މިހާރު ފެނިފައިވާ ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ދެނެގަނެވިފައިވާ އެންމެންގެ ޓެސްޓު ހަދާއިރު، ޕޮޒިޓިވްވެފައިވާ މީހުން ދެނެގަނެވޭނެ ކަމަށާއި ނަމަވެސް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އުންމީދު ކުރާ ގޮތަކީ ގިނަ ބަޔަކަށް ބަލި ނުޖެހުން ކަމަށް ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.

މަބްރޫކު މިހެން ވިދާޅުވީ، ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ދިން ޖަވާބަކާ ގުޅިގެން ނޫހުގައި ޖެހި ހަބަރު ބައެއް މީހުންނަށް އޮޅުންއަރާ ގޮތަށް އެހެން މާނައެއް ނަގަމުންދާތީވެ އެކަން ސާފުކޮށްދިނުމުގެ ގޮތުން މިރޭ ދެއްކެވި ވާހަކަފުޅުގަ އެވެ.

މި ސުރުހީގެ ދަށުން "ސަން"ގައި ރޭ ޝައިއުކޮށްފައިވާ ހަބަރަކީ، މަބްރޫކު ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކަށް އިތުރު އުނިކަމެއް ނާންނާނެ ގޮތަށް ލިޔެފައިވާ ހަބަރެކެވެ.

ނަމަވެސް އެ ސުރުހީ އިން ބައެއް މީހުންނަށް އެހެން މާނައެއް ނަގަމުންދާތީވެ، މިރޭ ބޭއްވި ނޫސްވެރިިންގެ ބައްދަލުވުމުގައި އެކަން އިތުރަށް ސާފުކޮށްދެއްވަމުން މަބްރޫކު ވިދާޅުވީ، އޭނާ ދެއްކި ވާހަކަތަކުގެ މާނައަކީ، އިތުރަށް ޓެސްޓް ނަހަދަނީ ޕޮޒިޓިވްވާ މީހުން ގިނަވެދާނެތީ ނޫން ކަމަށާއި އަދި ޓެސްޓް ހެދުމުން މީހުން ޕޮޒިޓިވް ވަނީ އެއްވެސް ނޫން ކަމަށެވެ.

"އަޅުގަނޑުމެން މިތާ ރޭ ދެއްކި ވާހަކައަކީ، އަދި އެ ނޫހުގައި ވެސް [ލިޔުން] އިތުރަށް ކިޔާލާފި ނަމަ، ލިޔެފައި އޮތް ގޮތަކީ، ޓެސްޓް ކުރުމުގެ އަދަދު ހުރީ އެއްވަރެއްކަމަށްވެފައި، ކޮންޓެކް ޓްރެސިންގެ އަދަދުތައް އިތުރުވެފައި އެބަވެޔޭ. އެހެންވީމަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ބަލި މީހުންނާ ބައްދަލުވި މީހުންގެ ޓެސްޓްތައް ހެދޭ ނަމަ، އޭގެ ތެރެއިން ކުރީގައި ޕޮޒިޓިވްވެފައި ތިބި މީހުން ދެނެގަނެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް،" މަބްރޫކު ވިދާޅުވި އެވެ.

"އޭގެ މާނައެއް ނޫން އިތުރު ބަޔަކު ޕޮޒިޓިވް ވަނީއޭ. އަޅުގަނޑުމެންގެ އެދުމަކީ ގިނަ ބަޔަކަށް ބަލި ނުޖެހުން. އަޅުގަނޑު ދެންނެވި ވާހަކަ އަކީ، ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވުނު އެންމެންގެ ޓެސްޓް ހެދޭ އިރު، ހަމަ ފުރުސަތު އެބަ އޮތޭ ޕޮޒިޓިވްވެފައި ތިބި އިތުރު ބައެއް ފެނުމަށް،" މަބްރޫކުގެ ވާހަކަ އިތުރަށް ތިލަކޮށްދެއްވަމުން އޭނާ ވިދާޅުވި އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ، މިހާރު ދުވާލަކަށް ރާއްޖޭގައި ހަދަނީ 200-300 އެއްހާ ޓެސްޓް ކަމަށާއި ބައެއް ޓެސްޓުތަކުގައި ސާމްޕަލް ނެގުމާއި ނަތީޖާ ލިބުމުގައި ލަސްތަކެއް ކުރިމަތިވާ ކަމަށެެވެ. އެހެން ކަމުން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ގިނަ މީހުން ފާހަގަވިނަމަވެސް، ޓެސްޓް ހަދާ މިންވަރު އިތުރުކުރާ ނަމަ، ދުވަހުން ދުވަހަށް ފެންނަ ކޭސްތައް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް މަބްރޫކު ވިދާޅުވިއެވެ.

"ޓެސްޓްކުރުމުގެ އަދަދު ހުރީ އެއްވަރެއްގެ ކަމުގައި ވެފައި، ކޮންޓެކްޓްތައް ހޯދަމުންދާ މިންވަރު އިތުރުވަމުންދާވަރު އިތުރުވިޔަސް، އެ ޓެސްޓްތަކުގެ ނަތީޖާ އަންނަައިރު ގާތްގަނޑަކަށް އެއް ހިސާބެއްގައި ނަތީޖާތައް އުޅުމަކީ، އޭގެ މާނައެއް ނޫން ޕޮޒިޓިވްވާ ކޭސްތައް މަދީއޭ. ރަނގަޅު ވާހަކަ އެއް ތިވިދާޅުވީ. ޓެސްޓު ކުރާ މިންވަރު އިތުރުކުރާ ވަރަކަށް އަޅުގަނޑަށް ވެސް ހީވޭ ފުރުސަތު ބޮޑުވާނެ އިތުރަށް ޕޮޒިޓިވްވާ މީހުން ފެންނަން،" ދުވަހުން ދުވަހަށް ފެންނަ ކޭސްތަކުގެ އަދަދު އިތުރުނުވަނީ، ޓެސްޓް ކުރާ މިންވަރު މަދުވުމުންތޯ ސުވާލުކުުރުމުން މަބްރޫކު ވިދާޅުވިި އެވެ.

މަބްރޫކު ވިދާޅުވީ، ޓެސްޓު ކުރާ މިންވަރު އިތުރުކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، މިހާރު 5،000 ޓެސްޓިން ކިޓް ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސްގައި ބޭނުންކުރާ ޕީސީއާރު މެޝިނެއް ކޮވިޑް19ގެ ޓެސްޓުތައް ހަދަން ބޭނުންކުރަން ފަށާފައިވާކަމަށް މަބްރޫކު މިރޭ ވިދާޅުވި އެވެ. މަބްރޫކު ވިދާޅުވީ އެ މެޝިނުން ފުރަތަމަ ދުވާލަކު 50 އެއްހައި ޓެސްޓު ހެދޭނެ ކަމަށާއި ކުރިއަށް އޮތްތަނުގައި އެ އަދަދު އިތުރު ވާނެ ކަމަށެވެ.