"ހިނގާ އަވަހަށް ކުޅޭން. މިއަދު ހުއްމުސްއަށް މިރުސް ކާންދޭން ވާނެ." އަމީރު ޞަފިއްޔުއްދީން ވިދާޅުވިއެވެ.

"ނޫން ބޭބޭ! އެހެން ހަދާކަށް ނުވާނެ." އަމީރާ ޞަފާ ވިދާޅުވިއެވެ.

"ހިނގާ އަވަހަށް ގެޔަށް ވަންނަމާ." ސަލްމާ އެހެން ވިދާޅުވަމުން ގޭގެ ދޮރާ ދިމާއަށް ވަޑައިގަތެވެ. އަދި ސަލާމް ގޮވައިލެއްވިއެވެ.

"އައްސަލާމު ޢަލައިކުމް!"

"ޥަޢަލައިކުމުއްސަލާމް ޥަރަޙްމަތު ﷲ ޥަބަރަކާތުހޫ." ގޭތެރެއިން ސަލާމް ބަލައިގަތީ ޒައުލޫލެވެ. "އަވަހަށް ވެދެވަޑައިގަންނަވާ!"

"ޒައުލޫލު ކިހިނެއް؟" ސަލްމާ އެއްސެވިއެވެ.

"އަޅުގަނޑުގެ ހާލު ރަނގަޅު. ތިޔަބޭފުޅުން ހެޔޮ ހާލުކޮޅުގައި ވާ ތަން ފެނުމުން ވަރަށް އުފާ ވެއްޖެ." ޒައުލޫލު ޖަވާބުގައި ދެންނެވިއެވެ.

"ބައްޕަ ކޮބާ؟" ސަލްމާ ސުވާލު ކުރެއްވިއެވެ.

"ގާޒީ ސާހަބް އިންނެވީ މަސައްކަތް ކުރައްވާ ކޮޓަރިކޮޅުގައި. މިހާރު އުޅުއްވާނީ ފަރީއްކުޅުއްވާން ނުކުމެވަޑައިގަންނަވާން." ޒައުލޫލު ޖަވާބު ދިނެވެ.

"އަހަރެމެން އައިސް ތިބި ވާހަކަ ޒައުލޫލު ގޮސް ބައްޕައަށް ދަންނަވާ!" އެތެރެއަށް ވެދެވަޑައިގަންނަވަމުން ސަލްމާ ވިދާޅުވިއެވެ.

ސަލްމާއާއި ސަލްމާގެ ބޭފުޅުން ވަޑައިގަތީ ބޮޑުކޮޓަރިއަށެވެ. ވަދީދާ ވެސް ދިޔައީ އެ ބޭފުޅުންނާ އެކު ބޮޑުކޮޓަރިއަށެވެ. އެ ބޭފުޅުން ވަޑައިގެން ތިއްބެވި ވާހަކަ އެ ވަގުތު ޒައުލޫލު ގޮސް ގާޒީ ޞަފިއްޔުއްދީނަށް ދެންނެވިއެވެ.

"އެހެންތަ! އަވަހަށް ހިނގާ. އަވަހަށް ގޮސް ނަހާރު ތައްޔާރު ކުރޭ. އެއްމެންނަށް ނަހާރު ކުރެވޭ ވަރަށް ތަކެތި ހުންނާނެތަ؟" ޞަފިއްޔުއްދީން އެއްސެވިއެވެ.

"މަރްޖީމާ ސުރުވާއާއި ސަޔާއި ޕާން އެބަ ހުރި. ޕަނީރާއި މައްްކަން ވެސް އެބަ ހުރި. ފިހުނު ކުކުޅު ވެސް ހުންނާނެ. ޒައިތޫނި ވެސް އެބަ ހުރި. ކަދުރާއި ގަހުވަ ވެސް އެބަ ހުރި. އަންނާރު ޖޫސް ވެސް ހުންނާނެ. ދެން އިތުރަށް ނާނުކޮޅެއް ފިހެލާން ޖެހޭނީ. މޮޑެފައި ހުރި ފުށް ވެސް އެބަ ހުރި. އެހެންވީމާ ހަމަ ވަގުތުން ތައްޔާރު ކޮށްލެވޭނެ." ޒައުލޫލު ދެންނެވިއެވެ.

