ސްޕެއިނުގެ ބާސެލޯނާއަށް ކުޅެމުން އަންނަ ފޯވާޑް މާޓިން ބްރެއިތް އެކުލަބުން ވިއްކާލަން އުޅޭ ކަމުގެ "ޔޯލަ" ހަބަރުތައް ފެތުރުނު ނަމަވެސް އެކުލަބުގައި ގިނަ ދުވަހު ދެމިހުންނަށް ބޭނުންވާ ކަމަށް އޭނާ ބުނެފި އެވެ.

ސްޕެނިޝް ލީގުގެ ޓްރާންސްފާ މާކެޓުގެ ބޭރުން ފޯވާޑެއް ސޮއި ކުރުމަށް ބާސެލޯނާއަށް ދިން ހާއްސަ ފުރުސަތުގެ ބޭނުން ހިފައި ލީގު ތާވަލުގެ ފުލުން ދެވަނައިގައި އޮތް ލެގަނެސްގެ ފޯވާޑް މާޓިން ބްރެއިތްވެއިޓްގެ ސޮއި އެ ކުލަބުން ހޯދީ މިއަހަރުގެ ކުރީކޮޅު އެވެ. އެއާ އެކު ބާސެލޯނާއަށް ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް ބްރެއިތް ވެއިޓް ވަނީ ކުޅެން އެރި ފުރަތަމަ މެޗުގައި ވެސް ތަފާތު ދައްކާ އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއަށް އެސިސްޓްކޮށްދީފަ އެވެ.

މިފަހަރުގެ ލީގުގައި ކުޅުނު 24 މެޗުގައި ހަ ގޯލު ޖެހި ބްރެއިތްވެއިޓްގެ މައްސަލައިގައި ލެގަނޭސްއިން ވަނީ ފެޑެރޭޝަންގައި މައްސަލަ ވެސް ޖައްސައިފަ އެވެ. ބާސެލޯނާއަށް ވީމާ ވަކި ގަވާއިދެއް ނެހެދޭނެ ކަމަށް ބުނެ ލެގަނޭސްއިން މައްސަލަ ޖެއްސި ނަމަވެސް ސްޕެނިޝް ރޯޔަލް ފެޑެރޭޝަނުން އެ މައްސަލަ ބަލާފައެއް ނުވެ އެވެ.

އެކަމަކު އުމުރުން 28 އަހަރުގެ ބްރެއިތްވެއިޓް ޓީމަށް ގުޅުނުތާ އަހަރެއްވެސް ނުވަނީސް އޭނާ ވިއްކާލަން އުޅޭ ކަމުގެ ވާހަކަތައް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައިރުވަމުންނެވެ. ސަބަބެއް ކަމަށް ގިނަ ރިޕޯޓްތަކުން ބުނަނީ ބާސެލޯނާއިން އެ ޓީމުގެ ކުރީގެ ފޯވާޑް ނޭމާ ޖޫނިއާ އަނބުރާ ގެނައުމަށް ފައިސާ ހޯދުމުގެ ބޭނުމުގައި ކަމަށެވެ.

"އަހަރެންނަށް ވަރަށް ޔަގީން ހަތަރު އަހަރެއް ވުރެން ވެސް ގިނަ ދުވަހު މިކުލަބުގައި އަހަރެން މަޑު ކުރާނެކަން. އެއީ އަހަރެންގެ އަޒުމަކީ،" ސޯޝަލް މީޑިއާގެ ޔޯލަ ވާހަކަތަކަށް ރައްދު ދެމުން ބްރެއިތްވެއިޓް ބުނެފައިވެ އެވެ.

"މިވަގުތުގެ ވިސްނުމަކީ މި ޓީމާއެކު ގޮސް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދުން. އެއީ އަހަރެން މިކުލަބަށް އައުމުގެ މަގުސަަދަކީ ވެސް."

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން ޔޫރޮޕުގެ ލީގުތައް މެދުކަނޑާލުމުގެ ކުރިން ބްރެއިތްވެއިޓް ވަނީ ބާސެލޯނާއަށް ތިން މެޗު ކުޅެދީފަ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ގިނަބަޔަކު ބަލާ އެލް ކުލެސިކޯ ވެސް ހިމެނެ އެވެ.

ލީގު މެދުކަނޑާލި އިރު ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ބާސެލޯނާ އެވެ. އެހެން ކަމުން ލީގު ކެންސަލް ކުރަން ޖެހިއްޖެ ހާލަތެއްގައި ބާސެލީނާއަށް ލީގުގެ ޗެމްޕިއަންކަން ލިބެން ޖެހޭނެ ކަމަށް އެކުލަބުގެ ގިނަ ކުޅުންތެރިންތަކެއް ދަނީ ބުނަމުންނެވެ. މިހާރު އޮތް ގޮތުން ނަމަ މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ލީގުތައް ނުނިމއްޖެ ނަމަ އިތުރު ވިސްނުމަށް ދާން ޖެހޭނެ ކަމަށް ޔޫއެފާއިން ވަނީ ބުނެފަ އެވެ.