ކޮވިޑް19 އާ ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެއްގައި ނޫސްވެރިޔަކު ބޭނުންކުރި ލަފްޒެއްގެ މައްސަލަ ވަރަށް ހޫނުވި އެވެ. ބިދޭސީންނަށް "ބަންގާޅީން" ކިޔުމުން ޕްރެސް ދެއްވަން އިންނެވި ޑރ. ނަޒްލާ ރަފީގް ވަނީ ނޫސްވެރިިޔާ ވަގުތުން ހުއްޓުވައިފަ އެވެ. އަދި އެމީހުންނަކީ ވެސް އިންސާނުން ކަމަށާއި، އެއްވެސް ތަފާތު ކުރުމެއްނެތި އެ އިހްތިރާމް އެމީހުންނަށް ދިނުމަށް އިލްތިމާސް ކުރެއްވި އެވެ.

ހަމަ އެ ނޫސްވެރިންގެ ބައްދަލުވުމުގައި، ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވެސް ވަނީ ބިދޭސީންނާ މެދު ތަފާތު ނުކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި ސަރުކާރުން އެފަދަ ތަފާތުކުރުމެއް ނުގެންގުޅޭނެކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ.

ނަމަވެސް އެ ވާހަކަތަކަށް ތިން ދުވަސް ވީތަނާ، ފެނުނީ ވަރަށް ދެރަވަރު މަންޒަރެކެވެ. މާލެއިން ޕޮޒިޓިވްވި ކޭސްތަކަކާ ގުޅިގެން ކަރަންޓީނު ކުރުމަށް ވިލިވަރު "ފެސިލިޓީއަށް" ގެންދިޔަ 80 ބިދޭސީއަކު ބައިިތިއްބާފައި ތިބި ތަނުގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވި އެވެ.

ބިދޭސީން ބައިިތިއްބާފައި ތިބީ ޓިނުން ހަދާފައި ހުރި ތަނެއްގަ އެވެ. ފާހާނާތަކުގެ ދޮރެއް ނެތެވެ. ވީޑިއޯތަކުގައި ވާހަކަ ދެއްކި ބިދޭސީއަކު ބުނެފައި ވަނީ ފާހާނާކުރަން އިންނަ އިރު ކުރިމަތީގައިި ހުންނަ ފާހާނައިގައި އިންނަ މީހާ ފެންނަ ކަމަށެވެ.

"ފެން ވެސް ނެތީ.. މިތާ ރަނގަޅު މީހާ އުޅުނީމާ ބަލިވަނީ. ކިހިނެއް ފެން ވަރަނީ. ކިހިނެއް އަތް ދޮންނަނީ. މިތާ ފޮނުވަނީ މަރުވާން،" ވީޑިއޯއެއްގައި ބިދޭސީއަކު ބުނެ އެވެ.

މި މައްސަލަ ފެންމަތިވުމާ އެކު ނޫސްވެރިން މި ސުވާލު މަބްރޫކާ ކުރިއެެވެ. ފުރަތަމަ ދުވަހު މަބްރޫކް ވިދާޅުވީ އެފަދަ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

ނަމަވެސް ދެން އޮތް ޕްރެސްއަށް މަބްރޫކް ވަޑައިގަތީ އެކަން ހިނގާދިޔަ ގޮތް އޮޅުންފިިލުވައިދެއްވުމަށް ހުރިހާ މައުލޫމާތެއް ހިފައިގެންނެވެ. އަދި އެކަން އެގޮތަށް ހިނގައިދިޔަ ކަމަށް ޓަކައި މައާފަށް ވެސް އެދިވަޑައިގަތެވެ. ބިދޭސީން ބައިިތިއްބާފައި ތިބީ އިންސާނުން ބައިިތިއްބަން އެކަށީގެންވާ ތަނެއްގައި ނޫން ކަމަށް އެއްބަސްވެވަޑައިގަތެވެ.

މަބްރޫކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ހަމަ އިންތިހާއަށް އަޅުގަނޑު މައާފަށް އެދެން. އެއީކީއެއް މީހުން ބައިިތިއްބަން ގެންދާވަރު ތަނެއް ނޫން. އެގޮތަށް އެކަމެއް ނުވެސް ކުރާނެ،" މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ އެމީހުންނަކީ ވަރަށް ބޮޑަށް ތޮއްޖެހިގެން ދިރިއުޅޭ ބައެއް ކަމަށާއި، އެހެންކަމުން އެމީހުން މާލޭގައި ބައިތިއްބައިފިނަމަ ކޮމިއުނިޓީ ސްޕްރެޑަކަށް ވަރަށް ބޮޑަށް ފުރުސަތު އޮތުމުން އެމީހުން ވީ އެންމެ އަވަހަކަށް އެހެން ތަނަކަށް ބަދަލުކުރަން ޖެހުނީ ކަމަށެވެ.

