23 Apr 2020, 13:57
މި ހާލަތުން އަރައިގަތުމަށް ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު، ރައްޔިތުންގެ މަޖިލީހަށް "ކްރައިސިސް ބަޖެޓެއް" ހުށަހަޅަން ޖެހޭ ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ދައުލަތް ހިންގުމަށް ކޮންމެހެން ބޭނުންވާ 4.2 ބިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީއަށް ދޫކުރުމަށް ރުހުން ދިނުމާއި ގުޅޭ ގޮތުން މަޖިލީހުގައި މިހާރު ކުރަމުންދާ ބަހުސްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، މި އަހަރަށް މަޖިލީހުން ފާސްކުރި ދައުލަތުގެ ބެޖެޓަށް އާމްދަނީ ލިބެން ހުރި ދޮރުތައް މިހާރު ވަނީ ބަންދުވެފައި ކަމަށެވެ.
ބަޖެޓަށް އާމްދަނީ ހޯދުމަށް ސަރުކާރުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށް ސަލީމް ވިދާޅުވީ، ބަޖެޓަށް ވަންނާނެ ކަމަށް ޖަހާފައިވާ އަދަދުތައް ދިމާ ނުވާނެ ކަން ހަމަ ބުއްދި ހުރި ކޮންމެ މީހަކު ވެސް ގަބޫލު ކުރާނެ ކަމަށެވެ.
"އަޅުގަނޑުގެ ވިސްނުމަކީ އަދި އަޅުގަނޑުގެ ހުށަހެޅުމަކީ ފައިނޭންސް މިނިސްޓަރ އާ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅުން. އެ ބަޖެޓަކީ އަޅުގަނޑުގެ ނަޒަރުގައި ކްރައިސިސް ބަޖެޓު. އެ ބަޖެޓަކީ ކުރު މުއްދަތުގައި މިހާލަތުން އަޅުގަނޑުމެން އަރައިގަތުމަށްޓަކައި އެކުލަވާލާ ހަގީގީ ބަޖެޓަކަށް ވާން ޖެހޭނެ،" މެމްބަރު ސަލީމް ވިދާޅުވި އެވެ.
އެހެންނަމަވެސް ކްރައިސިސްގެ މި ހާލަތުން އަރައިގަތުމަށް ސަރުކާރުން އެދިފައިވާ 4.2 ބިލިއަން ރުފިޔާ ވީ އެންމެ އަވަހަކަށް އެޕްރޫވް ކުރުމަކީ ވަރަށް މުހިންމުކަމެއް ކަން ސަލީމް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އޭގެ މަގުސަދަކީ ދިވެހި ރައްޔިތުންނަށް ދައްޗެއް އުނދަގުލެއް ތުރާލެއް ކުރިމަތިވިޔަ ނުދިނުން ކަމަށެވެ.
"އެހެން ނަމަވެސް އެ ފައިސާ އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުން އެޕްރޫވް ކުރަން ޖެހޭނީ ފްރީ ޗެކެއްގެ ގޮތުގައި ނޫންކަން އަޅުގަނޑު ފާހަގަކުރަން. ދައުލަތުގެ ހަރަދަށް ޒިންމާވުމަށް ފުރިހަމައަށް އަޅުގަނޑުމެން ޝަރުތުކުރަން ޖެހޭނެ. މިއީ ރައްޔިތުންގެ ނަމުގައި ނަގާ ދަރަނި. މިއީ ރައްޔިތުންގެ ފައިސާ. އެހެންވީމަ މިދަނޑިވަޅުގައި ކިތަންމެ އުނދަގޫ ވިޔަސް ކިތަންމެ ދަތިވިޔަސް އަޅުގަނޑުމެން ވަކިން މުހިންމު ކަމެއް ދޭން ޖެހޭ ކަރޮޕްޝަން ނައްތާލުމަށް،" ސަލީމް ވިދާޅުވި އެވެ.
މަޖލީހުން ފާސްކޮށްގެން ދޫކުރާ ރައްޔިތުންގެ ފައިސާ ހަރަދު ކުރާނީ ކިހިނެއްތޯ ބަލައި އެކަމުގައި އެއްވެސް ކަހަލަ ކޮރަޕްޝަންގެ އަމެލެއް ހިނގާތޯ މަޖިލީހުން ކަށަވަރުކުރަން ޖެހޭނެ ކަން ސަލީމް ފާހަގަކުރެއްވި އެވެ.
މި ހާލަތަކީ އަޅުގަނޑުމެން އެންމެން ވެސް ގަބޫލުކުރާ ގޮތުގައި ކްރައިސިސްގެ ހާލަތުކަން. މިހާލާތުގައި އަޅުގަނޑުމެން ވިސްނަންވީ އަޅުގަނޑުމެންގެ ގައުމު ސަލާމަތް ކުރުމަށް. ބޮޑު އަދަވަޅަކަށް ގައުމު ވެއްޓުމުގެ ބަދަލުގައި ދަތި އުދަގޫ ފިޔަވަޅުތައް އަޅައިގެން ވެސް ގައުމު ސަލާމަތްކުރެވޭތޯ އަޅުގަނޑުމެން ބަލަންވީ،" ސަލީމް ވިދާޅުވި އެވެ.
މާލީ ހާލަތު ރަނގަޅު ކުރުމަށް މި ދަނޑިވަޅުގައި ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަން ސަލީމް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ފައިނޭންސް މިނިސްޓަރުގެ ވިސްނުން ހުންނާނެ ކަމަށެވެ. ނަމަވެސް އެ އަޅާ ފިޔަވަޅުތައް ރައްޔިތުންގެ މަޖިލީހަށް ސާފުކޮށް އެނގެން ޖެހޭނެ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
"މ ފަދަ ހާލަތެއްގައި އަޅުގަނޑުމެން މަސައްކަތްކުރާ އިރު ކޮންމެހެން ދިވެހި ސަރުކާރުން ނުޖެހޭ ނަގުދު ފައިސާ ހޯދަން މަސައްކަތްކުރާކަށް. އަޅުގަނޑުމެނަށް އިންކައިންޑް ނުވަތަ ތަކެތީގެ އެހީ ހޯދުމަށް މަސައްކަތް ކުރެވިދާނެ،" ސަލީމް ވިދާޅިވި އެވެ.