ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ހުޅުމާލޭގައި އަޅަން އެޗުޑީސީއާ ހަވާލުކުރި ރާއްޖޭގެ ފުރަތަމަ ފުޓުބޯޅަ ސުކޫލުގެ އިމާރާތް ވަގުތީ ހިޔާއަކަށް ބަދަލުކޮށް ބޭނުން ކުރަން ފަށައިފި އެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ކުރިން ލަފާކޮށްފައިވާ މި ސްކޫލްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ސްޕޯޓްސް އެންޑް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އިއްޔެ ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، މި ވަގުތު އެތަން ބޭނުން ކުރާނީ ވަގުތީ ހިޔާއެއްގެ ގޮތުގައި ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

"ހުޅުމާލެ ފުޓުބޯޅަ ސްކޫލުގެ 24 ރޫމުގެ މަސައްކަތް މިރޭ ވަނީ ނިމިފައި. މުހިއްމު އެކި ކަންކަމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތައް މިހާރު ވަނީ އެތަން ބޭނުން ކުރަން ފަށާފައި،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އޭނާ އިތުރަށް ވިދާޅުވީ މި މަސައްކަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަދި ނައިބު ރައީސް ފައިސަލް ނަސީމްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމަށެވެ. އަދި މި މަސައްކަތުގައި ޖެންޑާ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަ ކަން މަހްލޫފް ވަނީ ފާހަގަ ކުރައްވާފަ އެވެ.

ރާއްޖޭގައި މުޅިން އަލަށް ބިނާކުރާ ފުޓުބޯޅަ ސުކޫލުގައި 100 އަށް ވުރެ ގިނަ ކުދިންގެ ޖާގަ އެކުލެވޭ އިރު އެ ސުކޫލާ އެކު ޓާފް ދަނޑަކާއި ކުޅުންތެރިން ދިރުއުޅެވޭނެ ބުލޮކުތަކެއް އަދި ރަނގަޅު ފެންވަރުގެ ޖިމެއްގެ އިތުރުން މިސްކިތެއްވެސް ހުންނާނެ އެވެ. އަދި މި ސުކޫލުގައި ފުޓުބޯޅައިގެ އިތުރުން އެހެން ކުޅިވަރުތަކަށް ވެސް ތަމްރީނު ހެދޭނެ ފަދަ ވަސީލަތްތައް އެކުލެވޭނެކަމަށް އެޗްޑީސީން ވަނީ މީގެ ކުރިން ބުނެފަ އެވެ.

މި އިމާރާތް އެޅުމަށް ހުޅުމާލެއިން 230،000 އަކަފޫޓުގެ ބިމެއް ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.