24 Apr 2020, 10:59
ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދިން ބިރުވެރި ފިލްމު ކަމަށްވާ "ބޫތު: ޕާޓް ވަން - ހޯންޓެޑް ޝިޕް" އެމެޒޯން ޕްރައިމް ވީޑިއޯގައި ރިލީޒްކޮށްފިއެވެ.
އެ ފިލްމު މިހާރު އެމެޒޯންއިން ބަލައިލެވޭނެއެވެ. މިދިޔަ ފެބްރުއަރީ މަހު ރިލީޒްކުރި އެ ފިލްމު އެމެޒޯންއިން ސްޓްރީމްކުރަން ފެށުމާއެކު ގިނަ ބަޔަކު ބުނަމުން އަންނަނީ ފިލްމު ބެލުމަށް ކުރި އިންތިޒާރުގެ ނިމުން އައީކަމަށެވެ. ވިކީ ކޯޝަލް އާއި ބޫމީ ޕަޑްނޭކަރު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމަކީ ޝިޕެއްގެ ތެރެއިން ބަޔަކަށް ކުރިމަތިވާ ބިރުވެރި ހާދިސާތަކެއްގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ.
މި ފިލްމަކީ ބާނޫ ޕްރަތާބް ސިންގް ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމަކީ އެކި ބައިތަކުގެ މަތިން ގެނެސްދިނުމަށް ނިންމާފައިވާ ފިލްމެކެވެ. ބޫތު ވެގެން ގޮސްފައިވަނީ ދަރްމާ ޕްރޮޑަކްޝަންސް އިން ރަސްމީކޮށް ފުރަތަމަ ފަހަރަށް ގެނެސްދޭ ބިރުވެރި ފިލްމަށެވެ.