23 Apr 2020, 13:25
އިސްލާމް އާބާދު (23 އެޕްރީލް 2020) : ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އަށް ކޮރޯނާ ވައިރަސް "ކޮވިޑް-19" ޖެހިފައި ވެދާނެކަމަށް ޝައްކު ކުރެވޭތީ ޢިމްރާން ޚާން އެރޯގާއަށް ޓެސްޓް ކުރަން ތައްޔާރުވެ ވަޑައިގަންނަވާ ކަމަށް އިމްރާންގެ ޚާއްސަ ފިޒިޝަން ޑރ. ފައިސަލް ސުލްތޯން ވިދާޅުވެއްޖެ އެވެ.
ޑރ. ފައިސަލް ސުލްތޯން ވިދާޅުވީ ދާދިފަހުން އިމްރާން ބައްދަލުކުރެއްވި ޕާކިސްތާނުގެ މަހުޖަނެއްކަމަށްވާ ފައިސަލް އީދީ އިއްޔެވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. ފައިސަލް އީދީ އިމްރާންޚާން އާ ބައްދަލުކުރެއްވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ޕާކިސްތާން ސަރުކާރުން ހިންގާ ހަރަކާތްތަކަށް ފައިސާގެ ހިލޭ އެހީ ފޯރުކޮށްދިނުމަށް ޓަކައެވެ.
އީދީ އިމްރާން އާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަށް ފަހު އޭނާ ވަނީ އެތައް މިލިޔަން ޕާކިސްތާން ރުޕީސްގެ ޗެކެއް ހިލޭ އެހީގެ ގޮތުގައި އިމްރާންއާ ހަވާލުކުރައްވައިފަ އެވެ. އީދީއަކީ އޭނާ އަމިއްލައަށް ވެސް ފަގީރުންނަށް އެހީވުމުގެ ބޮޑު ޕްރޮގްރާމެއް ހިންގަވާ މަތިފެންވަރުގެ މަހުޖަނެކެވެ. ޕާކިސްތާނުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތުގައި މިނޫން ވެސް އެތައްް އެހީތަކެއް އީދީ ދަނީ ދެއްވަމުންނެވެ.
މީގެތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްޙީ އެހީތެރިންނަށް މުސާރަދިނުމާއި ސިއްހަތާ ބެހޭ ސާމާނު ފޯރުކޮށްދިނުން ހިމެނެ އެވެ. އީދީ އާއި އިމްރާންޚާން ބައްދަލުކުރެއްވިއިރު ދެބޭފުޅުން ވެސް މާސްކް ނާޅުއްވައި ތިއްބެވުމުން ޕާކިސްތާނުގެ އެތެރޭގައި ވެސް ވަނީ އެކަމަށް ފާޑުކިޔައިފަ އެވެ.
އެ ބައްދަލުކުރެއްވުމުގައި އެ ދެ ބޭފުޅުން އެއްބޭފުޅަކު އަނެއް ބޭފުޅަކާ ސަލާމް ކުރައްވައި އަދި ގާތުގައި ތިއްބަވައިގެން ވާހަކަ ދައްކަވާފައިވެ އެވެ. ޕާކިސްތާނުގެ މީޑިއާ ބުނާ ގޮތުން އިމްރާން ޚާން އީދީ އާ ބައްދަލުކުރެއްވި އިރު ވެސް އީދީ އަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ. ނަމަވެސް އެ ރޯގާގެ އެއްވެސް އަލާމާތެއް އޭރު އޭނާގެ ހަށިގަނޑުން ނުފެންނަ ކަމަށްވެ އެވެ.

އިމްރާންޚާން ޕާކިސްތާނުގެ ކަރަންޓީނު މަރުކަޒަކަށް ޒިޔާރަތް ކުރައްވަނީ
އީދީ އާ ބައްދަލުކުރެއްވުމަށް ފަހު ޕާކިސްތާން ސަރުކާރުގެ ގިނަ އަދަދެއްގެ އިސް މަސްއޫލުވެރިންނާ އިމްރާން ޚާން ވަނީ ބައްދަލުކުރައްވައިފަ އެވެ. އިމްރާން ބައްދަލުކުރެއްވި މަސްއޫލުވެރިންގެ ތެރޭގައި އޭނާގެ ސަރުކާރުގެ ވަޒީރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެހެންކަމުން އިމްރާން ޚާން ގެ އިތުރުން ޕާކިސްތާނުގެ ބައެއް ވަޒީރުންނާއި އިސްމަސްއޫލުވެރިންގެ ތެރެއިން ބައެއް ބޭފުޅުންނަށް ކޮވިޑް-19 ޖެހިފައިވެދާނެކަމުގެ ބިރުވަނީ ހީވެފަ އެވެ.
ޕާކިސްތާނުގައި ކޮވިޑް-19 ފެތުރެމުންދާތީ އެ ރޯގާ ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ކުރިޔަށް ގެންދަނީ ސީދާ އިމްރާން ޚާންގެ ބެއްލެވުމުގެ ދަށުންނެވެ. އެހެންކަމުން އިމްރާން އުޅުއްވަނީ ވަރަށް ބިޒީކޮށް ކަމަށްވެއެވެ.
ޗައިނާގެ އެހީގައި ޕާކިސްތާންވަނީ ކޮވިޑް-19 އަށް ޓެސްޓްކުރާ ކިޓްތަކާއި ވެންޓިލޭޓަރާއި ރައްކާތެރިކަމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ސާމާނާއި ޑިސްއިންފެކްޓް ކުރުމަށް ބޭނުންކުރާ މެޝިންތައް އެގައުމަށް އެތެރެކޮށްފަ އެވެ. އަދި ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ޗައިނާގައި އިސް ދައުރުތައް އަދާކުރެއްވި ބައެއް ތަޖްރިބާކާރުން ވެސް ދާދިފަހުން ވަނީ ޕާކިސްތާނަށް ޒިޔާރަތް ކުރައްވައިފަ އެވެ.
މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ޕާކިސްތާނުގެ އިގްތިސާދު ނެގެހެއްޓުމަށް ޓަކައި ފައިސާގެ ބޮޑު އެހީ އެއްވެސް ދިނުމާ ބެހޭ ގޮތުން ޗައިނާ އިން ޕާކިސްތާން ސަރުކާރާ މަޝްވަރާ ކުރަމުން ގެންދާ ކަމަށް ވެސް ޚަބަރު ލިބެ އެވެ.
ޕާކިސްތާނުގައި މިހާތަނަށް 10 ހާހަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު 224 މީހުން އެރޯގާގައި މަރުވެފައިވެ އެވެ. ނަމަވެސް ޕާކިސްތާނުގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ ހަގީގީ އަދަދު މިއަށް ވުރެ ދެގުނަ ނުވަތަ ތިންގުނަ އިތުރުވާނެ ކަމަށް އެގައުމުގެ ސިއްޙަތާ ބެހޭ ތަޖްރިބާކާރުން އަންދާޒާ ކުރައްވަ އެވެ.
ޕާކިސްތާން ސަރުކާރުން ވަނީ އިޖްތިމާއީ ގައިދުރުކަން ބަހައްޓާ ގޮތަށް މިހާރެކޭ އެއްގޮތަށް ރަމަޟާން މަހު ވެސް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމާއި ތަރާވީހު ކުރުމުގެ ފުރުސަތު ދީފަ އެވެ. ނަމަވެސް ކޮވިޑް-19 ފެތުރޭ މިންވަރު އާދަޔާ ޚިލާފަށް އިތުރުވާން ފަށައިފި ނަމަ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދާއި ތަރާވީހު ކުރުމުގެ ފުރުސަތު ދިނުން ވަގުތީ ގޮތުން ހުއްޓާލަން ޖެހިދާނެ ކަމަށް ޕާކިސްތާނުގެ މަސްއޫލުވެރިން ވިދާޅުވެފައިވެ އެވެ. (ޕާކިސްތާން މީޑީއާ)