23 Apr 2020, 22:19
މާލެ ލޮކްޑައުންއާ ގުޅިގެން ހާލުގައިޖެހި، މަގުމަތިވި 124 މީހަކަށް މިހާތަނަށް ސަރުކާރުން ބޯހިޔާވަހިކަމާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައިވާ މީހުންގެ ތެރޭގައި ކުލި ނުދެއްކުމުގެ ސަބަބުން ގެއިން ނެރުނު މީހުންނާއި، މަގުމަތީގައި ކުރިން ވެސް އުޅެމުން އައި މީހުންނާއި އަދި އެކިއެކި ބޭސްފަރުވާ ބޭނުންވެގެން ރަށްރަށުން އައިސް ތިބި މީހުންނާއި، ޑްރަގްގެ ވަބާގައި ޖެހިފައިވާ ބަޔަކު ހިމެނޭ ކަމަށެވެ.
"މި މީހުންނަށް ތިބޭނެ ތަންތަނާއި ކާބޯތަކެތި އަދި ޓޮއިލެޓްރީޒް، ސާފުތާހިރުވާން ބޭނުންވާ ތަކެތި ފޯރުކޮށްދީފައިިވޭ،" މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ އޭގެ އިތުރުން ވެސް ބައެއް މީހުންގެ އަންނައުނު ނެތުމުގެ ސަބަބުން، އެކަމަށް ވަކި ބަޖެޓެއް ކަނޑައަައިިގެން އަންނައުނު ހޯދައިދިނުމުގެ ކަންކަން ކުރަމުން އަންނަ ކަމަށެެވެ.
އަދި މާލެ ލޮކްޑައުން ކުރުމާ ގުޅިގެން ކާބޯތަކެތީގެ ދަތިކަން ދިމާވި 60 މީހަކަށް ކާބޯތަކެތި ވެސް ފޯރުކޮށްދީފައިވާ ކަމަށެވެ.
މާލެއިން ކޮވިޑް19 ޖެހިފައިިވާ މީހަކު ފެނި، މި މަހުގެ 15 ވަނަ ދުވަހު މާލެ ސިޓީ ލޮކްޑައުން ކުރުމާ ގުޅިގެން ގިނަ ބަޔަކަށް ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. އޭގެ ތެރޭގައި ދިިވެހީންނާއި ބިދޭސީން ވެސް ހިމެނެ އެވެ.
މަބްރޫކް ވިދާޅުވީ މިފަދަ ފަރާތްތަކަށް އެހީވުމަށް ސޯޝަލް ކައުންސިލުން އިންތިޒާމްތައް ހަމަޖައްސައި ތައްޔާރަށް އޮތް ކަމަށެވެ. އެގޮތުން މޯލްޑިވްސް ރެޑް ކްރެސެންޓާ ގުޅިގެން، ކެއްކޭނެ އިންތިޒާމް ހަމަޖެހިފައި ހުރި ލޭބާ ކުއާޓާތަކަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދީިފައިވާ ކަމަށެވެ.
އަދި ރަމަޟާން މަހު ވެސް ކާބޯތަކެތީގެ ދަތިކަން ފޯރާނެ ފަރާތްތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މިހާތަނަށް ރާއްޖެއިން 108 މީިހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ.