20 Dec 2011, 10:59
މިހާރު ފެށިގެން މިދަނީ ބޮޑު ޗުއްޓީގެ ނަމުން ނަންދެވިފައިވާ ދުވަސްވަރެވެ. ކިޔަވައި ކުދިންނަށް އަންނަ އެންމެ ބޮޑު އީދެވެ. އުފަލާއި މަޖަލުގެ ދުވަސްވަރެވެ. ކިޔެވުމުގެ ބުރައާއި، މުޅި އަހަރު ދުވަހު ހިނގި ހިނގުން މަޑުޖައްސާލާއި، ވަރުބަލި ފިލުވައިލާން ލިބޭ ދުވަސްވަރެވެ. ސިކުނޑިއަށް އަރާމު ހޯދައިދީ، އަންނަ އަހަރުގެ ކިޔަވުމާ ކުރިމަތިލާން ވާއިރަށް ވާންޖެހޭ އެންމެހާ ތައްޔާރީތައްވާން އޮތް ދުވަސްވަރެވެ. މި ޗުއްޓީގެ ޙަޤީޤީ މަގުސަދަކީ މިއެވެ. އެހެންނަމަވެސް މި ދުވަސްވަރުގެ ބޭނުން އަހަރެމެންނަށް ހިފެނީ އެންމެ ރަނގަޅަށް ބާވަ އެވެ؟
ހަޤީޤަތަށް ބުރަވެ އެއްޗެއް ބުނާނަމަ ބުނެވޭނީ މިހާރަކަށް އައިސް ގިނަ ކުދިން ޗުއްޓީގެ ބޭނުން ހިފަނީ އޭގެ އެންމެ އެދެވޭ ގޮތުގައެއް ނޫންކަމަށެވެ. ގިނަ ކުދިންނަށް ޗުއްޓީ މާނަ ކުރެވެނީ، މިނިވަން ކަމުގެ މާނައިގަ އެވެ. ތިމާ ބޭނުން ގޮތަކަށް އުޅޭން ލިބޭ ދުވަސްވަރެއްގެ ގޮތުގަ އެވެ. ބައެއް ފަހަރު މައިންބަފައިންނާއި ބެލެނިވެރިންނަށް ވެސް މިހެން ހީވާ ފަހަރު އަންނަހެން ހީވެ އެވެ. މިހެން މި ބުނީ އެފަދަ މިނިވަންކަމެއް ކުދިންނަށް ދެވޭތަން ފެންނާތީ އެވެ. މިގޮތަށް މިނިވަންކަން ދިނީމާ އޭގެ ނަތީޖާ އަކީ ކޮބައިކަން ވިސްނޭހެއްޔެވެ؟ ނޭދެވޭ އަސަރު ކުރަނީ ދަރިފުޅުގެ އަޚުލާޤަށެވެ. ކިޔެވުމަށެވެ. ދަރިފުޅު ރަނގަޅު ކުއްޖަކަށް ހެދޭތޯ މުޅި އަހަރު ދުވަހު ކުރި މަސައްކަތާއި، ދެވުނު ނަސޭޙަތް ފޫނެތް ފަޔަކަށް ފެންފުރުން ފަދަ ކަމަކަށް ވެގެން ދަނީ މަދެއްކޮށެއް ނޫނެވެ.
މިއީ މިއަދު ކޮންމެ މަޔަކާއި، ބަފައަކުވެސް އަދި ކޮންމެ ބެލެނިވެރިއަކުވެސް ވިސްނަން ވެއްޖެ މުހިންމު ކަމެކެވެ. ޗުއްޓީއާ ކުރިމަތި ލުމުގެ ކުރިން، އަމިއްލަ ނަފުސާ ފުރަތަމަ ކޮށްލަންވީ ސުވާލަކީ، ޗުއްޓީގެ ދުވަސްވަރު، ދަރިފުޅަށް މިނިވަންކަން ދޭނީ ކިހާ މިންވަރަކަށް ހެއްޔެވެ؟ ކޮންމެވެސް ޖަވާބެއް ލިބޭނެ އެވެ. ލިބުނު ޖަވާބު، އަމިއްލަ ސިކުނޑީގެ ތަރާދުން ކިރައިލާށެވެ!
ޗުއްޓީގައި ރަށުން ބޭރަށް ދަތުރެއް ކޮށްލުމަކީ، މިއަދު ދިވެހީންގެ ތެރޭގައި އާންމު ކަމެކެވެ. އަތޮޅުތެރެއަށެވެ. މާލެއަށެވެ. ރާއްޖޭން ބޭރަށެވެ. ވަރަށް ރަނގަޅު ކަމެކެވެ. މާހައުލު ބަދަލުކޮށްލުމަކީ ސިކުނޑިއަށް ވަރަށް ބޮޑު އަރާމެއް ލިއްބައިދޭނެ ކަމެކެވެ. އެހެނަސް ހަނދާން ބަހައްޓަންވީ ކަމަކީ، މިކުރެވޭ ދަތުރުގެ ސަބަބުން ސިކުނޑިއަށް ލިބޭ އަރާމު، ފަހުން އަޒާބަކަށްވެސް ވެދާނޭ ކަމެވެ. އެހެންކަމުން ދަރިފުޅު ގޮވައިގެން ކުރެވޭ ދަތުރަކީ، ދަރިފުޅާއެކުގައި ހޭދަކުރެވޭ ދަތުރަކަށް ހަދާށެވެ. މާހައުލު ތަފާތުވާ ފަދައިން ބައްދަލުވާ މީހުންނާއި، ކުރިމަތިވާ ކަންކަމާއި، ފެންނަ މަންޒަރުތައްވެސް ތަފާތުވާނޭކަން، އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ.
