ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް އަޅާ ދިރާގު ސަބްމެރިން ކޭބަލް ހުވަދޫ ކަނޑު ހުރަސްކޮށް ގދ. ގައްދުއާ ހަމައަށް ފޯރައިފި އެވެ.

މުޅި ރާއްޖެ ކަނޑުއަޑީގެ ކޭބަލަކުން ގުޅާލުމަށް، ކޭބަލް ދަމާ ބޯޓް، ކޮރެއާގެ "ސެގޯރާ" ގދ. ގައްދު އަށް ދިޔައީ މިއަދު އެވެ.

ދިރާގުން ބުނީ ލ. ގަމާއި ގައްދުއާ ދޭތެރޭގައި 2006 ވަނަ އަހަރު ވަނީ 235 ކިލޯ މީޓަރުގެ ކޭބަލަކުން ގުޅާލައިފައި ކަމަށާއި ފަހުން އެ ކޭބަލާއި މިހާރު އަޅާ ކޭބަލް ގުޅާލާނީ ކަމަށެވެ.

ދިރާގުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ގައްދޫން ސ. ހިތަދު އަށް ކޭބަލް ގުޅާލުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށާއި އަންދާޒާ ކުރެވޭ ގޮތުގައި ބުރާސްފަތި ދުވަހުގެ ނިޔަލަށް ހިތަދު އަށް ކޭބަލް ގެންގޮސް މުޅި ރާއްޖެ ގުޅާލެވޭނެ އެވެ.
ދިރާގުން މިހާތަނަށް ވަނީ ހދ. ކުޅުދުއްފުށި، ބ. އޭދަފުށި، ހުޅުމާލެ، އދ. ދަގެތި އަދި ލ. ގަމަށް ކޭބަލްގެ ކޮޅުތައް އަރުވައިފަ އެވެ. ސަބްމެރިން ކޭބަލް އަޅަން ދެން އޮތީ ގދ. ގައްދޫ، ޏ. ފުވައްމުލަކުގެ އިތުރުން ސ. ހިތަދޫ އެވެ.
ދިރާގުން ބުނެފައި ވަނީ ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް މައްސަލައެއް ދިމާނުވެ، ކުރިޔަށް ގެންދެވިއްޖެ ނަމަ މި މަހުގެ 25ގެ ނިޔަލަށް މުޅި މަޝްރޫއު ނިންމާލެވޭ ވަރު ވާނެ ކަމަށެވެ.

ޖަޕާނުގެ އެންއީސީއާ ހަވާލުކޮށްގެން ދިރާގުން ކުރިއަށް ގެންދާ މި ޕްރޮޖެކްޓަކީ 70 މިލިއަން ޑޮލަރު (899 މިލިއަން ރުފިޔާ) ގެ ޕްރޮޖެކްޓެކެވެ.

ދިރާގުން އަޅާ ސަބްމެރިން ކޭބަލްގެ މެގަ ނެޓްވޯކުގެ ސަބަބުން ކުރިއަށް އޮތް 25 އަހަރަށް ބޭނުންވާ ބޭންޑް ވިތަށް ހިދުމަތް ދިނުމުގެ ގާބިލްކަން ދިރާގަށް ލިބޭނެ ކަމަށާއި ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ އަގުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވެސް ދިރާގުން ވަނީ ބުނެފަ އެވެ.