ޒައުލޫލު ބަދިގެއާ ދިމާޔަށް ދާން ހިނގައިގަތުމުން، ރަނގަޅޭ ވިދާޅުވެފައި ޞަފިއްޔުއްދީން ވަޑައިގަތީ ބޮޑުކޮޓަރިއަށެވެ.

"ކާފާ!" ޞަފިއްޔުއްދީނު ފެންނަ އިރަށް އަމީރާ ޞަފާ ކާފައަށް ގޮވައިލެއްވިއެވެ.

"ލައްބަ ދަރިފުޅާ! ހިނގާ ކާކޮޓަރިއަށް ދަމާ! ނަހާރު ކޮށްގެން މިކޮޅަށް އަންނާނީ." އެހެން ވިދާޅުވެފަައި ސަލްމާއާ ސަލާން ކޮށްލެއްވުމަށް ފަހު ސަލްމާގެ ދެ ބޭފުޅުންގެ އަތްޕުޅުގައި ހިއްޕަވައިގެން ކާކޮޓަރިއާ ދިމާއަށް ހިންގަވައިގަންނަމުން ވަދީދާއަށް ވިދާޅުވިއެވެ.

"ވަދީދާ ވެސް އާދޭ!"

"އަޅުގަނޑު މި ދަނީ ބަދިގެއަށް." ވަދީދާ ދެންނެވިއެވެ.

"ނޫން. ބަދިގެއަށް ދާނެ ކަމެއް ނެތް. ޒައުލޫލު ބަދިގެ ހަމަޖައްސާނެ. ދަރިފުޅު ސަލްމާއާ އެކު ވަދީދާ މެހުމާނެއްގެ ގޮތުން މި ގެއަށް އައިސް ބަދިގެއަށް ވަނުމަކީ އައިބު ކަމެއް." ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

ވަދީދާ ހުރީ ބަދިގެއަށް ވަންނަ ހިތުންނެވެ. އެއީ އޭޭނާގެ ހަނދާންތައް ގުޅިފައިވާ އެންމެ ހާއްސަ ތަނެވެ. އޭނާ ސަލްމާގެ މަންމަގެ އަރިހުން މީރުކޮށް ކައްކާން ދަސް ކުރީ އެ ބަދިގޭގައެވެ. ކިތައްމެ ބޮޑަށް ބަދިގެއަށް ދާ ހިތް ވިޔަސް، ޞަފިއްޔުއްދީނު އެހެން ވިދާޅުވުމުން އިތުރު އެއްޗެކޭ ދަންނަވާކަށް ވަދީދާއަކަށް ނުކެރުނެވެ.

އޭނާ ހަނދާން ވީ ސަލްމާ އުފަންވެވަޑައި ނުގަންނަވަނީސް، އެއް ދުވަހަކު ޞަފިއްޔުއްދީނު ވިދާޅުވި ވާހަކަފުޅެކެވެ. "ބޮޑެތި މީހުން ބުނާ ބަހުން ހުރިހާ ތަފްސީލެއް ނުލިބުނަސް، ބޮޑެތި މީހުން ނޫނެކޭ ބުނާނީ ސަބަބެއް އޮވެގެން ކަން އަބަދުވެސް ހަނދާން ކުރާށެވެ. އެ ސަބަބު އެވަގުތު ބުނެވޭން ނެތީ ކަމަށް ވެސް ވެދާނެއެވެ. ވީމާ ނޫނެކޭ ބުނީ ކީއްވެގެންތޯ ސުވާލު ނުކޮށް، އިރުޝާދާ އެއްގޮތަށް އަމަލު ކުރާށެވެ." މިއަދު ނޫނެކޭ ވިދާޅުވީ ވަކި ހާއްސަ ސަބަބެއްް ނެތި ކަމަށް ވެސް ވެދާނެއެވެ. އެހެންނަމަވެސް ބޮޑެތި މީހުން ނޫނެކޭ ބުނާނީ، ނޫނެކޭ ބުނާ ވަރު ސަބަބެއް އޮވެގެން ކަން ވަދީދާ ގަބޫލު ކުރެއެވެ. ކޮންމެ މީހެއްގެ ނިސްބަތުގައި ނޫނަސް، ހަމަކަށަވަރުންވެސް ގާޒީ ޞަފިއްޔުއްދީނު ނޫނެކޭ ވިދާޅުވާނީ ސަބަބެއް އޮވެގެންނެވެ.

