ވޮޝިންޓަން (އޭޕްރިލް 22): އެމެރިކާގެ ދާއިމީ ރަށްވެއްސަކަށް ވުމަށް ބޭނުންވާ ގްރީން ކާޑު ދިނުން 60 ދުވަހަށް މަޑުޖައްސާލަން އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގަވައިފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވި ގޮތުގައި އެ ރިޔާސީ އަމުރުގައި ސޮއި ކުރައްވާފައި ވަނީ ކޮރޯނާވައިރަސް ބަލިމަޑުކަމުގެ ތެރޭގައި އެގައުމުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ގެއްލިގެން ނުދާނެކަން ޔަގީން ކުރުމަށްޓަކަ އެވެ.

"އެމެރިކާގެ މަސައްކަތްތެރިންގެ ވަޒީފާތައް ރައްކާތެރިކުރުމަށްޓަކައި އަޅުގަނޑު ވަނީ މިގައުމަށް މީހުން ހިޖުރަކުރުން ވަގުތީ ގޮތުން ހުއްޓުވާ ރިޔާސީ އަމުރެއްގައި ސޮއިކޮށްފަ. އޭގެ ސަބަބުން، އަޅުގަނޑުމެންގެ އިގުތިސާދު އަލުން ހުޅުވާލާއިރު ވަޒީފާތައް އެންމެ ފުރަތަމަ ލިބޭނެ މީހުންނަކީ ވަޒީފާ ގެއްލިފައިވާ އެމެރިކާގެ ރައްޔިތުންކަން ޔަގީން ކުރެވޭނެ،" ޓްރަމްޕް ވިދާޅުވި އެވެ.

އެ އަމުރުގެ ދަށުން ހުއްޓުވާފައި ވަނީ އެމެރިކާއިން ބޭރުގައި ތިބެގެން އެގައުމުގެ ދާއިމީ ރަށްވެހިކަމަށް އެދޭ ބޭރު މީހުންނަށް ގްރީން ކާޑު ދިނުން އެކަންޏެވެ. އަދި ހުރިހާ ބާވަތެއްގެ ވަގުތީ ވިސާއަކާއި އެމެރިކާގެ ރައްޔިތުންނާ އިނދެގެން އުޅޭ ބޭރު މީހުންނާއި އެމީހުންގެ 18 އަހަރު ނުވާ ދަރިން އެ އަމުރުން އިސްތިސްނާ ވާނެ އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި 60 ދުވަހުގެ މުއްދަތު ހަމަވުމުން އެ އަމުރަށް އަމަލު ކުރުން ހުއްޓާލަންވީތޯ ނުވަތަ ނޫންތޯ ރައީސް ނިންމަވާނެ އެވެ.

ދެހާސްސަތާރަ ވަނަ އަހަރު އެމެރިކާގެ ވެރިކަމަށް ޓްރަމްޕް ވަޑައިގެންނެވީ އެގައުމަށް މީހުން ހިޖުރަކުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރައްވާނެ ކަމުގެ ވައުދާއެކުގަ އެވެ. ނަމަވެސް ޓްރަމްޕް އަޅުއްވާ އެފަދަ ގިނަ ފިޔަވަޅުތަކާ ދެކޮޅަށް އެގައުމުގެ ކޯޓުތަކަށް ވަނީ މައްސަލަތައް ހުށަހަޅާފަ އެވެ.

އެމެރިކާއަކީ މިހާރު ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމެވެ. އެގައުމުގައި 855،000އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، އެ ބަލީގައި 47،974 މީހަކު ވަނީ މަރުވެފަ އެވެ.