް މައްސަލައެއް ނެތެވެ. ބައެއް ކުދިންނަށް ކަދުރު ނުބައިވެގެން އުޅުނު ނަމަވެސް ޒަމާނީ ސިއްޚީ ހޯދުންތަކުންވެސް އެނގޭ ގޮތުގައި ކަދުރަކީ ރޯދަ ވީއްލާވަގުތު ހަށިގަނޑަށް އެންްމެ ފައިދާ ހުރި ބާވަތެވެ. އެނޫންނަމަ ފެންފޮދެއްވެސް އެންމެ ރަނގަޅެވެ.

ހަމައެޔާއެކު އެއްވަގުތެއްގައި އެއްފަހަރާ އެހާ ބައިވެރު އެއްޗެހި ކެއުމުން ދުރުހެލިވާންވެސް ސަމާލުކަން ދޭން ޖެހެއެވެ.