ގާޒީ ޞަފިއްޔުއްދީނަކީ ދިރިއުޅުމުގެ ހުރިހައި ކަމެއްގައި ވެސް ވަރަށް ހަރުދަނާ އުސޫލުތަކެއް ގެންގުޅުއްވާ ބޭފުޅެކެވެ. "ކާމޭޒު ދޮށުގައި އިށީނުމަށް ގޮނޑި ދަމައިލާނީކީ ނޫނެވެ. ގޮނޑި ނަގާފައި ރީތިކޮށް ބަހައްޓާނީއެވެ. ތަހުޒީބު ގެއެއްގެ ތެރެއިން ގޮނޑި ދަމާ އަޑެއް ނީވޭނެއެވެ. ކައި ނިމުމުން ގޮނޑިތައް މޭޒާ ކައިރި ކުރާނީ ވެސް އެ ގޮތަށެވެ. ގޮނޑިތައް ކޮއްޕައިލާނީކީ ނޫނެވެ." ވަދީދާގެ ހަނދާނަށް އަންނަމުން ދިޔައީ ތަފާތު އެކި ދުވަސްދުވަހު ގާޒީ ޞަފިއްޔުއްދީނު ވިދާޅުވެފައި ހުރި ނަސޭހަތުގެ ބަސްފުޅުތަކެވެ. އެހެންކަމުން އޭނާ އަވަސްވެގަތީ ސަލްމާގެ ބޭފުޅުން އިށީނދެ ވަޑައިގަންނަވާން ގޮނޑިކޮޅުތައް ބެހެއްޓުމަށެވެ.

އެ ބޭފުޅުން ގޮނޑިކޮޅުތަކުގައި އިށީނދެ ވަޑައިގަތުމާ އެކު ޒައުލޫލު އައިސް ސުފުރާމަތި ތައްޔާރު ކޮށްލިއެވެ.

"ބިސްމި ﷲ! ކާން ފައްޓަމާ!" ސުފުރާމަތި ތައްޔާރުވުމުން ޞަފިއްޔުއްދީނު ވިދާޅުވިއެވެ. ޞަފިއްޔުއްދީނު ވާހަކަ ނުދައްކަވާތީ އެއްވެސް މީހަކަށް ވާހަކަ ދައްކާކަށް ނުކެރުނެވެ. ފަރީއްކުޅުއްވާ ވަގުތު ވާހަކަ ދެއްކުމަކީ ޞަފިއްޔުއްދީނު ރުހިވަޑައިގަންނަވާ ކަމެއް ވެސް ނޫނެވެ. ސަލްމާ ވަނީ އޭނާގެ ބޭފުޅުންނަށް ވެސް ބައްޕަ އަރިހުން ދަސްވި އަދަބުތައް ދަސްކޮށް ދީފައެވެ. އެހެންކަމުން އެ ބޭފުޅުންގެ އުޅުއްވުން ވެސް ހުންނަނީ އަދަބުވެރިކޮށެވެ.

އެއްމެން ކެއުމުން އަވަދިވުމުން ޙަމްދުދުޢާ ކުރެއްވުމަށް ފަހު، ތެދުވެވަޑައިގެން އަތްދޮންނަ ލޯގަނޑާ ކައިރިޔަށް ވަޑައިގެން އަތް ދޮންނެވުމަށް ފަހު ވިދާޅުވިއެވެ.

"ހިނގާ ބޮޑުކޮޓަރިއަށް ދަމާ!"

ބޮޑުކޮޓަރިއަށް ވަޑައިގެން ޞަފިއްޔުއްދީން އިށީނދެ ވަޑައިގަތީ ސަރަންފީގައެވެ. ސަލްމާއާއި ސަލްމާގެ ބޭފުޅުން އިށީނދެ ވަޑައިގަތީ ބާލީސްޖެހި ގޮނޑިކޮޅުތަކުގައެވެ.

"ކެއުން ވަރަށް މީރު. ކުކުޅު ފިހެފައި އޮތީ ވަރަށް މީރުކޮށް." އަމީރާ ޞަފާ ވާހަކަ ދައްކަވާން ފެއްޓެވިއެވެ.

"އުފާވެރިކަމާއި ދުޅަހެޔޮކަން އެކުލެވިގެންވާ ކެއުމެއް. އިންޝާ ﷲ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"އަޅުގަނޑަށް ހުއްމުސްއާ އެކު ކުޅެވިދާނެތޯ ކާފާ؟" އަމީރު ޞަފިއްޔުއްދީން ކުޅުމުގެ ހުއްދައަށް އެދިވަޑައިގަތެވެ.

