20 Dec 2011, 10:44
އައްޑުއަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހަކު މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ 400 އަށްވުރެ ގިނަ ޕެކެޓާއި ބްލެޓް ސައިޒްގެ ދެ ޕެކެޓާއެކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އެ މީހާ ހައްޔަރު ކުރީ މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ 414 ޕެކެޓާއި ބްލެޓްސައިޒްގެ ދެ ޕެކެޓް ހިތަދޫގައި ތައްޔާރު ކުރުމަށްފަހު އެ އެޗެހި ވިއްކުމަށް އައްޑޫގެ އެހެން ރަށްރަށަށް ދިއުމުގެ މަގުމަތީގައި އިއްޔެ ހަވީރު ކަމަށެވެ. އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
އައްޑު އަތޮޅު ކުށްކުރުން މަދު ކުރުމުގެ ގޮތުން އައްޑޫ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަފާތު އޮޕަރޭޝަންތައް ހިންގަމުން ނެވެ. އެގޮތުން ފެށި އޮޕަރޭޝަންތަކުގައި މިދިޔަ އާދިއްތަ ދުވަހު ވެސް ވަނީ ސ. މަރަދޫގެ ތިން ގެއަކުން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުތައް ވަގަށް ނެގި ކަމުގެ ތުހުމަތުގައި 18 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފަ އެވެ.