އިނގިރޭސިވިލާތުގެ ޗެމްޕިއަންޝިޕުގައި ވާދަ ކުރަމުން އަންނަ ލީޑްސް ޔުނައިޓެޑްގެ ހޯމް ސްޓޭޑިއަމުގެ ދެކުނު ސްޓޭންޑް ދާދި ފަހަކުން ކޮރޯނާ ވައިރަސް ޖެހިގެން މަރުވި އެކުލަބުގެ ލެޖެންޑް ނޯމަން ހަންޓާގެ ނަމަށް ބަދަލު ކުރަން ނިންމައިފިއެވެ.

އުމުރުން 76 އަހަރުގައި ލީޑްސް ޔުނައިޓެޑުގެ ކުރީގެ ކުޅުންތެރިޔާ ނޯމަން ހަންޓާ މަރުވިކަން އެ ކުލަބުން ހާމަ ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި އޭނާ މަރުވީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ޖެހިގެން ކަން އެކުލަބުން ޔަގީންކޮށްދީފައިވާ އިރު ހަންޓާގެ މަރާ އެކު ފުޓުބޯޅަ އާއިލާގެ ގިނަ ބަޔަކު ވަނީ ހިތާމަ ފާޅުކޮށް ތައުޒިއްޔާގެ ޕޯސްޓްތައް ސޯޝަލް މީޑިއާގައި ކޮށްފަ އެވެ.

ލީޑްސްގެ ތާރީހުގައި ވެސް އެކުލަބަށް އެންމެ ގިނަ މެޗު ކުޅެދިން ހަންޓާ ވަނީ 14 އަހަރުގެ މުއްދަތެއްގައި އެ ޓީމަށް 726 މެޗު ކުޅެދީފަ އެވެ. އަދި އެ ޓީމުގެ ކުރީގެ ކޯޗު ޑޮން ރެވީގެ ކޯޗުކަމުގައި ކުލަބުގެ އެންމެ ބޮޑެތި ކާމިޔާބީތައް ހޯދުމުގައި ވެސް ބޮޑު ހިއްސާއެއް ހަންޓާ ވަނީ ވެފަ އެވެ.

"މި ހިތާމަވެރި ދަނޑިވަޅުގައި ލީޑްސް އިން ދެއްކި އޯގާތެރިކަމާއި، އަޅާލުން ވަރަަށް ބޮޑަށް ލިބިއްޖެ. މުޅި އާއިލާގެ ނަމުގައި ތިކޮށްދެއްވާ ކަންކަމަށް ކުލަބަށާއި، ސަޕޯޓަރުންނަށް ޝުކުރުވެރިވަން." ހަންޓާގެ އަންހެނުން ސޫ ހަންޓާ ބުނެފައިވެ އެވެ.

ހަންޓާގެ މަރާ އެކު ލީޑްސް ޔުނައިޓެގް ޒަމާންވީ ހޯމް ސްޓޭޑިއަމް އެލެންޑް ރޯޑްގެ ދެކުނު ފަރާތު ސްޓޭންޑްގެ ނަން ބަދަލު ކުރަން ވަނީ ނިންމާފަ އެވެ. އާއްމު ގޮތެއްގައި މަޝްހޫރު ބޮޑެތި ހުރިހާ ސްޓޭޑިއަމްތަކުގެ އެކި ހިސާބުތަކަށް ހުންނާނީ ނަން ދީފަ އެވެ. އަދި މި ނަން ނަން ދީފައި ހުންނަނީ ކުލަބުގެ ތާރީހުގެ މުހިއްމު ކަންކަމަށާއި، ލެޖެންޑުންގެ ހަނދާނުގަ އެވެ.

ހަންޓާ ވަނީ ލީޑްސް ޔުނައިޓެޑާ އެކު ދެފަހަރެއްގެ މަތިން ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި އިނގިރޭސި ލީގު ކަޕާއި އެފްއޭ ކަޕު ވެސް އެ މުއްދަތުގެ ތެރޭގައި ހޯދި އިރު 1968 އާއި 1971 ވަނަ އަހަރު ބޭއްވި އިންޓަ-ސިޓީ މުބާރާތް ލީޑްސްއިން ކާމިޔާބު ކުރި އިރު ހަންޓާ ވަނީ މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.

މީގެ އިތުރުން ހަންޓާ ވަނީ 1966 ވަނަ އަހަރު އިނގިރޭސިވިލާތުން ވޯލްޑް ކަޕު އުފުލާލި ސްކޮޑުގައި ހިމެނިފަ އެވެ. އޭނާ ވަނީ އިނގިރޭސި ޓީމަށް ޖުމުލަ 28 މެޗު ކުޅެދީ ދެ ގޯލު ޖަހައިފަ އެވެ.