އަވަހަށް އެކަން ކުރުމުގެ ތެރޭގައި މީހުން ފެސިލިޓީތަކަށް ގެންދާ ޓީމަށް، ބިދޭސީން ވިލިވަރުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރިއިރު ބޭނުންކުރި ފެސިލިޓީއަކަށް ގެންދެވުނީއެވެ.

"ވަރަށް އަވަހަށް މާލެއިން މޫވް ކުރަން ޖެހިގެން މޫވް ކުރެވުނީ، ކުރެވުނު އިރު ފުރަތަމަ އެ ފެސިލިޓީއަށް ގެންދެވުނީ،" މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ ވިލިވަރުގައި ހުރީ ޓުއަރިޒަމް މިނިސްޓްރީން ހަދާފައި ހުރި 30 ކޮޓަރި ކަމަށެވެ. މާލެއިން ގެންދިޔައީ 80 ބިދޭސީން ކަމަށެވެ. މަބްރޫކް ތަކުރާރުކޮށް ބިދޭސީންގެ އަދަދު ވިދާޅުވި އެވެ. ސަބަބަކީ ކޮބައިތޯއެވެ؟ އެތަނުގައި ހުރި ކޮޓަރީގެ އަދަދާއި، އެކަހެރިކުރި ބިދޭސީންގެ އަދަދު ނުބައްދަލުކަން ބަޔާންކޮށްދެއްވުމެެވެ.

ނަމަވެސް ޓިނު ފެސިލިޓީގަައި ބިދޭސީން ބައިތިއްބާފައި ތިބީ ވަކި މީހަކަށް ވަކި ކޮޓަރިއެއްގައެއް ނޫނެވެ. ބަންކް ބެޑު ޖަހައި އެންމެން ބައިތިއްބާފައި ތިބީ އެއް ތަނެއްގައެވެ. ވިލިވަރުގައި ހުރި 30 ކޮޓަރީގައި މީގެކުރިން ވެސް ފަތުރުވެރިން ވެސް އެކަހެރިކޮށްފައި ބޭތިއްބިއެވެ. ބިދޭސީންވެސް އެ ކޮޓަރިތަކަށް ބަހާލެވުނީހެވެ. މިފަހަރު ތަފާތުވީ ކުލަ އާއި ގައުމު ބާވައެވެ.

އޭޕްރީލް 22، 2020: ބިދޭސީންތަކެއް މަގުމަތިން ދަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއާއެކު މަބްރޫކް ވިދާޅުވީ އެމީހުން އެތަނަށް ގެންދިޔައީ ގިނަ ދުވަހަކު ބައިތިއްބަން ނޫން ކަމަށެވެ. އެކަމަކު މިއީވެސް ސަރުކާރުގެ މި ނިންމުން ދިފާއު ކުރެވޭ ކަހަލަ އުޒުރެއް ނޫނެވެ.

މިހާރު މާލެއިން ޕޮޒިޓިވްވެގެން އުޅޭ ކޭސްތަކާ ގުޅިގެން އެއްފަހަރާ އެތަކެއް ދިވެހިން ވެސް ވަނީ އެކަހެރިކޮށްފަ އެވެ. އެއިން އެއްވެސް މީހަކު ވިލިވަރުގައި ހުރި ޓިނު ފެސިލިޓީގައި "ޓްރާންސިޓް" ވާކަށް ނުޖެހެ އެވެ.

ދިވެހީންގެ 80 މީހުން މާލެއިންް އެކަހެރިކުރަން ޖެހުނު ނަމަ، އެތަނުގައިި މަޑު ނުކުރުވާނެކަން ޔަގީނެވެ. މާލޭގައި ސެލްފް އައިސޮލޭޓް ނުވެވޭނަމަ، އެހެން ފެސިލިޓީއަކުން އެކަން ހަމަޖައްސައިދޭނެކަމުގެ ޔަގީންކަން ސަރުކާރުން އޮތީ މީގެ ކުރިން ދީފައެވެ.

