23 Apr 2020, 15:40
ސަރުކާރުގެ ހިންގުން ހުއްޓުމެނެތި ކުރިއަށް ގެންދިއުމަށް ކޮންމެހެން ބޭނުންވާ 4.2 ބިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީއަށް ދޫކުރުމަށް އަންނަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ވެސް މަޖިލީހުގެ ޖަލްސާ ބާއްވަން ނިންމައިފި އެވެ.
ކުރިއަށް އޮތް ތިން މަހަށް ދައުލަތުގެ ހިދުމަތްތައް މެދުނުކެޑި ކުރިއަށް ގެންދިޔުމަށް 4.2 ބިލިއަން ރުފިޔާ މިވަގުތުން ވަގުތަށް ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހުގައި ވަނީ ދަންނަވައިފަ އެވެ. އެ ފައިސާ ދޫކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.
ދައުލަތައް ފައިސާ ދޫކުރުމުގެ ބަހުސް މިހާރު ފެށިފައިވާއިރު، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ކުރިން ހުށަހެޅިފައިވާ މައްސަލައަށް ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.
މާދަމާ އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސްކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ، ޖެހިގެން އަންނަ ހޮނިހިރު ދުވަހު މަޖިލިސް ފަށަން ޖެހޭނެ ކަމަށާއި އިއުތިރާޒެއް ނެތް ނަމަ 11 ޖަހާއިރު ޖަލްސާތައް ފަށާނެ ކަމަށެވެ.
"ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހާއި މި ދެ ދުވަހު އަޅުގަނޑުމެން މިކަން އެބަ ނިންމާން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ އަމިއްލަ ހިސާބުން ބައްލަވާއިރު މި މަހުގެ 29 ވަނަ ދުވަހުގެ ކުރިން ސަރުކާރަށް 800 މިލިއަން ރުފިޔާ ބޭނުންވާނެ ކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި ވިދާޅުވީ، އެ ފައިސާއިން ކާޑު ނުގަނެވޭނެ ކަމަށެވެ. ކާޑު ގަނަވޭނީ ޑޮލަރުން ކަން ވެސް ނަޝީދު ފާހަގަކުރެއްވި އެވެ.
"މިއީ އެތެރޭގައި އަޅުގަނޑުމެން ހިންގަން ހުރި އެއްޗެއް. އެހެންވީމަ އަޅުގަނޑުމެން މިދޭ ފައިސާ އަކީ ބޭރު ފައިސާއަށް ބަދަލުވާނެ ފައިސާކަމަށް އަޅުގަނޑުމެން ދެކިގެން ނުވާނެ. އެގޮތަށް އެކަން ވާނީ އަޅުގަނޑުމެންގެ ޓުއަރިޒަމްގެ ސިނާއަތް އަލުން އަނބުރާ ހިނގައިގަތީމަ،" ނަޝީދު ވިދާޅުވި އެވެ.