މިހާރު މާލެތެރެއަށް ފެތުރެމުން ދާ ކޮރޯނާވައިރަސް ހުއްޓުވުމަށް ކުރެވޭނެ އާ ކަމެއް ނެތް ކަމަށާއި އެކަމަށް "މެޖިކް ބުލެޓް" އެއް ނޯންނާނެ ކަމަށް އެޗްޕީއޭގެ ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

މާލެއިން އެންމެ ފުރަތަމަ ކޮރޯނާވައިރަހުގެ ކޭސްއެއް ފެނުނީ، މިމަހު 15 ވަނަ ދުވަހު އެވެ. އެފަހުން މިއަދު މިހާތަނަށް 74 ކޭސްއެއް މާލެއިން ވަނީ ފެނިފަ އެވެ. އަދި ރާއްޖެއިން ފެނުނު ކޭސްތަކުގެ އަދަދު ވަނީ 108 އަށް އަރައިފަ އެވެ.

ދަރުބާރުގޭގައި ގާއިމްކޮށްފައިވާ އެންއީއޯސީގައި ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުން ތަކުގެ ތެރެއިން މިރޭގެ ނޫސްކޮންފަރެންސްގައި ޑރ. ނަޒްލާ ވިދާޅުވީ، މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ މި ވައިރަހުން ސަލާމަތްވުމަށް ކުރެވެން އޮތް އެންމެ ބޮޑު ކަމަކީ، ވައިރަހުން ރައްކާތެރިވެތިބުން ކަމަށެވެ.

"ކޭސް މަދުކުރަން ދެއާ އިޒް ނޯ މެޖިކް ބުލެޓް. ބަލި ކޮންޓްރޯލް ކުރުމަށް އިތުރަށް އަޅުގަނޑުމެން ކުރާނެ މޮޅުކަމެއް ނެތް. ކުރަން ޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެން މިދަނީ ކުރަމުން. އަދި އާންމު ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރަމުން މި އަންނަނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ސަން ފައިލް ފޮޓޯ/ އަހްމަދު ސައީދު

އޭނާ ވިދާޅުވީ، ބަލި ހުއްޓުވުމަށް ކުރެވެން އޮތް ކަމަކީ، ވައިރަސް ޖެހިފައި ހުރި މީހަކު ހުރެއްޖެ ނަމަ، އެ މީހަކު އަވަހަށް ދެނެގަތުން ކަމަށެވެ. އަދި މިހާރު އޮތް ހާލަތަށް ބަލައި ވައިރަހުގެ އަލާމާތެއް ހުރި ނަމަ، އެކަން އަވަހަށް ފްލޫ ކްލިނިކަށް ރިޕޯޓު ކުރުން މުހިންމު ކަމަށް ޑރ. ވިދާޅުވި އެވެ. އޭގެ އިތުރުން އެހެން މީހުންވެސް އެކަމަށް ބާރުއެޅުމަށް ޑރ. ނަޒްލާ އިލްތިމާސްކުރެއްވި އެވެ.

މިހާރު ފެނިފައި ހުރި ކޭސްތަކަށް ބަލާއިރު، ވައިރަހުގެ އަލާމާތްތައް ފެންނަފަހުން ވެސް ބައެއް މީހުން މަސައްކަތައް ނުުމެފައިވާކަން ފާހަގަ ކުރައްވަމުން ޑރ. ނަޒްލާ އިލްތިމާސްކުރެއްވީ، ކުޑަކޮށް ބަލީގެ އަލާމާތެއް ފެންނަ މީހެއް ނަމަވެސް މީހުންގެ ތެރެއަށް ނުނިކުތުމަށެވެ.

"ކޮންޓެކްޓް ޓްރޭސިން އިން ފާހަގަވި އެންމެ މުހިންމު އެއް ކަމަކީ، ބަލީގެ އަލާމާމާތްތައް ހުންނަ އިރުވެސް ބައެއް ބޭފުޅުން މަސައްކަތައް ނުކުންވާކަން. އަސާސީ ހިދުމަތް ކުރުމަށް މަސައްކަތް ކުރައްވާ ބޭފުޅުން އެކަނި މިވަގުތު މަސައްކަތުގައި ތިއްބަވަން ވާނީ. އެބޭފުޅުން ހާއްސަކޮށް މިވަގުތު ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ، މަސައްކަތައް ނުކުމެގެން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ލޮކްޑައުންއާއެކު މާލޭގައި ބަލި ކޮންޓްރޯލް ކުރެވިފައިވާ މިންވަރު ޔަގީން ކުރެވޭނީ އެންމެ އަވަސްވެގެން ވެސް 14 ދުވަހަށް ފަހުގައި ކަމަށެވެ.

ހުރިހާ ބޭފުޅުންވެސް ގެއިން ނުކުންނަވަން ވާނީ ކޮންމެހެންވެސް ޒަރޫރީ ބޭނުންތަކަށް ކަމަށް ކުރައްވާ އިލްތިމާސް އޭނާ މިރޭވެސް ތަކުރާރު ކުރެއްވި އެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް ގައިދުރުކަން އިސްކުރުމަށް ޑރ. އާންމުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

ވައިރަހުން ސަލާމަތްވުމަށް އަޅާފައިވާ ފިޔަވަޅުތައް:

  • ނުވަ ގައުމަކުން މީހުން އައުން މަނާކުރުން.

  • އޮންއަރައިވަލް ވިސާ ދިނުން ހުއްޓާލުން.
  • ސްކޫލް/ކޮލެޖް/ޔުނިވާސިޓީތައް ބަންދުކުރުން.
  • ރެސްޓޯރެންޓް/ކެފޭ ބަންދުކުރުން.
  • ފަތުރުވެރިން ފިޔަވާ ރާއްޖެއިން ބޭރުން އަންނަ ހުރިހާ އެންމެން ކަރަންޓިން ކުރުން
  • ކަރަންޓިންގައި ތިބޭ މީހުން ޓެސްޓު ކުރުމަށްފަހު ނެގަޓިވްވުމުން ދޫކޮށްލުން
  • މާލެ 14 ދުވަހުގެ ލޮކްޑައުންއަކަށް ދިޔުން.
  • ރާއްޖޭގެ ހުރިހާ ރަށެށްގައި ޒަރޫރީ ބޭނުންތައްކަށް ފަޔަވާ އެއް ރަށުން އަނެއް ރަށަށް ދަތުރުކުން މަނާކުރުން.
  • ރާއްޖެގެ ރަށްތަކުގައި ހުރިހާ ވައްތަރެއް އެއްވުންތައް މަނާކުރުން.
  • ޖަމާއަތުގައި ނަމާދު ކުރުން މަނާކުރުން.

މިހާތަނަށް ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ، 44 ދިވެހިންނާއި، 64 ބިދޭސީންނެވެ. އޭގެ ތެރެއިން 13 ބިދޭސީންނާއި ތިން ދިވެއްސަކު ވަނީ ވައިރަހުން ރަނގަޅުވެފަ އެވެ.