ކޮވިޑް19 އާ ގުޅިގެން އެކަހެރި ކުރި ހުރިހާ ދިވެހީންވެސް، އަދި ފަތުރުވެރިން ވެސް ބައިތިއްބާފައި ތިބީ ފެންވަރު ރަނގަޅު ތަންތަނުގަ އެވެ. އެކަހެރި ބިދޭސީންނާ ދޭތެރޭ ތަފާތުކުރުމެއް އައީ ކީއްވެ ބާވައެވެ.

އޭޕްރީލް 22، 2020: ބިދޭސީ މާލޭގެ ބާޒާރުމަތީގައި ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޮޑެތި ފާޑުކިޔުންތަކަކާ އެކު، އެ 80 ބިދޭސީން މިހާރު ވަނީ ސަން ސިޔާމް އިރުފުށި، އަދި ކުޑަ ބަނޑޮހުގައި ގާއިމުކޮށްފައިވާ ފެސިލިޓީއަށް ބަދަލުކޮށްފަ އެވެ. ކުރިން ވެސް މިގޮތް އޮތެވެ. އެ ދެ ރިސޯޓު ކަރަންޓީނު ފެސިލިޓީއަކަށް ބަދަލުކުރިކަން ހާމަކުރީ މިދިޔަ ހަފްތާގަ އެވެ.

އެހެންކަމުން މިކަމުގެ ދިފާއުގައި ދައްކާ ވާހަކަ ދިމަލެއް ނުވެ އެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވަނީ ކޮވިޑް19 އާ ގުޅިގެން ފަރުވާ ކުރުމުގައި ދިވެހީންނާއި ބިދޭސީން އެއްވެސް ވަރަކަށް ތަފާތު ނުކުރާނެ ކަމަށެވެ.

ނަމަވެސް ބުނެލާ ބަހަކުން އަދި މި ތަފާތުކުރުމަަށް ނިމުމެއް ނާދެ އެވެ. ދިވެހިންގެ ތެރެއިން ބަޔަކު، ބިދޭސީންނަކީ ހާއްސަކޮށް ބަނގުލާދޭޝް އިން ރާއްޖެ އައިސް ތިބި މަސައްކަތްތެރީންނާ ދޭތެރޭ ދެކެނީ ދަށު ދަރަޖައިގެ އިންސާނުންގެ ގޮތުގަ އެވެ.

ކޮވިޑް19 އާ ގުޅިގެން މިހާރު ދިމާވެފައިިވާ ދަތިކަމުގައި ވެސް އެންމެ ހާލު ޖެހިފައި ވަނީ އެމީހުންނަށެވެ. ކާ އެއްޗެއް ހޯދަން ފިހާރައިގެ ކިޔޫ އަކަށް އެރުމުން ފައްސާލަ އެވެ. ޑެލިވަރީ ހިފައިގެން ދިއުމުން ދެރަ ބަސް ބުނެ އެމީހުން ކުޑަކޮށްލަ އެވެ.

މިފަދަ ކަންކަން ނުކުރުމަށް ސަރުކާރުން އިލްތިމާސް ކޮށްލާފައި، ބިދޭސީން ގެންގޮސް ކޮށްޓަކަށް އަޅައިލަން ލަދުގަންނަން ޖެހޭނެ އެވެ. އާންމު ރައްޔިތުންގެ ފަރާތުން ބިދޭސީންނަށް އިހްތިރާމާއި ގަދަރަށް އެދޭ އިރު، ސަރުކާރުން ވެސް އެކަން ފެންނަން ޖެހޭނެ އެވެ. މިކަމަށް ދެން ދައްކާނެ އިތުރު "އެކްސްކިއުޒް" އެއް ނެތެވެ.

އޭޕްރީލް 22، 2020: ބިދޭސީއެއް ފޭސްމާސްކު އަޅައިގެން މުދާ ބަރުކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ވެސް ކޮވިޑް އިން ރައްކާތެރިވާން ގިނަ ދިވެހިން ގޭގައި މަޑުކޮށްގެން ތިބި އިރު، ބިދޭސީން އެތިބީ ހިދުމަތަށް ނުކުމެ އެވެ. އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ. އެމީހުން ރާއްޖެ ގެނައި މީހުން ބިދޭސީންގެ އަސާސީ ހައްގުތަކަށް އިހުމާލުވޭތޯ ބެލޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރަން ޖެހެ އެވެ.