23 Apr 2020, 18:31
ކޮރޯނާ ވައިރަހާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި ސައުތުު ކޮރެއާގެ އެހީތެރިކަމަށް އެދެފިއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ރިޕަބްލިކް އޮފް ކޮރެއާ (ސައުތު ކޮރެއާ) ގެ ފޮރިން މިނިސްޓަރު އަންގް ޔުންގް ވާ އާއި ފޯނުން ގުޅުއްވާ އިއްޔެ ދެއްކެވި ވާހަކަފުޅުގައި ކޮވިޑް19 ގެ ބަލިމަޑުކަމުގެ މި ދަނޑިވަޅުގައި ރާއްޖެއިން ވައިރަހާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ހިއްސާ ކުރެއްވިއެވެ.
އިމްޕޯޓަށާއި ޓޫރިޒަމް އަށް ބަރޯސާވާ ރާއްޖޭގެ އިގްތިސޯދަށް މި ދަނޑިވަޅުގައި ކުރަމުންދާ ނޭދެވޭ އަސަރުގެ މައުލޫމާތު މިނިސްޓަރު ޝާހިދު ވަނީ ކޮރެއާގެ މިނިސްޓަަރާ ހިއްސާ ކުރައްވައިފައެވެ.
ރާއްޖޭގެ ސިއްހީ ދާއިރާގެ ހާލަތާ ގުޅޭ މައުލޫމާތު ދެއްވާ މިނިސްޓަރު ޝާހިދު ވަނީ އިމަޖެންސީ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކޮރެއާގެ އެހީތެރިކަމަށް ރާއްޖެއިން އެދޭކަމަށް ވިދާޅުވެފައެވެ.
ފާއިތުވި އަހަރުތަކުގައި ކޮރެއާ އިން ރާއްޖެއަށް ދެމުންދާ އެހީތެރިކަން ފާހަގަކުރައްވާ މިނިސްޓަރު ޝާހިދު ވަނީ ކޮރެއާގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ.
ދެބޭފުޅުންވެސް ވަނީ ބައިނަލްއަގުވާމީ މަސްރަހުގައި ގުޅިގެން މަސައްކަތް ކުރުމާގުޅޭގޮތުން މަޝްވަރާކޮށް ވާހަކަ ދައްކަވައިފައެވެ.