24 Apr 2020, 17:50
ކާމިޔާބު އެކްޓަރު ވަރުން ދަވަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ކޫލީ ނަންބަރު 1" ރިލީޒްކުރުން ފަސްކޮށްފިއެވެ.
ވަރުންގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓްކުރާ އެ ފިލްމު ކުރިން ރިލީޒްކުރަން ނިންމީ އަންނަ މެއި މަހުގެ ފުރަތަމަ ދުވަހުއެވެ. ނަމަވެސް ކޮވިޑް19 ގެ ސަބަބުން އެ ފިލްމު ވަނީ ރިލީޒްކުރުން ފަސްކޮށްފައެވެ. ނުރައްކާތެރި ކޮވިޑް19 އާ ގުޅިގެން އިންޑިއާ ލޮކްޑައުންކޮށްފައިވާއިރު އެ ގައުމުތަކުގެ ސިނަމާތައް ވެސް ވަނީ މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފައެވެ.
ވަރުން އާއި ސާރާ އަލީ ޚާން ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ރިލީޒްކުރުން ފަސްކުރި ނަމަވެސް އެ ފިލްމު ރިލީޒްކުރާނެ ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ. ފިލްމުގެ ކޯ ޕްރޮޑިއުސަރު ޖެކީ ބުނީ ކޮވިޑް19 އިން ސަލާމަތްވިހާ އަވަހަށް ފިލްމު ގެނެސްދޭނެ ކަމަށެވެ. އަދި ފިލްމަށް ތާރީޚެއް ކަނޑައަޅާނީވެސް މި ކަންތައްގަނޑު ނިމުމުން ކަމަށެވެ. މި ފިލްމަކީ ސާރާ އާއި ވަރުންގެ ޖޯޑު ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމެވެ.
ކޫލީ ނަންބަރު 1 އަކީ ވަރުން އޭނާގެ ބައްޕަގެ ފިލްމެއްގައި މަސައްކަތް ކުރާ ތިން ވަނަ ފިލްމެވެ. އެ ފިލްމަކީ 1995 ވަނަ އަހަރު ހަމަ އެ ނަމުގައި ގެނެސްދިން ފިލްމުގެ ރީމޭކެކެވެ. 'ކޫލީ ނަމްބަރު 1'ގެ ލީޑުން ފެނިގެންދިޔައީ އޭރުގެ އެންމެ ކާމިޔާބު ދެ އެކްޓަރުން ކަމަށްވާ ކަރިޝްމާ ކަޕޫރާއި ގޯވިންދާ އެވެ.