23 Apr 2020, 19:43
ގުޅީފަޅުގައި ހަދަން ނިންމާފައިވާ "ވޯކާސް ވިލެޖް" އަކީ 40،000 މީހުންގެ ޖާގައިގެ ތަނެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ގުޅީފަޅުގައި "ވޯކާސް ވިލެޖް" އެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ފައްޔާޒް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. މިއަދު ކުރިއަށް ދިޔަ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވަނީ އެ ވިލެޖުގެ ތަފްސީލް ހާމަކުރައްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދަށް އަދި ވެސް ބިދޭސީން ބޭނުންވާ ކަމަށެވެ. ނަމަވެސް ބިދޭސީންގެ ކަންކަން ބޮއްސުންލައިގެން ގޮސްފައި ވަނީ ފާއިތުވި ވިއްސަކަށް އަހަރުތެރޭގައި ރެގިއުލޭޓެޑް ފްރޭމްވޯކެއްގެ ދަށުން އެކަން ކުރެވިފައި ނުވާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން ސަރުކާރުން، ބިދޭސީން ގެނައުމުގެ ކަންކަން ވަރަށް ރެގިއުލޭޓް ކުރުމަށް ގިނަ މަސައްކަތްތަކެއް ފަށައި، އޭގެ ދަށުން ބިދޭސީންގެ އެކޮމޮޑޭޝަންތައް ހުންނަން ޖެހޭނެ ގޮތުގެ ގައިޑްލައިނެއް އެކުލަވާލާފައިވާ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެއީ އާންމު ސިއްހަތާ އަދި ހިއުމަން ރައިޓްސް އޭންގަލް އަކުން ވެސް ފޯރުކޮށްދޭންޖެހޭ ކަންކަމަށް ބަލާފައި،" މިނިސްޓަރު ވިދާޅުވި އެވެ.
އަދި ކުރިއަށް އޮތް ތަނުގައި، މާލެ ސަރަހައްދަށް ހާއްސަ "ވޯކާޒް ވިލެޖް" އެއް ބިނާކުރަން ނިންމާފައިިވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ. ފައްޔާޒް ވިދާޅުވީ އެ ވިލެޖް ބިނާކުރާނީ ގާތްގަނޑަކަށް 30 ހެކްޓަރުގެ ބިން ހިއްކައިގެން ކަމަށާއި، އެތަނުގައިި 40،000 މީހުންނަށް އަބުރުވެރިކޮށް ދިރިއުޅެވޭނެ ކަމަށެވެ.
"އެއީ އަޅުގަނޑުމެންގެ މަސައްކަތަށް ބޭނުންވާ މީހުންނަށް ވެސް، އެމީހުންގެ އިންސާނީ ހައްގުތައް ކަށަވަރުކޮށްދީ، އާންމު އިންސާނަކަށް އޮންނަ އެންމެ އަސާސީ މިންގަނޑުތަކެއް ގާއިމުކުރަން ޖެހޭ. އެހެންވީމާ އެކަމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ކުރިއަށް ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
"ވޯކާޒް ވިލެޖް"ގެ މަސައްކަތް މުޅިން ނިންމާލަން ދެ އަހަރުު ދުވަސް ނަގާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ ކޮވިޑް19 އާ ގުޅިގެން ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީން އެހެން ތަންތަނަށް ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ އެންމެ ފަހުގެ ތަފްސީލު ވެސް ދެއްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ގުޅީފަޅުގަ ހުރި އެޕާޓްމަންޓުތަކެއް، މީހުން ދިރިއުޅެވޭ ފެންވަރަކަށް ހެދުމުގެ މަސައްކަތް ފެށޭނެ ކަމަށާއި، އެތަނަށް 5000 މީހުން ބަދަލު ކުރެވޭނެ ކަމަށެވެ.
ހަމައެއާއެކު ހުޅުމާލޭގައި އިތުރު 10،000 ނުވަތަ 15،000 މީހުންގެ އެކޮމޮޑޭޝަނެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ފައްޔާޒް ވިދާޅުވީ އެ މަސައްކަތަށް ހަތަރު މަހާއި ހަ މަހާ ދެމެދުގެ މުއްދަތެއް ނަގާނެ ކަަމަށެވެ.
"އެހެން ނަމަވެސް މިކަން މިގޮތަށް ކުރެވުނީމަ އަޅުގަނޑުމެންނަށް މާލެ ތެރޭގައި އޮތް ބައިވަރު ސޯޝަލް އިޝޫޒްތަކަށް ވަގުތީ ހަމަޖެހުމެއް ލިބިގެން ދިއުމާ އަދި މި ދެންނެވި މަސައްކަތް ކުރާ ފަރާތްތަކުގެ މިއުޅޭ ބިކަ ދެރަ ހާލު ވަރަށް ރަނގަޅު ހާލަތަކަށް ގެންދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީން ރަނގަޅު ފެންވަރެއްގެ ފެސިލިޓީތަކަށް ބަދަލުކުރުމަކީ އިންވެސްޓްމަންޓެއް ކަމަށެވެ. އެ ފެސިލިޓީތަކުގައި ހުރުމުގެ އިތުރުންް ކެއުމުގެ އިންތިޒާމް ވެސް ހަމަޖައްސާނެ ކަމަށާއި، ބިދޭސީންނަށް ވަޒީފާ ދީ، ރާއްޖެ ގެނައި ކުންފުނިތަކުން އެ ހަރަދު ސަރުކާރަށް ދައްކަން ޖެހޭނެ ކަމަށެވެ.
"އެހެންވީމަ އެ އޮޕަރޭޝަން، ޓެމްޕޮރަރީ އޮޕަރޭޝަނެއް ވިޔަސް، އޮޕަރޭޝަން ދާނީ ގެއްލުން ނުވާ އޮޕަރޭޝަނެއްގެ ގޮތުގައި،" މިނިސްޓަރު ވިދާޅުވި އެވެ.