"ޝައްކެއް ނެތް. އެކަމަކު ތަންކޮޅެއް ފަހުން އަދި އޭއްޗަށް އެއްވެސް ގޯނާއެއް ކުރުމެއް ނެތި." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ހުއްމުސް.. މޮޔަ.. މޮޔަ.." ގުރާ ވެސް ވާހަކަ ދައްކާން ފެށިއެވެ.

"ބައްޕާ! އަޅުގަނޑަށް ބައްޕަ ފެންނަނީ ވަރަށް ފިކުރުފުޅު ބޮޑުވެފައި ހުރި ތަން." ސަލްމާ ވިދާޅުވިއެވެ.

"ދަރިފުޅާ، ކީއްވެ ތިޔަ ހެން ތިޔަ ބުނީ؟" ޞަފިއްޔުއްދީން އެއްސެވިއެވެ.

"މި ކުދީންނާ ވެސް އާދަކޮށް ދައްކަވާ ގޮތަށް ވާހަކަ ދެއްކެވުމެއް ނެތި، ލާޒިމު ބަސްފުޅެއް ނޫނީ ވިދާޅު ނުވާތީ." ސަލްމާ ވިދާޅުވިއެވެ.

"އެއީ ނުނިމި ހުރި އަދާލަތުގެ މައްސަލަތަކާ މެދުގައި ވިސްނެނީ ކަމަށް ވާނީ. ފުލުހުންގެ ވެރިޔާ ބޭނުން ވީ އެއްވެސް ހެތްކެއް ނެތި މީހެއްގެ މައްޗަށް ވައްކަމުގެ ހުކުމެއް ކުރުވަން. އޭނާއަކީ ކުރީން ވައްކަން ކޮށްފައި ހުރި މީހަކަށް ވާތީ، މި ފަހަރު ވެސް ވައްކަން ކުރީ އޭނާ ކަމަށް ކަނޑައަޅުވާން." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ފަހަރެއްގައި ފުލުހުންގެ ވެރިޔާ އެ ވިދާޅުވަނީ ރަނގަޅަށް ކަމުގައި ވެސް ވެދާނެ." ސަލްމާ ވިދާޅުވިއެވެ.

"އެހެންނަމަވެސް އަހަރެމެންނަކަށް ޝައްކާއި ވަހުމާއި ހީގެ މައްޗަށް ބިނާކޮށް ސަރިޔަތުގެ ހުކުމެއް ނުކުރެވޭނެ. އެއީ އަދުލުވެރި ގޮތެއް ނޫން." ގާޒީ ވިދާޅުވިއެވެ.

"ބައްޕާ! އަދުލު އިންސާނު ގާއިމު ކުރެއްވުމުގެ ގޮތުން ބައްޕައަށް ކުރެއްވޭން ހުރި ހުރިހާ ކަމެއް އެބަ ކުރައްވަމެއް ނޫންތޯ! އެއްވެސް ކަމެއްގައި ފަރުވާ ކުޑައެއް ނުކުރައްވަމު." ސަލްމާ ވިދާޅުވިއެވެ.

"ތިޔަ ކަމުގެ ހައްލު އަޅުގަނޑު ދަންނަވައިފާނަން ކާފާ! އަޅުގަނޑު އެ ހައްލަކީ ކޮބައިކަން ދަންނަވަންތޯ؟" އަމީރު ޞަފިއްޔުއްދީން ވިދާޅުވިއެވެ.

"އަވަހަށް ބުނޭ ދަރިފުޅާ. ފަހަރެއްގައި ސުލައިމާނުގެފާނު ކުޑަފުޅު އިރު އެކަލޭގެފާނުގެ ދޫފުޅުން ގަޒިއްޔާތަކާ މެދު ހިކުމަތްތެރި ހައްލުގެ ބަސްފުޅުތައް ވިދާޅުވި ހެން، އަހަރެމެންގެ މި ޖީލުގެ ކުޑަކުދީންގެ އަނގައިން ވެސް ހިކުމަތްތެރި ހައްލެއް ލިބުމަކީ އެކަށީގެންވާ ކަމެއް. ބުނޭ ދަރިފުޅާ!" ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަނީ ތުހުމަތުދާރު ގެންގޮސް ޖަލަށް ލައި، އިއުތިރާފު ވާން ދެން ރަނގަޅަށް ތަޅާލަން." އަމީރު ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ކޮންފަދަ އަނިޔާވެރިކަމަކާއި ހަރުކަށިކަމެއް!!! ފަހަރެއްގައި ވެދާނެ ކުށުން ބަރީއަ މީހަކަށް ވެސް. އަދަބަށް ކެތް ނުކުރެވިގެން ވެސް އިއުތިރާފު ބަޔާނެއް ދީފާނެ." އަމީރާ ޞަފާ ވިދާޅުވިއެވެ.

