23 Apr 2020, 20:51
ކޮވިޑް 19 އަށް ޓެސްޓު ކުރުމަށް ބޭނުންކުރާ 5000 ޓެސްޓު ކިޓު ލިބިފައިވާކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ ކޮވިޑަށް ޓެސްޓު ކުރުމަށް ބޭނުންވާ 5000 ކިޓު ރާއްޖެއަށް ލިބިފައިވާ ކަމަށާއި އެ ކިޓުތައް މިހާރު އައިޖީއެމްއެޗުގެ ލެބޯޓްރީ އަށް ފޯރުކޮށްދެވިފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސްގައި ބޭނުންކުރާ ޕީސީއާރު މެޝިނެއް ކޮވިޑް19 ގެ ޓެސްޓުތައް ހަދަން ބޭނުންކުރަން ފަށާފައިވާކަމަށް މަބްރޫކު މިރޭ ވިދާޅުވިއެވެ. މަބްރޫކު ވިދާޅުވީ އެ މެޝިނުން ފުރަތަމަ ދުވާލަކު 50 އެއްހައި ޓެސްޓު ހެދޭނެ ކަމަށާއި ކުރިއަށް އޮތްތަނުގައި އެ އަދަދު އިތުރު ވާނެ ކަމަށެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ފުލުހުންގެ ފޮރެންސިކް ލެބުގައި މަސައްކަތްކުރާ ޓެކްނޮލަޖިސްޓުންވެސް ކޮވިޑް19 ގެ ޓެސްޓުތައް ހެދުމުގައި ބައިވެރިވާނެ ކަމަށެވެ.
ރާއްޖެއިން މިހާތަނަށް 108 މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވް ވެފައެވެ. މާލޭގައި ކޮމިޔުނިޓީ ސްޕްރެޑެއް އޮތްކަން އިއުލާނުކޮށް 14 ދުވަހުގެ ލޮކްޑައުން އެއް އިއުލާނުކޮށްފައިވާއިރު އައިޖީއެމްއެޗް ހޮސްޕިޓަލުން މިއަދު ބުނީ އެ ހޮސްޕިޓަލުން މިހާރު 300 ޓެސްޓު ދުވާލެއްގެ މައްޗަށް ހެދޭ ކަމަށެވެ.
މީގެ އިތުރުން އިތުރު 10000 ޓެސްޓު ކިޓު ޗައިނާގެ ވިޔަފާރިވެރިއެއްގެ އެހީގައި ލިބޭނެ ކަމަށް އެންއީއޯސީ އިން ވަނީ ބުނެފައެވެ.