ދިރާސީ އަހަރުގެ ތެރޭގައި ކުދިން އުޅުނު އުޅުމަށް ބަލާއިރު، ޗުއްޓީގެ ދުވަސްވަރަކީ، މިނިވަން ދުވަސްވަރަކަށް ވާންޖެހޭނެ އެވެ. އެހެނަސް އޭގެ މާނައަކީ ކުއްޖާ އަދާކުރަންޖެހޭ ވާޖިބުތަކާއި، އުފުލަން ޖެހޭ މަސްއޫލިއްޔަތުތަކުން އެއްކިބާ ކުރުމެއް ނޫނެވެ. ތިމާގެ ދަރިފުޅަކީ ކިޔަވާ ކުއްޖެއްކަމާއި، ވަކިކަހަލަ ގަވާއިދުތަކާއި އުސޫލު ތަކެއްގެ ތެރޭގައި އުޅެން ޖެހޭ ކުއްޖެއްކަން، ހަނދާން ނައްތާލުމެއް ވެސް ނޫނެވެ. މިހެން މިބުނީ ބައެއް ފަހަރު ދަރިންނަށް ދެވޭ މިނިވަންކަމުގެ ފުޅާކަމުގެ ބޮޑުކަމުން މިހެން ހެދޭހެން ހީވާތީ އެވެ. ޗުއްޓީ ލިބުމުން އެވީ ބޯ ދިގު ކުރާށެވެ. ބޮލުގައި ތަފާތު ކުލަތައް ޖައްސާށެވެ. ގެއިން ބޭރުގައި ހޭދަކުރާ ވަގުތު ގިނަ ކުރާށެވެ. ފޮތްތަކާ މުޅިން އަލް ވަދާޢު ކިޔާށެވެ. ނަމާދު ކުރުމާއި ގުރުއާން ކިޔެވުން މުޅީން ކަހަލަ ގޮތަކަށް ދޫކޮށްލާށެވެ. ބައެއް ކުދިންނަށް މަޖާ ކޮށްލުމުގެ ގޮތުން ނަމަވެސް ސިގިރޭޓް ވެސް ބޮވޭ ގޮތްވަނީ މަދެއްކޮށެއް ނޫނެވެ. މިކަން ކަމުގެ ނަތީޖާ ގިނަފަހަރަށް ފެނިގެން ދަނީ، އޭގެ ސަބަބުން ފަހުން ހިތާމަ ކުރަން ޖެހޭ ފަދަ ގޮތަކަށެވެ. ދަރިފުޅަށް ލިބުނު އުފާވެރި އީދުގެ ސަބަބުން، ދަރިފުޅު ހަލާކުގެ ތެރެއަށް ވެއްޓެނީ އެވެ. ފަހުން ސަލާމަތް ކުރަން ނުކުޅެދޭ ހާލަތަށް ގެނބެނީ އެވެ.
އެހެން ކަމުން މިފަދަ ކަންކަމާ ދޭތެރޭ ބެލެނިވެރިންނާއި، ދަރިވަރުން ވަރަށް ފުންކޮށް ވިސްނާ ޚިޔާލު ކުރަން އެބަ ޖެހެ އެވެ. ޗުއްޓީގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، ފައިދާ ހުރި މަސައްކަތްތަކެއް ކުރެވޭ ދުވަސްތަކަކަށް ހަދަން އެބަޖެހެއެވެ. ކޮންމެހެން މުޅި ޗުއްޓީ ނިމެންދެން ފޮތުގެ ދުނިޔެއެއްގައި ދަރިފުޅު ބައިންދާ ވާހަކައެއް ނޫނެވެ. ދަނޑިމާރު އަޅައިގެން "ގޭބަންދުގައި" ބައިންދާ ވާހަކައެއް ވެސް ނޫނެވެ. އެހެންނަމަވެސް ބޭކާރު ދުނިޔެއެއްގައި ނުގެންގުޅުވައި، ފައިދާހުރި ކަމެއްގެ ތެރޭގައި ޝާމިލު ކުރުވާވާހަކަ އެވެ.
ފަހު ބަހަކަށް ބުނަމެވެ. މިއީ ޗުއްޓީގެ ދުވަސްވަރޭ ކިޔައި، ފޮތްތަކާ ކުދިން މުޅިން ވަކިކޮށްނުލާށެވެ! ކުދިންނަށް ދޭ ނަސޭޙަތާއި އިރުޝާދުގެ ސިލްސިލާ މެދުކަނޑައި ނުލާށެވެ! ޗުއްޓީއާއެކު ދެވޭ މިނިވަންކަން ފުޅާވިޔަސް އެކަމުގައިވެސް ވަކި ހުދޫދެއް ކަނޑައަޅައި، އުޅޭ ނޫޅޭ ގޮތް ގާތުން ބަލާށެވެ! ދަނީ ކޮންތާކަށްތޯއާއި، ކުރަނީ ކީއްތޯއާއި، އުޅެނީ ކޮންކަހަލަ އުޅުމެއް ހުރި ބަޔަކާ އެކުގައިތޯ ވެސް ފަރުވާތެރިކަމާއެކު ބަލާށެވެ! މިކަންކަމަށް ޣާފިލު ވެވިއްޖެނެމަ، ފެށޭ އަހަރު ކުއްޖާގެ ކިޔެވުމަށް ކަޅު ހިޔަނި އެޅި، ކުއްޖާގެ ތަޢުލީމީ ހަޔާތް ބަނަވާ ގޮތްވުމަކީ ނުވުމަށްވުރެ ވުން ގާތް ގޮތެއްކަން ހަނދާންބެހެއްޓުމަކީ ބުއްދިވެރި ކަމެކެވެ.