"ރަނގަޅަށް ތިޔަ ބުނީ. ދަރިފުޅާ ޞަފާ. މި ކަމުގައި ދަރިފުޅުގެ ރައުޔަކީ ކޮބާ؟" ގާޒީ ޞަފިއްޔުއްދީނު އަމީރާ ޞަފާއަށް ތާއީދު ކުރެއްވުމާ އެކު ސުވާލު ކުރެއްވިއެވެ.

"އަޅުގަނޑަށް ފެންނަނީ އޭނާއަށް އެއްވެސް ކަމެއް ނުކޮށް މާފުކޮށް، ދޫކޮށްލަން. އެއީ މުޖުރިމަކަށް ވިޔަސް." އަމީރާ ޞަފާ ވިދާޅުވިއެވެ.

"ތިޔައީ ވެސް އަދުލުވެރި ގޮތެއް ނޫން އަދި އެއީ ވެސް އަދުލުވެރި ގޮތެއް ނޫން." ގާޒީ ވިދާޅުވިއެވެ.

"އެއީ ކިހިނެއް ވާ ކަމެއް ކާފާ. ދެ ގޮތުން ކުރެ އެއްގޮތެއް ވެސް ރަނގަޅު ނުވަންޏާ ...!!!" އަމީރު ޞަފިއްޔުއްދީނު ހައިރާންކަމާ އެކު ވިދާޅުވިއެވެ.

"ދެން ކޮބައިތޯ އަދުލުވެރި ގޮތަކީ؟" އަމީރާ ޞަފާ ސުވާލު ކުރެއްވިއެވެ.

"އަދުލުވެރި ގޮތަކީ ހެތްކާއި ދަލީލުގެ މައްޗަށް ބިނާކޮށް ކަށަވަރުކަމާ އެކު ހައްގުތައް އޭގެ ވެރި ފަރާތަށް ލިބި ދިނުމާއި، ކުށްވެރިޔާއަށް ވެސް ކުށާ އެކަށީގެންވާ ހައްގު އަދަބު ދިނުން. ތިޔަ ކުދީންނަށް ކާފަ ކިޔައިދޭނަން އަދުލުވެރިކަމަކީ ކޮބައިކަން ވަރަށް ރަނގަޅަށް ސާފުވާ ރީތި ވާހަކައެއް ކީރިތި ޤުރްއާނުން. މި ވާހަކައަކީ ކީރިތި ޤުރްއާނުގައި އެ ހާދިސާއަކާ ގުޅިގެން ﷲ ގެ ވަހީ ބަސްފުޅު އައި ހާދިސާއެއްގެ ވާހަކަ. ކާފަ ކިޔައިދޭ ގޮތަށް ހުރިހާ ތަފްސީލެއް ޤުރްއާނުގެ އާޔަތްތަކުގެ މާނައަށް އެކަނި ބެލުމުން ނުފެނިދާނެ. އެކަމަކު އެ އާޔަތްތަކުގައިވާ އަމުރުފުޅުތައް ކީރިތި މާތް ރަސޫލާ ތަންފީޒު ކުރެއްވީ އެކަލޭގެފާނުގެ ހަޔާތްޕުޅުގައި ހިނގި ކޮން ހާދިސާއަކަށް ކަން ބުނެދޭ ރިވާޔަތްތައް ތަފްސީރު ފޮތްތަކުގައި ހުންނާނެ. އެފަދަ ހާދިސާތަކަށް ކިޔަނީ ސަބަބުއްނުޒޫލް. ކާފަ މި ވާހަކަތައް ކިޔައި ދަސްކުރީ ތަފްސީރު ފޮތްތަކުގައިވާ ސައްހަ ރިވާޔަތްތަކުން. ކީރިތި ޤުރްއާން ބާވައިލެއްވީ ހުރިހާ ޒަމާނަކަށް ކަމުގައި ވިޔަސް، ކީރިތި މާތް ރަސޫލާގެ ހަޔާތްޕުޅުގައި ޤުރްއާނުގައިވާ އަމުރުފުޅުތައް ތަންފީޒު ކުރެވޭ ފަދަ މުނާސިބު ހާދިސާތަކެއް ހިނގާފައި ނުވާ ނަމަ، ނުވަތަ އެ އަމުރުފުޅުތައް މާތް ރަސޫލާ ތަންފީޒު ކުރެއްވީ ކޮން ހާލަތެއްގައި ކަން ނޭނގޭ ނަމަ، އެ އާޔަތްތައް އަހަރެމެންގެ ދިރިއުޅުމުގައި ތަންފީޒު ކުރާނީ ކޮން ހާލަތެއްގައި ކަން އެނގުން އޮންނާނީ ވަރަށް ދަތި ކަމަކަށް ވެފައި. ތަފްސީރު ފޮތްތަކުގައި ކީރިތި ޤުރްއާނުގެ އާޔަތްތައް ތަންފީޒު ކުރެވުނު ހާދިސާތައް ތަފްސީލުކޮށް ގެނެސްފައި ވަނީ އެ ހާދިސާތައް ނޭނގި، އެ އާޔަތްތައް ދޭހަ ކުރާން، މާތް ރަސޫލާ ނެތް ދުނިޔެއެއްގައި އަހަރެމެންނަށް އުނދަގޫވާނެތީ." ގާޒީ ޞަފިއްޔުއްދީނު ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކަވާާން ފެއްޓެވިއެވެ.

