ކޮވިޑް19 އާ ގުޅިގެން ވަޒީފާ ގެއްލުނު ފަރާތްތަކަށް، ތިން މަސް ދުވަހު، މަހަކު 5000 ރުފިޔާ ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ކޮރޯނާވައިރަސް އާއި ގުޅިގެން ދުނިޔޭގެ އިގްތިސާދާއި ރާއްޖޭގެ އިގްތިސާދަށްވެސް އަންނަނީ ލޮޅުން އަރަމުންނެވެ. އެއާއެކު ބައެއް އަމިއްލަ ކުންފުނިތަކުން ދަނީ، ކުންފުނިތަކުގެ ހަރަރުތައް ކުޑަކުރުމަށް މުވައްޒަފުން ވަޒީފާއިން ވަކިކޮށް، މުސާރަ ނުލިބޭ ގޮތަށް ނޯޕޭ ލީިވަށް މުވައްޒަފުން ފޮނުވުމުގެ އިތުރުން ބައެއް މުވައްޒަފުންގެ މުސާރަ ކުޑަކުރަމުންނެވެ.

އެއާއެކު އެފަދަ ފަރާތްތަކަށް އެހީތެރިވުމަށް، ތިން މަސް ދުވަހުގެ އެލަވެންސެއް ދޭން ސަރުކާރުން ވަނީ ނިންމައިފައެވެ.

މިއަދު ކުރިއަށް ދިޔަ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ މިހާރު އެފަދަ ފަރާތްތަކަށް މަހަކު 5000 ރުފިޔާ ދޭން ނިންމާފައިވާ ކަމަށެވެ.

"އޭގެ ތެރޭގައި މިހާރު އަޅުގަނޑުމެން ނިންމާފައި ވާނީ މަހެއްގެ މައްޗަށް 5000 ރުފިޔާ އެގޮތަށް ތިން މަހަށް، އޭޕްރީލް، މޭ، ޖޫން އާ ހިސާބަށް ދޭން. ދެން ކުރިއަށް އޮތް ތަނުގައި ހާލަތަށް ރިއާޔަތްކޮށް، ހާލަތު ރިވިއުކޮށް، ފައިސާ ހޯދާނެ ގޮތްގޮތް ހޯދައިގެން އެކަންކަން ކުރުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ މިއީ އަންއެމްޕްލޯއިމަންޓް ބެނެފިޓް ނޫން ކަމަށާއި، މިއީ ލޭއޮފް ބެނެފިޓެއް ކަން ފާހަގަކުރައްވައިފަައެވެ.

"އަންއެމްޕްލޯއިމަންޓް އެއީ މާ ވައިޑް އެއްޗެއް. އޭގެ ތެރޭގައި ހިމެނޭނެ ކުރިއްސުރެ އަންއެޕްލޯއިޑް މީހުންވެސް. އެ ޕްރޮގްރާމެއް ނޫން އަޅުގަނޑުމެން މި އިނިޝިއޭޓް ކުރަނީ މިވަގުތު،" މިނިސްޓަރު ވިދާޅުވިއެވެ.

ވަޒީފާއިން ވަކިކުރާ ހުރިހާ މުވައްޒަފުންވެސް ޖޮބްސެންޓަރުގައި ރަޖިސްޓްރީވުމަށް ސަރުކާރުން އިލްތިމާސްކޮށްފައި ވާއިރު މިހާތަނަށް 1300 އެއްހާ މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ ތެރޭގައި ވަޒީފާއިން ވަކިކުރި މީހުންނާއި، ނޯޕޭ ލީވަށް ފޮނުވާލި މީހުންނާއި މުސާރަ ކުޑަކުރި މީހުން ވެސް ހިމެނެއެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން ދިމާވަމުން އަންނަ ދަތިކަމުގައި ވަޒީފާ ގެއްލޭ ފަރާތްތައް ޖޮބް ސެންޓަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލީ އީފާސް ރެޖިސްޓްރޭޝަން ޕްރޮސެސް އެއްގެ ދަށުން ކަމަށް ވުމުން، ބައެއް މީހުންނަށް އެކަމުގައި ދަތިތަކެއް ކުރިމަތިވި ކަމަށެވެ.

އެހެންކަމުން މެނުއަލްކޮށް ރެޖިސްޓްރީވާން ހުޅުވާލި ކަމަށާއި، އެހެން ނަމަވެސް އެ ފުރުސަތުގައި ގިނަ އަދަދެއްގެ ސްކޭމްތައް ލިބެން ފެށި ކަމަށެވެ. ވީމާ ރެޖިސްޓްރޭޝަންތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް އަލުން އީފާސް ރެޖިސްޓްރޭޝަނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ރެޖިސްޓްރޭޝަންތަކުގެ ސައްހަކަން ކަށަވަރުކުރުމަށް މިނިސްޓްރީ އާއި ރަށު ކައުންސިލްތައް ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ތައްޔާރުވަމުން ދަނިކޮށް، ލޮކްޑައުން ކުރުމާ ގުޅިގެން އިތުރު ދަތިތަކެއް ކުރިމަަތިވި ކަމަށެވެ.

މިފަދަ އުނދަގޫތަކެއް ހުރުމުން، އޮންލައިން ކޯލްސެންޓަރެއްގެ ނަންބަރު އިއުލާނު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭރުން ސްޓާފުން ގޭގައި ތިބެގެން ވެސް، އަންނަ ފޯނު ކޯލްތަކަށް ޖަވާބުދީ، ރަޖިސްޓްރީ ކުރުމުގެ ކަންކަން ކުރެވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ރައްޔިތުންގެ ފައިސާއަށް ވާއިރު، އެކަމުގައި މިނިސްޓްރީން ކަންތައްތަކެއް ޔަގީންކުރަން ބޭނުންވާ ކަމަށެވެ. ނަމަވެސް ލޮކްޑައުން ކޮށްފައިވުމުން އެންމެ ބޭނުންވާ ވަރަށް ވެރިފިކޭޝަން ޕްރޮސެސްގެ ކަންތައްތައް ކުރިއަށް ނުގެންދެވޭކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.