މިސްކިތްތައް ބަންދުވިޔަސް ﷲ އަށް މުނާޖާ ދެންނެވުމުގެ ދޮރު ބަންދު ނުވާކަމަށާއި ރަމަޟާން މަހު ގޭގައި ތިބެގެންވެސް ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތައް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފިއެވެ.

ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވާ ރައީސް ސޯލިހު މިރޭ ވިދާޅުވީ މިއަހަރުގެ ރޯދަމަހާ އަޅުގަނޑުމެން މި ބައްދަލުކުރީ ފަހުގެ ތާރީހެއްގައިވެސް އިންސާނުން ތަޖުރިބާކޮށްފައިނުވާފަދަ ވަރުގަދަ އިމްތިހާނަކާ ކުރިމަތިލާން ޖެހިފައިވާ ދުވަސްވަރެއްގައި ކަމަށެވެ.

"ކޯވިޑް19ގެ ބަލިމަޑުކަން، އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާންމު ހަރަކާތްތައް ހުއްޓުމަކަށް ގެނެސްފި. އިޖުތިމާއީ ގައިދުރުކުރުމަށް އިސްކަން ދޭންޖެހުމުގެ ސަބަބުން، އަޅުގަނޑުމެން ޖަމާއަތުގައި އަދާކުރާ އަޅުކަންތައްވެސް މިވަނީ މެދުކަނޑައިލަން ޖެހިފައި،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިފަދަ ހިތާމައިގެ ދަނޑިވަޅެއްގައި ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރިކަމީ މި ނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމަށް މާތްﷲ އަޅުގަނޑުމެންނަށް މެދުވެރިކޮށްދެއްވި ވަރަށް މަތިވެރި ނަސީބެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީންވެސް ބާރުއަޅަނީ، އީމާންތެރިކަން ވަރުގަދަކޮށް ކެތްތެރިވެ، ސަބަބުތަކުގައި ހިފުމާއެކު، ﷲގެ ހަޒްރަތުން މަދަދާއި ވާގިވެރިކަމަށް އެދުމަށް،" އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން މިސްކިތްތައް ބަންދުކުރަން ޖެހުނަސް، ﷲއަށް މުނާޖާ ދެންނެވުމުގެ ދޮރުތައް ވަނީ ތަނަވަސްކަމާ އެކު ހުޅުވިފައިވާކަމަށާއި ގޭގައި ތިބެގެންވެސް ފަރުޟު ނަމާދުތައް ބަރާބަރަށް އަދާކުރުމަށް އެމަނިކުފާނު ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފައެވެ.

އަދި ކީރިތި ގުރްއާން ކިޔެވުން އިތުރުކޮށް، ތަރާވީހު ނަމާދުކުރުމަށާއި ދަމު ނަމާދުކުރުމަށް ސަމާލުކަންދީ، ކޮވިޑް 19ގެ ނުރައްކާތެރިކަމުން މުޅި އިންސާނިއްޔަތު ސަލާމަތް ކޮށްދެއްވާތޯ ﷲ އަށް ދުއާ ދެންނެވުމަށް އެމަނިކުފާނު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ ރޯދަ މަހަކީ އަޅުކަމުގެ މޫސުން ކަމަށާއި މިމައްސަރުގައި ގުރުއާން ކިޔެވުމާއި ދުއާކުރުން ގިނަކޮށް، އަނެކުންނަށް ދީލަތިވުމާއި އެހީ ފޯރުވުން ގިނަ ކުރަންޖެހޭ ކަމަށެވެ.

މި މުހިންމު ދުވަސްތައް ހޭދަކުރަންވީ، ކޯވިޑް19ގެ ނުރައްކާތެރިކަން އަޅުގަނޑުމެންގެ ތެރެއިން ފިއްލަވައި، އާންމު ދިރިއުޅުމުގެ ހާލަތަށް އެނބުރި ދިޔުމުގެ ތައުފީގު ދެއްވުން އެދި، ﷲ އަށް ދުއާ ދެންނެވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.