ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ އެމެރިކާގައި މާޗް މަހުން ފެށިގެން މިއަދާ ހަމައަށް ވަޒީފާ ގެއްލުން މީހުންގެ އަދަދު 26.6 މިލިއަނަށް އަރައިފިި އެވެ.

މިދިޔަ ހަފުތާގައި އެކަނި ވެސް އެމެރިކާގެ 4.4 މިލިއަން މީހުންގެ ވަޒީފާ ގެއްލި އެގައުމުގެ އިގުތިސާދު ވަނީ އިތުރަށް އަޑިއަޅާލާފަ އެވެ. އެއާ އެކު ކޮރޯނާ ވައިރަހުގެ ސަބަބުން އެގައުމުގައި ވަޒީފާ އަދާ ކުރަމުން ދިޔަ މީހުންގެ 15 އިންސައްތަ މީހުންގެ ވަޒީފާ މިހާރު ވަނީ ގެއްލިފަ އެވެ.

އެހެން ނަމަވެސް ވޭތުވެ ދިޔަ ތިން ހަފުތާއަށް ބަލާއިރު އެއް ހަފުތާއިން އަނެއް ހަފުތާއަށް ވަޒީފާ ގެއްލުން މީހުންގެ އަދަދު ވަނީ ނިސްބަތުން މަދުވެފަ އެވެ. ވުމާއެކު ދެން ވަޒީފާ ގެއްލޭ މީހުން ކުރިއާ ބަލާއިރު އިތުރު ވާނެ ކަމަށް ނުބެލެވޭ ކަމަށް އެގައުމުގެ އިގްތިސާދީ މާހިރުން ބުނެ އެވެ.

"ނިމުނު ހަފުތާގައި 4.4 މިލިއަން މީހުންގެ ވަޒީފާ ގެއްލުނު އިރު މިއީ ކުރިއާ ބަލާފައި މަދު މިންވަރެއް. މިކަމުން ދޭހަވަނީ ޕީކް ނިމިފައިވާ ކަން. ހާލަތު ދެން އިތުރަށް ގޯސްވާނެ ކަމަށް ނުބެލެވޭ،" ޔޫކޭގެ ފައިނޭންޝިއަލް ހިދުމަތްދޭ ޗާލްސް ޝްވެބް ފާމްގެ މެނޭޖިންގް ޑިރެކްޓަރު ރިޗާޑް ފްލައިން ބުނެފައިވެއެވެ.

"މިވަގުތުގެ އެންމެ ބޮޑު ސުވާލަކީ އަލުން އިގުތިސޯދު ހުޅުވާލެވޭނޭ އިރަކާއި، ހުޅުވާލުމުން ދެން ވާނީ ކިހިނެތްތޯ؟"

ދުނިޔޭގެ އެކޮނޮމިސްޓުން ބުނަމުންދާ ގޮތުގައި ކޮރޯނާ ވައިރަހުގެ ސަބުބުން 1930 ވަނަ އަހަރުތަކުގެ ތެރޭގައި ދުނިޔޭގައި އުފެދުނު "ދަ ގްރޭޓް ޑިޕްރެޝަަން" (ބޮޑު ތަދު) ގެ ދުވަސްވަރަށް ފަހު ދުނިޔެ ނުދެކޭހާ މިންވަރަށް ގައުމުތަކުގެ އިގްތިސާދު ހަލާކުވެގެން ދާނެ އެވެ.

އެހެން ކަމުން މިކަމުގެ ތެރެއިން އަރައިގަތުމަށް އެމެރިކާއިން ވަނީ ދެ ޓްރިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅައި، ވަޒީފާ ގެއްލޭ މީހުންނަށް އެހީވުމަށާއި، އިގްތިސާދު އަލުން އާރޯ ކުރުމަށް އެ ފައިސާ ބޭނުން ކުރަން ނިންމާފަ އެވެ.

އެމެރިކާއަކީ މިހާރު ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމެވެ. އެގައުމުގައި 855،000 އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، އެ ބަލީގައި 47،974 މީހަކު ވަނީ މަރުވެފަ އެވެ.