23 Apr 2020, 19:35
ރާއްޖެއިން ކޮވިޑް19 ގެ ނުރައްކާތެރިކަން އެކީ ފިލުވައިނުލެވެނީސް، ރާއްޖޭގެ އިގްތިސޯދީ ހަރަކާތްތައް ނުފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ މައި އިގްތިސޯދީ މަސައްކަތްކަމަށްވާ ފަތުރުވެރިކަން ހުއްޓިފައިވާއިރު މާލޭގައި ބަލި ފެތުރެން ފެށުމާއެކު ގައުމުގެ އެތެރޭގެ އިގްތިސޯދީ ހަރަކާތްތައް ވެސް ވަނީ ހުއްޓިފައެވެ.
މިއަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި އުނދަގޫ ދަތި ހާލަތުގައިވެސް، ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދީ، ރައްޔިތުންގެ އަސާސީ އަދި ޒަރޫރީ ބޭނުންތަކަށް މަގު ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މި މަސައްކަތް ކާމިޔާބު ކުރުމުގައި، ލޮބުވެތި ރައްޔިތުންގެ އެހީތެރިކަން ސަރުކާރަށް ނިހާޔަތަށް ބޭނުންވޭ. މިއީ، އަޅުގަނޑުމެންގެ އަތުގައި ހުރި ފުދުންތެރިކަމާއި ވަސީލަތްތައް، އެންމެ ފުރިހަމައަށް އިގްތިސޯދުކޮށް އިސްރާފުކުރުމާ މުޅިން ދުރުހެލިވާންވީ އެންމެ މުހިންމު ވަގުތު،" ރައީސް ވިދާޅުވިއެވެ.
އިސްރާފު ކުރުން މަދުކޮށް އިގްތިސޯދު ކުރުމަށް ބާރުއަޅުއްވާ އެމަނިކުފާނު ވިދާޅުވީ ރޯދައިގެ އަޅުކަމުން ލިބޭ އެންމެ ވަރުގަދަ ފިލާވަޅަކީވެސް، ކާބޯތަކެތި އިގުތިސޯދުކޮށް އިސްރާފުނުކުރުމާއި ބޭކާރު ހަރަދުތައް ހުއްޓާލައި ފަހަށް ރައްކާކުރުމުގެ މަތިވެރި ސިފަ ކަމަށެވެ.
މި ސިފަތައް ނަފުސުގައި ހަރުލެއްވުމަށް މި ހާލަތުގެ ބޭނުން ހިފުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
ރައީސް ވިދާޅުވީ ރަމަޟާން މަހަކީ މިއީ، ކީރިތި ގުރްއާނުގެ މައްސަރު ކަމަށްވާއިރު، އެ މާތް ފޮތް އުނގަންނައިދޭ އެންމެ މަތިވެރި އަހުލާގީ ސިފަތަކަކީ، އަނެކުންނަށް އޯގާތެރިވުމާއި، ފަގީރުންނާއި ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވުމާއި ނިކަމެތީންނަށް ހެޔޮފޯރުވުން ކަމަށެވެ.
މި ދަތިހާލަތުގައި އަނެކުންގެ ހިތާމަތައް ފިލުވައިދީ، ދީލަތިވެ އެހީތެރިކަން ފޯރުވުމަކީ މި މާތް މައްސަރުގެ ދަރުމައާއި ސަވާބު ފުރިހަމަ ގޮތުގައި ހޯދުމަށްޓަކައި ސަމާލުވާންޖެހޭ ކަންތައް ކަމަށް ރައީސް ވިދާޅުވިއެވެ.
މިހާރުގެ ހާލަތަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ ގެއިން ނުނިކުމެ ތިބެން ޖެހުނަސް، އަޅުގަނޑުމެންގެ ހައްގުގައި އާއިލާއާއި ގާތްތިމާގެ މީހުންނާ ވަކިން، ވަރަށް މުހިންމު އަދި އެހާމެ ބުރަ މަސައްކަތްތަކެއް ކުރާ ބަޔަކު އެބަ ތިބިކަން ހަނދާންކުރަންޖެހޭ ކަމަށެވެ.
އެގޮތުން ސިއްހީ ހިދުމަތްތެރިންނާއި، ސިފައިންނާއި ފުލުހުންނާއި، ޑެލިވަރީގެ ހިދުމަތް ދޭ މީހުން ކުރާ މަސައްކަތް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ރައީސް ވިދާޅުވީ އެ ފަރާތްތަކުން ކުރަމުން އެދަނީ، އައެކަންކަމުގެ އަގު އަދާކުރެވޭ ވަރަށްވުރެ މާ މަތިވެރި ޚިދުމަތްތަކެއް ކަމަށެވެ.
ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ގެގައި ނަމާދުކޮށް ގުރުއާން ކިޔަވައި ﷲ އަށް ދުއާ ދެންނެވުމަށް ރައީސް ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފައެވެ.