މިހާތަނަަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި ރާއްޖެއިން ބޭރުން އައުމުން ކަރަންޓީނު ކުރި މީހަކު ކަރަންޓީނުކޮށް މުއްދަތު ހަމަވުމުން ދޫކޮށްލާފައިވާ މީހަކު ހިމެނޭ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެއްސަކު ކަރަންޓީނު މުއްދަތު ފުރިހަމަ ކުރުމަށްފަހު ދޫކޮށްލިފަހުން، ރާއްޖެއިން ފަހުން ބައްޔަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓުވެ، ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އޭނާ އާއި ގުޅޭ ތަފްސީލު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ އޭނާ ރާއްޖެ އައީ މިދިޔަ މަހުގެ 23 ގައި ކަމަށާއި އޭނާ ކަރަންޓީނަށް ގެންދިޔުމަށްފަހު މިދިޔަ މަހުގެ 28 ވަނަ ދުވަހު ކުރި ޓެސްޓުން ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށެވެ. އަދި ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން އޭނާގެ ޓެސްޓު ހެދި ކަމަށާއި އެގޮތުން މިމަހުގެ ހަ ވަނަ ދުވަހު ހެދި ޓެސްޓުންވެސް ނެގެޓިވް ވެފައިވާކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ޑރ. ވިދާޅުވީ ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހަދާ ޓެސްޓުން ނެގެޓިވް ވުމުން އޭނާ ދޫކޮށްލީ މިމަހުގެ ހަތްވަނަ ދުވަހު ކަމަށެވެ.

"ކަންދިމާކުރިގޮތުން އޭނާ މިވީ، ޕޮޒިޓިވް ކޭސްއެއްގެ ވަރަށް ކްލޯޒް ކޮންޓެކްޓަކަށް. ދިމާވިގޮތުން ފަހުން އޭނާ އަށް އެ ބަލި އަރާފައި ޕޮޒިޓިވް ވެފައި އެހުރީ،" ޑރ. ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ބަލި ޖެހުނު މީހަކާ ކޮންޓެކްޓު ވުމުން ހައި ރިސްކު މީހަކަށް ވާތީ، އޭނާ އައިސޮލޭޓު ކުރި ކަމަށާއި ބައްޔަށް ޕޮޒިޓިވް ވީ އައިސޮލޭޝަނަށް ގެންގޮސް ހެދި ޓެސްޓުން ކަމަށެވެ.

އެގޮތުން އޭނާ ބައްޔަށް ޕޮޒިޓިވްވީ މިމަހުގެ 21 ވަނަ ދުވަހު ކަމަށް ޑރ. ވިދާޅުވިއެވެ.

އެ ކޭސް އާއި ގުޅޭގޮތުން ޑރ. ވިދާޅުވީ އޭނާ ބޭރުން އައިސް ހުއްޓާ ޕޮޒިޓިވްވީ ކަމަށް ނުބެލެވޭ ކަމަށާއި އޭނާ އަށް ބަލިޖެހުނީ ރާއްޖެއިން ޕޮޒިޓިވްވީ މީހަކާ ކޮންޓެކްޓު ވުމުން ކަމަށް ބެލެވޭ ކަމަށެވެ. އަދި ބޭރުން އައި މީހާގެ ފަރާތުން އެހެން މީހަކަށް ކުރިން ބަލި އަރާފައިވާކަމަށް ނުބެލެވޭ ކަމަށް ޑރ. ވިދާޅުވިއެވެ.