ކޮވިޑް19 އާ ގުޅިގެން މާލެ ސިޓީ ލޮކްޑައުންކޮށްފައިވާ މި ހާލަތުގައި ބޭރަށް ނިކުތުމުގެ ހުއްދަ އާއި ނުލައި ބޭރުގައި އުޅުނު 105 މީހަކު ޖޫރިމަނާކޮށްފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މަގުމަތީގައި ހުއްދަ ނެތިއުޅުނު 21 މީހަކު މިއަދު ހައްޔަރު ކުރި ކަމަށާޢި 105 މީހަކު ޖޫރިމަނާ ކުރި ކަމަށެވެ.

ފުލުހުން މަގުމަތީގައި އުޅޭ މީހުން ޖޫރިމަނާ ކުރަމުންދަނީ، 1،000 ރުފިޔާއިންނެވެ.

ނަވީން ވިދާޅުވީ ޑެލިވަރީގެ ހިދުމަތްދޭ ތަންތަނަށް މިހާތަނަށް 4260 ސްޓިކާ ދޫކޮށްފައިވާ ކަމަށާއި މިއަދު އެކަނިވެސް 161 ހުއްދަ ދޫކުރި ކަމަށެވެ.

ލޮކްޑައުންގެ ހާލަތުގައި ފިހާރަތަކާޢި ރެސްޓޯރެންޓުތަކުން ޑެލިވަރީގެ ހިދުމަތްދޭއިރު ޑެލިވަރީ ވެހިކަލްގައި ފުލުހުންދޭ ސްޓިކާއެއް ހަރުކުރަން ޖެހެއެވެ.

އަދި މި ހާލަތުގައި ބޭރަށް ނިކުމެވޭނީ ފުލުހުންދޭ ހުއްދަ އެއް ލިބިގެން، ހުއްދަ ލިބޭ ސަރަހައްދުތަކަށެވެ. އެގޮތުން ވިޔަފާރިކުރުމަށާއި އޭޓީއެމްއަށް ދިޔުމަށް އަދި އެނޫންވެސް ޒަރޫރީ ބޭނުންތަކަށް ހުއްދަ އަށް އެދުމުން ފުލުހުން ދަނީ ހުއްދައަށް އެދޭ ކަމަކަށް ރިއާޔަތްކޮށް ހުއްދަ ދެމުންނެވެ.

ނަވީން ވިދާޅުވީ އެވްރެޖުކޮށް ދުވާލަކު 7000 މީހުން ހުއްދަ އަށް އެދޭ ކަމަށެވެ.

ނަވީން ވިދާޅުވީ، ފުލުހުން ދޫކުރާ ހުއްދަ ނާޖާއިޒު ގޮތުގައި ބޭނުން ކުރާ ކަމަށާއި އެފަދަ މީހުންގެ ހުއްދަ ބާތިލުކުރާނެ ކަމަށެވެ. ލޮކްޑައުންގެ މާނަ އަކީ ގޭގައި ތިބުން ކަމަށާއި މިހާލަތުގައި މަގުމަތީ އުޅެ، ގޭގެއަށް ޒިޔާރަތްކުރާނަމަ ޑޮކްޓަރުން ކިޔައިދޭ ނަންބަރުތައް އިތުރުވާތަން ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 108 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.