މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ހާލުގައި ޖެހިގެން މީހުން ބައިތިއްބާ ތަންތަން ސާފުކުރަން އެމްއޭސީއެލްގެ ވޮަލަންޓިއަރުން ނިކުމެއްޖެއެވެ.

މާލެއިން ފުރަތަމަ ފަހަރަށް މިމަހުގެ 15 ވަނަ ދުވަހު ވަނީ ކޮރޯނާގެ ކޭސްއެއް ފެނިފައެެވެ. އެކަމާ ގުޅިގެން މާލެ މިހާރު ވަނީ 14 ދުވަހަށް ލޮކްޑައުންވެސްކޮށްފައެވެ. ނަމަވެސް ކުއްލިއަކަށް ލޮކް ޑައުންގެ ހާލަތަކަށް ދިއުމަށް މާލޭގައި ތިބި ރަށްރަށުގެ މިީހުންނާއި ރިސޯޓްތަކުގެ މީހުން ވަންނާނެ ތަނެއް ނެތި ތިބީ ތާށިވެފައެވެ. އޭގެ އިތުރުން ކުލިނުދެއްކިގެންނާއި އެނޫންވެސް ތަފާތު ސަބަބުތަކާ ހުރެ މާލޭގައި ވަންނާނެތަނެއް ނެތި މީހުން އުޅޭތަން ފެނިގެން ދިޔައެވެ.

އެފަދަ މީހުންނަށް ފަހުން ސަރުކާރުން ވަނީ އެކި ތަންތަނުގައި ހިޔާ ވަހިކަން ފޯރުކޮށްދީފައެވެ.

އެމްއޭސީއެލްގެ ވޮލަންޓިއަރުން ނުކުމެ ސާފުކޮށްފައިވަނީ ހުރަވީ ސްކޫލާއި ޣާޒީ ސްކޫލާއި ރެހެންދި ސްކޫލްގެ އިތުރުން މަޖީދިއްޔާ އަދި ހިރިޔާ ސްކޫލެވެ.

އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް "ސަން" އަށް މިއަދު ވިދާޅުވީ ވޮލަންޓިއަރުންގެ ގޮތުގައި 50 އެއްހާ މުވައްޒަފުން ހަރަކާތްތެރިވި ކަަމަށެވެ. އެކަމުގައި އެމްއޭސީއެލްގެ އެމްޑީ މޫސާ ސޯލިހްވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ ހަރަކާތުގައި އެމްއޭސީއެލްއިން ވަނީ ސްކޫލްތަކުގެ ގޭތެރޭގައި ކްލާސްރޫމްތައް ފޮޅައި ސާފުކޮށްފައެވެ.