ބަރަކާތްތެރި ރަމަޟާން މަހަކަށް އަނެއްކާވެސް 'ސަން ބަދިގޭގެ' ބެލުންތެރިންނަށާއި ކިޔުންތެރިންނަށް މަރުހަ ބާއެވެ. މި ރޯދަ މަސް އަހަރުމެންނާ މި ބައްދަލު ކުރީ ތަފާތު ގޮތަކަށެވެ. ނަމަވެސް، މި ބަދިގެއިން ތަފާތު ރެސިޕީތައް ތައްޔާރުކުރަމުން ދާނެ އެވެ.

މިއަހަރު ސަން ބަދިގޭގެ ހުރިހާ ރެސިޕީތަކަކީވެސް، ކެއްކުންތެރިންގެ ގޭގައި ތިބެގެން ތައްޔާރުކުރާ ބާވަތްތަކެވެ. ވީޑިއޯ ކުރަނީވެސް އެމީހުން އަމިއްލައަށެވެ. ގިނަ ޑިޝްތަކަކީ އެންމެނަށްވެސް ވީހާވެސް ފަސޭހައިން ލިބޭނެ އިންގްރިޑިއަންޓްސް ތަކެއް ބޭނުންކޮށްގެން ހަދާލެވޭނެ ރެސިޕީތަކަކަށް ވާނެ އެވެ.

މިއަދުގެ ރެސިޕީއަކީ ހދ.ކުޅުދުއްފުށީގައި މިވަގުތުހުރި އާމިނަތު ލިއުޝާ (ތާތު) ތައްޔާރުކޮށްދީފައިވާ ރެސިޕީއެކެވެ.

ކެއްކުމަކީ ލިއުޝާގެ ހޮބީއަކަށްވާއިރު، އޭނާގެ ކޮންމެ ރެސިޕީއެއްގައިވެސް އަމިއްލަ މީރު ގޮތެއް ހިމެނިފައިވާނެ އެވެ. ހަށިގަނޑަށް ލުއި އަދި މަދު ބާވަތްތަކެއް ބޭނުންކޮށްގެން ފަސޭހައިންތައްޔާރުކޮށްލެވޭނެ ރެސިޕީއެއް ބޭނުންނަމަ ގައިމުވެސް މި ރެސިޕީ ކަމުދާނެ އެވެ. ރެސިޕީގެ ވީޑިއޯ ތައްޔާރުކޮށްދީފައިވަނީ މަރިޔަމް މާޝާ ނައީމް (މާޓީ) އެވެ.

ބޭނުންވާ ތަކެތި

  • ފިޔާ

  • ލޮނުމެދު
  • ހިކި މިރުސް
  • ވަޅޯމަސް
  • ހިކަނދިފަތް
  • ކީންވާ
  • 1 މޭޒުމަތީ ސަމްސާ ރީދޫ
  • ލޮނު
  • އަސޭމިރުސް
  • އަޖިނަމޮޓޯކޮޅެއް (އޮޕްޝަނަލް)
  • ޓޮމާޓޯ (އޮޕްޝަނަލް)
  • އޮލިވް އޮއިލް

ތައްޔާރުކުރާނެ ގޮތް

ފިޔާ، ލޮނުމެދު ހިކަނދިފަތް އަދި ވަޅޯމަސް ތުނިކޮށް ކޮށާލާށެވެ. އެއަށްފަހު ފެންފޮދަކުން ކީންވާ އެއްފަހަރު ދޮވެލާށެވެ. އެއަށްފަހު ލޮނާއި އަސޭމިރުސް އެޅުމަށްފަހު ކީންވާ ފެނުކައްކާލުމަށް ފެން އަޅާ އުނދުންމަތީ ބަހައްޓާށެވެ. ކީންވާތައް ރެއިސްވެ، ބޮކިއަަރަން ފެށުމުން އުނދުން ނިއްވާލުމަށްފަހު ފުރާނާލާށެވެ.

އެއަށްފަހު އޮލިވްއޮއިލް އަޅާ ފިޔާ ލޮނުމެދު ހިކިމިރުސް އަދި ހިކަނދިފަތް ރަތްކޮށްލާށެވެ. ކުޑަކޮށް ކުލަ ބަދަލުވާން ފެށުމުން ވަޅޯމަސްކޮޅާއި ޓޮމާޓޯކޮޅުވެސް އަޅާލާށެވެ. ރަނގަޅަށް މިކްސްކުރުމަށްފަހު ލޮނާއި، އަސޭމިރުސް އަދި އަޖިނަމޮޓޯ އަޅާށެވެ. ރަނގަޅަށް މިކްސްކޮށްލުމަށްފަހު ކައްކާފައި ހުރި ކީންވާތައް އަޅާ އެއްކޮށްލާށެވެ.

ގާރނިޝް ކޮށްލުމުގެ ގޮތުން ބޭސިލް ސީޑްސް ނުވަތަ ޕާރސްލީ ކޮޅެއްވެސް ބޭނުންކުރެވިދާނެ އެވެ. ލިއުޝާ ބޭނުންކޮށްފައިވަނީ ސެލެޑް ކްރީމް ކޮޅެކެވެ.