ރަށްރަށުން ގެންނަ މުދާ ބާލައި ޑިސްޓްރިބިއުޓްކުރަން ނޯތު ހާބަރުގައި ޑެސްކެއް ގާއިމްކޮށްފި އެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ ލޮކްޑައުންއާ ގުޅިގެން މުދާ ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އޭގެ އިތުރުން އަތޮޅުތެރެއިން މާލެއަށް މުދާ ގެނައުމުގައި ވެސް ދަތިތަކެއް ކުރިމަތިވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އެކަމާ ގުޅިހެން ހައްލެއް ހޯދުމަށް ނޯތު ހާބަރުގައި ގާއިމްކުރި ޑެސްކުގެ ސަބަބުން ހުއްދަތައް ހޯދުމުގައި ކައުންސިލްތަކުން ކޮންޓެކްޓް ކުރާނެ ފޯކަލް ޕޮއިންޓެއް ވެސް ގާއިމްކުރެވިފައިވާ ކަމަށް ވިސާމް ވިދާޅުވި އެވެ.

"ހަމައެއާ އެކު މޯލްޑިވްސް ޕޮލިސް ސާވިސް، އެމްޕީއެލް އަދި އިކޮނޮމިކް މިނިސްޓްރީން އެ ދޭން ޖެހޭ އެކި ކަހަލަ ކްލިއަރަންސްތައް ދީގެން ހުއްދަތަކާއި އެކި ކަހަލަ ކްލިއަރަންސްތައް ދީގެން މާލެއަށް ލަފާ ދޯނިތަކުން މުދާ ބާލައި މުދާ ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ލޮޖިސްޓިކަލްް އެރޭންޖްމަންޓެއް މިހާރު ހަމަޖެހިފައި މިއޮތީ،" ވިސާމް ވިދާޅުވި އެވެ.

ވިސާމް ވިދާޅުވީ ނޯތު ހާބަރުގައި ހެދި ޑެސްކާ އެކު ކުރިއަށް އޮތް ދުވަސްތަކުގައި އަތޮޅުތެރެއަށް މުދާތައް ފޯރުކޮށްދިނުމާއި އަތޮޅުތެރެއިން މާލެ ގެންނަ މުދާ ދައުރުރުކުރުމައި ވަރަށް ބޮޑެތި ފަސޭހަތަކެއް ކުރިމަތިވެގެން ދާނެ ކަމަށެވެ. ހާއްސަކޮށް ދަނޑުވެރިކަން ކުރާ ރަށްތަކުން މާލެ ގެންނަ މުދާތައް ފަސޭހައިން ފޯރުކޮށްދެވޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"ދަނޑުވެރިން އުފައްދާ އުފެއްދުންތައް މާލޭގެ އެކި ފިހާރަތަކަށް ފޯރުކޮށްދިނުމަށާއި އެ ނޫން ވެސް އެކި އިންތިޒާމްތައް ހަމަޖެއްސުމުގައި ސަރުކާރުގެ ހިއްސާވާ ކުންފުންޏެއްގެ 'އެގްރޮނެޓް' އިން މައިގަނޑުގޮތެއްގައި މަސައްކަތް ކުރަމުންދާނީ." ވިސާމް ވިދާޅުވި އެވެ.