ފެމިލީ ލީގަލް ކްލިނިކާއި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާ ގުޅިގެން ފާއިތުވި ދެ ދުވަހު ކާބޯތަކެތީގެ އެހީތެރިކަން ބޭނުންވެފައިވާ 14 އާއިލާއަކަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދީފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ކުލި ނުދައްކައިގެން ބޭރުކުރުމުގެ އިތުރުން، މި މަހުގެ 15 ވަނަ ދުވަހު މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ބައެއް މީހުން މަގުމަތިވެ ހާލުގައި ޖެހުނެވެ. އޭގެ ތެރޭގައި އެކި ކަންކަމުގައި މާލެ އައިސް، ލޮކްޑައަން ކުރުމުން މާލެއިން ނުފުރި ތާށިވެފައިވާ މީހުން ހިމެނެއެވެ.

ޖެންޑާއިން ވަނީ އެފަދަ ފަރާތްތަކުން ޖެންޑާއަށް ރިޕޯޓު ކުރުމަށް އެދިފައެވެ. މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވެސް ޖެންޑާއިން އަންނަނީ އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޖެންޑާއިން ކުރި ޓުވީޓެެއްގައި ބުނީ ފާއިތުވި ދެ ދުވަހު 14 އާއިލާއަކަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށާއި، މީގެ އިތުރުން ވިމެންސް އާޓްސް އެންޑް ކްރާފްޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން އިތުރު ދެ އާއިލާއަކަށް މިނިސްޓްރީން ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

މާލޭ ސަރަހައްދުގައި ގެއިން ނެރެގެން ނުވަތަ އެހެނިހެން ސަބަބުތަކާ ހުރެ ހާލުގައި ޖެހޭ މީހުން ބައިތިއްބަން އެންމެ ފުރަތަމަ ބޭނުން ކުރީ އިމާދުއްދީން ސްކޫލެވެ.

އެ ސްކޫލުގެ އިތުރުން، މިހާރު ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލު ވެސް ވަގުތީ ހިޔާގެ ގޮތުގައި އަންނަނީ ބޭނުންކުރަމުންނެވެ.

ޖެންޑާއިން ބުނީ އިމާދުއްދީން ސްކޫލުގައި ގާއިމުކޮށްފައިވާ ވަގުތީ ހިޔާގައި ތިބި ފަރާތްތަކުގެ ތެރެއިން 17 ފަރާތެއް މިހާރު ޣާޒީ ސްކޫލުގައި ގާއިމުކޮށްފައިވާ ވަގުތީ ހިޔާއަށް ބަދަލުކުރެވިފައިވާ ކަމަށެވެ.

މި ވަގުތު އިމާދުއްދީން ސްކޫލުގައި 11 ފަރާތެއް އަދި ޣާޒީ ސްކޫލުގައި 18 ފަރާތެއް އެބަތިއްބެވެ.

މީގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އެހީތެރިކަމާއެކު ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލު ވެސް ވަގުތީ ހިޔާއަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ މުޅިން ނިމިފައެވެ.

ހުޅުމާލޭގައި ހުންނަ ހުޅުމާލޭ ފުޓުބޯލް ސްކޫލުގެ އެކޮމަޑޭޝަން ބްލޮކުގެ 24 ކޮޓަރިއެއްވެސް ވަގުތީ ހިޔާއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިއަދު ޔޫތު މިނިސްޓްރީއިން ވަނި ބުނެފަ އެވެ.

މާލޭގައި މަގުމަތިވި 87 މީހަކަށް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖެންޑާއިން އަންނަނީ ކެއިންބުއިމާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ. އަދި މާލެއިން ނުފުރި އެހީތެެރިިކަން ބޭނުންވެގެން މާލެ ސިޓީ ކައުންސިލަށް ރިޕޯޓުކުރި 400އަށް ވުރެ ގިނަ ފަރާތްތަކަށް އެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ކައުންސިލްއާއެކު މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ.