ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ހދ. ކުޅުދުއްފުށީގައި އިއުލާންކޮށްފައިވާ ކާފިއުގެ މުއްދަތު އިތުރުކޮށްފިއެވެ.

ކޮވިޑް19 އަށް ޕޮޒިޓިވްވި މީހަކު ކުޅުދުއްފުށި ސިޓީގައި މަޑުކޮށް، އެ ސިޓީގެ ގިނަ އަދަދެއްގެ ބަޔަކާ ކޮންޓެކްޓުވެފައި ވާތީ، ރައްކާތެރިވުމުގެ ގޮތުން އެރަށުގައި ކާފިއު އިއުލާންކުރީ މިދިޔަ އަންގާރަ ދުވަހު މެންދުރުއެވެ. އޭރު ކާފިއު އިއުލާންކުރީ ތިން ދުވަހުގެ މުއްދަތަށެވެ. ނަމަވެސް ކާފިއުގެ މުއްދަތަށް އިތުރު ހަތް ދުވަސް އިތުރުކުރުމުން އަންނަ މަހުގެ އެކަކާ ހަމައަށް އެރަށް އޮންނާނީ ލޮކްޑައުންގައެވެ.

ރާއްޖޭގައި ކޮވިޑް ކޮންޓްރޯލް ކުރުމުގެ ގޮތުން ހާލަތަށް ރިޢާޔަތްކޮށް އެއްވެ އުޅުން ހުއްޓުވުމަށާއި އިޖްތިމާއި ގައިދުރުކަން ގާއިމު ކުރުމަށް ފިޔަވަޅު އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މިހާރު ވަނީ ކައުންސިލްތަކަށް ބާރުދީފައެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލްއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކާފިއު އިއުލާންކޮށްފައި އޮންނަ އިރު ހުއްދަ ނެތި ބޭރަށް ނުކުމެ ނޫޅެވޭނެ ކަމަށެވެ.

އެހެންކަމުން ކައުންސިލުން ކުރާ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތަކާއި މެދު އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 ރުފިޔައާއި 5000 ރުފިޔާއާ ދެމެދުގެ ޢަދަދުކަން ޖޫރިމަނާ ފިޔަވަޅު އަޅުމަށް ލިބިދޭ ބާރުގެ ދަށުން ޢަމަލު ކުރަމުގެ އިހްތިޔާރު ލިބިގެންވާކަމަށްވެސް ކުޅުދުއްފުށީ ކައުންސިލުން ބުންޏެެވެ.

މިމަހުގެ 15 ވަނަ ދުވަހު ކޮރޯނާ ޖެހިފައިވާ މީހަކު މާލެއިން ފެނުނު ފަހުން 14 ދުވަހަށް މާލެ މިހާރު އޮތީ ލޮކްޑައުންގައެވެ. މިހާތަނަށް ރާއްޖެއިން ކޮރޯނާ ޖެހިފައިވާ 108 މީހަކު ވަނީ ފެނިފައެވެ.