އެމްޑަބްލިއުއެސްސީ އިން ފެން މީޓަރުގެ ރީޑިން ނަގަން ދިއުން ހުއްޓާލައި، ރީޑިން ނެގުމަށް ޓަކައި މީޓަރުގެ ފޮޓޯ ފޮނުވައިދޭން އެދިއްޖެ އެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެގޮތަށް ނިންމަން ޖެހުނީ ލޮކްޑައުންއާ ގުޅިގެން އެކުންފުނީގެ މުވައްޒަފުންނަށް ރީޑިން ނަގަން ނުދެވޭތީ ކަމަށެވެ.

ކަސްޓަމަރުންގެ ފަރާތުން ރީޑިން ނެގުމަށް ޓަކައި މީޓަރުގެ ފޮޓޯ ފޮނުވަން އެދެމުންދާ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުނެ އެވެ.

މީޓަރުގެ ފޮޓޯ ފޮނުވަން ޖެހޭނީ ގްރޭޓާ މާލެ ސަރަހައްދު ލޮކްޑައުން ކުރުމުގެ ކުރިން ބިލް ނުލިބޭ ކަސްޓަަމަރުންނެވެ.

މި މަހުގެ ނިޔަލަށް އެ ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް މީޓަރުގެ ފޮޓޯ ފޮނުވަން އެދެމުންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އާ ގުޅިގެން އާންމުންނަށް ގިނަ ލުއިތަކެއް ދިނުމުގެ ގޮތުން އެމްޑަބްލިއުއެސްސީ އިން ދަނީ ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ކޮވިޑް-19 އާ ގުޅިގެން މިދަނޑިވަޅުގައި އެއްވެސް ސަބަބަކާ ހުރެ ގޭބިސީގެ ފެންބިލު ދެއްކުން ލަސްވި ކަމުގައި ވިޔަސް އެ ގެއަކުން ފެނުގެ ހިދުމަތް ނުކަނޑާ ގޮތަށް އެކުންފުނިން ވަނީ ހަމަޖައްސައިފަ އެވެ.

މީގެ އިތުރުން ކޮވިޑް19އާ ގުޅިގެން ކޮންމެ ގެއަކަށް އެއް ޓަނުގެ ހިލޭ ފެން ފޯރުކޮށްދިނުމަށް އެކުންފުނިން ނިންމާފައިވާ އިރު، އޭޕްރީލް އަދި މެއި މަހުގެ ފެން ބިލުން 30 ޕަސެންޓް ސަބްސިޑައިޒް ކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.