"ހަމަ ޔަގީނުން ވެސް ތިޔަ ވާހަކަ ވާނީ ކުރީން ބައްޕަ އަޅުގަނޑަށް ކިޔައި ދެއްވާފައި އޮތް ވާހަކައަކަށް. އެހެންވީމާ އަޅުގަނޑު މި ދަނީ ޖޫސް ގެންނާން." ސަލްމާ ތެދުވެވަޑައިގަންނަވަމުން ވިދާޅުވިއެވެ.

"ނޫނޭ ދަރިފުޅާ! މި ވާހަކަ ކުރީން ދަރިފުޅަށް ކިޔައި ދީފައި ހުރިި ވާހަކަތަކުގެ ތެރޭގައި ނުހިމެނޭ. ކުރީން ދަރިފުޅަށް ކިޔައިދިނީ ޤުރްއާނުގައިވާ ކަނބަލުންގެ ވާހަކަތައް އެކަނި." ގާޒީ ޞަފިއްޔުއްދީން ވިދާޅުވިއެވެ.

"އެހެން ކަމަށް ވާ ނަމަ، ޖޫސް ގެނެވޭނީ ފަހުން." އެހެން ވިދާޅުވަމުން ސަލްމާ އިށިނދެވަޑައިގަތެވެ.

"މި ހާދިސާ ހިނގާފައި ވަނީ ނުބުއްވަތުގެ ދުވަސްވަރުގެ މަދަނީ ދައުރުގައި. އެ ދުވަސްވަރު ފަނޑިޔާރަކަށް ހުންނެވީ އެންމެ ހެޔޮ ސާހިބާ. ކީރިތި މާތް ނަބިއްޔާ. މާތް ރަސޫލާ ދުނިޔޭގައި ހުންނެވި. އެހެންކަމުން އޭރު އަދި ވަޙީގެ ސަމާވީ ރާބިޠާ ކެނޑިގެންނެއް ނުދޭ. އަޅުގަނޑުމެންގެ މި ވާހަކައިގެ ހާދިސާ ހިނގީ މަދީނަތުލްމުނައްވަރާގައި. އާދެ ނޫރުލެއްވިގެންވާ މަދީނާގައި. އެއީ ހިޖުރައިން ހަތަރުވަނަ އަހަރު. އެއީ މަދީނާގެ އަހުލުވެރީންނަށް ވަރަށް ތަދުމަޑުކަމެއް ޖެހި، އޭގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިފައި އޮތް ދުވަސްކޮޅެއް." ގާޒީ ޞަފިއްޔުއްދީނު ވާހަކައިގެ ފަސްމަންޒަރު ކިޔައިދެއްވިއެވެ.

- ނުނިމޭ -