20 Dec 2011, 10:18
އިޒްރޭލްގެ ފުލައިޓްތައް ރާއްޖެއަށް ފެށުމާ ދެކޮޅު އެއްވެސް ހަރަކާތެއް ނުހިންގާނެ ކަމަށް ޑީއާރްޕީން ބުނެފި އެވެ.
ޑީއާރްޕީން ބުނީ އެކަމާ ދެކޮޅަށް ނުކުމެ ހަރަކާތެއް ހިންގަން ބޭނުން ނުވަނީ އެފަދަ ހަރަކާތްތަކެއް ހިންގައިފިނަމަ ބޭރު ދުނިޔޭގެ ފިއްތުންތައް ރާއްޖެއަށް ކުރިމަތި ވެދާނެތީކަމަށެވެ.
ޑީއާރްޕީގެ ނާއިބް ލީޑަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވީ އިޒްރޭލުގެ ފުލައިޓްތައް ރާއްޖެ ޖެއްސުމަކީ އެޕާޓީން އެއްގޮތަކަށް ވެސް ތާއީދު ކުރާކަމެއް ނޫން ކަމަށެވެ. ނަމަވެސް އެކަމާއި ދެކޮޅު ހަރަކާތެއް ހިންގައިފިނަމަ ބޭރު ދުނިޔޭގެ ފިއްތުންތައް ރާއްޖެއަށް ކުރިމަތި ވެދާނެތީ އެކަމާއި ދެކޮޅު ހަރަކާތްތައް ހިންގުމުގެ ވިސްނުން ޕާޓީން ނުގެންގުޅެނީ ކަމަށެވެ.
"މިއީ ބައިނަލް އަގުވާމީ ދާއިރާގައި ހިންގޭ ކަމެއް. މިނިވަން ދައުލަތްތަކާއި ދޭތެރޭ ހިންގޭ ކަމެއް. އަޅުގަނޑުމެން ފަދަ ކުޑަ ގައުމެއް ބައިނަލް އަގުވާމީ މަސްލަހަތުތަކާއި ބޮޑެތި ގައުމުގެ މަސްލަހަތު ގުޅިފައިވާ ކަންތައްތަކުގެ ތެރެއަށް ވަދެގަންނަން އުޅޭއިރު ވިސްނާލަންޖެހޭ ކަންތައްތަކެއް އެބަހުރި. އިޒުރޭލްގެ ފުލައިޓް މިތާ ޖެއްސުމަކީ އެއްގޮތަކަށް ވެސް އަޅުގަނޑުމެން ތާއީދު ކުރާކަމެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިޒްރޭލްގެ ފުލައިޓްތައް ރާއްޖެ އައުމަކީ އެ ޕާޓީން ދެކޮޅު ހަދާކަމެއް ކަމަށް ބުނެ އެކަން ނުކުރުމަށް ސަރުކާރުގައި ދަންނަވާފައިވާނެ ކަމަށެވެ. އެ ޕާޓީން އެކަމާ ދެކޮޅަށް ހަރަކާތްތަކެއް ނުހިންގި ނަމަވެސް ބަޔަކު އެކަމާއި ދެކޮޅަށް މުޒާހަރާތަކެއް ކުރާނަމަ އެ ޕާޓީން އެ ކަމުގައި ބައިވެރިވާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެކަމާއި ދެކޮޅު ހަދާ މުޒާހަރާ ކުރާކަށް ނޫން. އެހެން ބަޔަކު އެކަމާއި ދެކޮޅަށް މުޒާހަރާ ކޮށްފިނަމަ އަޅުގަނޑުމެން އެކަމަށް ތާއީދުކޮށް ބައިވެރިވާނަން،" ޝަރީފް ވިދާޅުވި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމް ކުރިން ވިދާޅުވެފައި ވަނީ އިޒްރޭލުގެ "އެލްއަލް އިސްރާއިލް ފުލައިޓް" ރާއްޖެއަށް އުދުހުމުގެ ހުއްދަ ދީފައިވާ ކަމަށާއި ނަމަވެސް އެ ފުލައިޓްތައް އުދުހޭނެ ވަކި ތާރީހެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
އިޒްރޭލުގެ ދަތުރުތައް ރާއްޖެއަށް ފަށާ މައްސަލަ ގައުމީ ސަލާމަތުގެ ކޮމެޓީން ތަހުގީގު ކުރުމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފު ހުސައިން ހުށަހެޅި މައްސަލަ އަކާއި ގުޅިގެން ސަރުކާރުގެ ކަމާ ބެހޭ ބޭފުޅުން ކޮމެޓީއަށް ހާޒިރު ކުރަން ވަނީ ނިންމާފަ އެވެ.
ލިޔުމާ ގުޅޭ އޯޑިއޯ: